ޚަބަރު

މެޑިކަލް އޮކްސިޖަން ކޮރަޕްޝަންގެ ފައިސާ ހޯދުމަށް ޤާނޫނީ ފިޔަވަޅު އެޅުމަށް ފާސްކޮށްފި


މޯލްޑިވް ގޭސްއިން މެޑިކަލް އޮކްސިޖަން ސިލިންޑަރުތައް ގެނައުމުގައި ކޮރަޕްޝަން ހިންގާފައިވާތީ ގެއްލުނު ފައިސާ ހޯދުމަށް ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން އެގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ ވޯޓުންނެވެ.

މި މައްސަލަ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީން ދިރާސާކޮށް މަޖިލީހުން ފާސްކުރި ރިޕޯޓްގައި ވަނީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން، ދިވެހިރާއްޖޭގެ ސިއްޙީ ނިޒާމް ހަރުދަނާކުރުމަށް މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ގެނެސްފައިވާ މެޑިކަލް އޮކްސިޖަން ސިލިންޑަރުތައް ގެނައުމުގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގާފައިވާކަން ފާހަގަކުރެވޭކަމަށެވެ. އަދި މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުން އޯޑަރު ދީފައިވަނީ އާ ސިލިންޑަރު ގަންނަން ނަމަވެސް އޭ އެންޑް ޖީ އިންޑަސްޓްރިއަލް ގޭސް ޕްރައިވެޓް ލިމިޓެޑުންނާއި ޕްރޯބިޒް އިމްޕެކްސް ޕްރައިވެޓް ލިމިޓެޑުން ފޮނުވާފައިވަނީ ބާ ސިލިންޑަރުކަން ކޮމިޓީއަށް ލިބިފައިވާ ލިޔެކިޔުންތަކުން ކަށަވަރު ކުރެވިފައިވާކަމަށްވެސް ރިޕޯޓްގައިވެއެވެ.

މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ގެނެސްފައިވާ މެޑިކަލް އޮކްސިޖަން ސިލިންޑަރުތައް ގެނައުމުގައި ކުންފުންޏަށް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާކަން ފާހަގަކުރެވޭކަމަށާއި، ރާއްޖެ ގެނެސްފައިވާ އޮކްސިޖަން ސިލިންޑަރުތައް "ހައިޑްރޮސްޓޭޓިކްޓެސްޓް ހެދިގެން މެނުވީ ބޭނުން ނުކުރެވޭނެކަމާއި، އަދި "ހައިޑްރޮސްޓޭޓިކް" ޓެސްޓް ހެދުމަށް އެތައް ހޭދައެއް ކުރަންޖެހިފައިވުމުން، ކުންފުންޏަށް ވަރަށް ބޮޑު ގެއްލުމެއް ވެފައިވާކަންވެސް ކޮމިޓީ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން އެގެއްލުމުގެ ބަދަލު އޭ އެންޑް ޑީ އިންޑަސްޓްރިއަލް ގޭސް ޕްރައިވެޓް ލިމިޓެޑުންނާއި، ޕްރޯބިޒް އިމްޕެކްސް ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް އެ ދެ ކުންފުންޏާ ނެގޯޝިއޭޓްކުރުމަށާއި، އެ ފައިސާ ހޯދުމަށް ޤާނޫނީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑަށް ދެންނެވުމަށްވެސް މަޖިލީހުން ފާސްކުރި ރިޕޯޓްގައިވެއެވެ. މީގެއިތުރުން މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުގައި ހިންގަމުން އަންނަ މިފަދަ ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުމަކަށް ގެނެސް، އެފަދަ ކަންކަން ތަކުރާރު ނުވާނޭހެން ކުންފުނި ބައްޓަންކުރުމަށް އެކުންފުންޏަށް އެންގުމަށްވެސް މަޖިލީހުން ފާސްކުރެއްވި ރިޕޯޓްގައިވެއެވެ. އަދި ޕްރޮކިއުމަންޓް ޕޮލިސީ އިޞްލާޙުކުރުމަށްފަހު މިމަހުގެ 30ގެ ކުރިން އެސްއޯއީ ކޮމިޓީއަށް ފޮނުއްވުމަށް ދެންނެވުމަށްވެސް ފާސްކުރި ރިޕޯޓްގައިވެއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން، ރާއްޖޭގެ ސިއްޙީ ނިޒާމަށް ބޭނުންވާ މެޑިކަލް އޮކްސިޖަން ސިލިންޑަރުތައް ގެނައުމުގައި ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުވެސް ހުރީ ސަސްޕެންޑްކޮށްފައެވެ. އެ ކުންފުންޏަނަކީ މިދިޔަ ސަރުކާރުގެ ދައުރުގައިވެސް ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ހާމަވި ކުންފުންޏެކެވެ.