ކުޅިވަރު

ނެޓްސް އާއި ރެޕްޓަރސް ބައްދަލުކުރިމެޗް ނެޓްސް ކާމިޔާބުކޮށްފި



އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ބްރޫކްލިން ނެޓްސް އާއި ޓޮރޮންޓޯ ރެޕްޓަރސް ބައްދަލުކުރިމެޗް ނެޓްސް ކަމިޔާބުކޮށްފިއެވެ. މިމެޗް ނެޓްސް ކާމިޔާބުކުރީ 116 ޕޮއިންޓް 103 ޕޮއިންޓުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ނެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދައްކާފައިވަނީ 22 ޕޮއިންޓް ހޯދައިދީ 8 ރީބައުންޑް ނަގައިދިން ޖެފް ގްރޫންއެވެ. އަދި ރެޕްޓަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 21 ޕޮއިންޓް ހޯދައިދިން އޯޖީ އަނުނޮބީއެވެ.

މިމުބާރާތުގައި މިލްވައުކީ ބަކްސް އާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރިމެޗް 114 ޕޮއިންޓް 104 ޕޮއިންޓުން ކާމިޔާބުކުރީ ބަކްސްއެވެ. މިމެޗްގައި ބަކްސްގެ ޖިއާނިސް އެންޓެޓޮކޮއުމްޕޯ ވަނީ 29 ޕޮއިންޓް ހޯދައިދީ 12 ރީބައުންޑް ނަގާ 8 އެސިސްޓް ކޮށްފައެވެ. އަދި ހޯނެޓްސްގެ މައިލްސް ބްރިޖެސްވަނީ 21 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގާ 6 އެސިސްޓް ކޮށްފައެވެ. މީގެއިތުރުން ޑެލަސް މެވްރިކްސް އާއި ގޯލްޑަން ސްޓޭޓް ވޮރިއަރސް ބައްދަލުކުރިމެޗް 133 ޕޮއިންޓް 103 ޕޮއިންޓުން ކާމިޔާބުކުރީ މެވްރިކްސްއެވެ. މިމެޗްގައި މެވްރިކްސްގެ ލޫކާ ޑޮންޗިޗްވަނީ 39 ޕޮއިންޓް ހޯދައިދީ 6 ރީބައުންޑް ނަގާ 8 އެސިސްޓް ކޮށްފައެވެ. އަދި ވޮރިއަރސްގެ މީޗެލް މުލްޑަރވަނީ 26 ޕޮއިންޓް ހޯދައިދީފައެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު ޕޯޓްލަންޑް ޓްރެއިލް ބްލޭޒަރސް އާއި އިންޑިއާނާ ޕޭސަރސް ބައްދަލުކުރިމެޗް 133 ޕޮއިންޓް 112 ޕޮއިންޓުން ޓްރެއިލް ބްލޭޒަރސް ކާމިޔާބު ކުރިއިރު މިނެސޯޓާ ޓިމްބަރވުލްވްސް އައި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރިމެޗް 114 ޕޮއިންޓް 107 ޕޮއިންޓުން ކާމިޔާބުކުރީ ވުލްވްސްއެވެ. އަދި ބޮސްޓަން ސެލްޓިކްސް އާއި އޮކްލޮހޯމާ ސިޓީ ތަންޑަރ ބައްދަލުކުރިމެޗް 119 ޕޮއިންޓް 115 ޕޮއިންޓުން ކާމިޔާބުކުރީ ތަންޑަރއެވެ.