ތަޢުލީމު

2016 ބަޖެޓް: ތައުލީމީ ދާއިރާއަށް ބަޖެޓުގެ 12 އިންސައްތަ


 އަންނަ އަހަރަށް
ލަފާ ކުރާ ދަޢުލަތުގެ ބަޖެޓުގެ 12 އިންސައްތަ ތަޢުލީމީ ދާއިރާއަށް ހޭދަކުރުމަށް
ބަޖެޓްގައި ހިމަނާފައިވާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވެއްޖެއެވެ. 

އަންނަ އަހަރަށް
ލަފާކުރާ ދަޢުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް
މިނިސްޓަރ އަބްދުﷲ ޖިހާދު ވިދާޅުވީ ދެހާސްސޯޅަވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި
ތަޢުލީމީ ދާއިރާއަށް 3.2 ބިލިއަން ރުފިޔާ ހިމަނާފައިވާކަމަށެވެ. މިއީ
މިހިނގަމުންމިދާ ދެހާސްފަނަރަ ވަނަ އަހަރު ޚަރަދުވާނެކަމަށް ލަފާކުރާ އަދަދަށްވުރެ
8 އިންސައްތަ އިތުރު ޢަދަދެކެވެ. 



އަންނަ އަހަރުގެ
ބަޖެޓްގައި ތަޢުލީމީ ދާއިރާއިން ކުރުމަށް ރާވާފައިވާ ކަންތައްތަކުގެތެރޭގައި
"އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތު"ގެ ދަށުން ހިންގާ ބީޓެކް
ޕްރޮގްރާމާއި، ދަސްވާރު ޕްރޮގްރާމް އަދި މިހާރުވެސް ކުރިއަށްގެންދާ ލޯންސްކީމްގެ
ފުރުސަތުވެސް ކުރިއަށްގެންދިޔުމަށް ބަޖެޓްކޮށްފައިވާކަމަށް ފިނޭންސް މިނިސްޓަރ
ވިދާޅުވިއެވެ. 



މީގެ އިތުރަށް
ތަޢުލީމީ ދާއިރާގެ ޢުމްރާނީ ތަަރައްޤީއަށް ޕީއެސްއައިޕީގެ 4.3 އިންސައްތަ
ހޭދަކުރުމަށް ވަނީ ނިންމާފައެވެ. މީގެތެރޭގައި މާލެ އާއި އަތޮޅުތެރޭގެ ސްކޫލްތަކުގެ
ޖާގައިގެ ދަތިކަން ޙައްލުކުރުމަށް 96 މަޝްރޫޢަކަށް ބަޖެޓް ކުރެވިފައިވާއިރު
ރާއްޖޭގެ ސްކޫލްތަކުގައި މަލްޓި ގްރޭޑް ކްލާސްރޫމް ތަރައްޤީކުރުމަށް އަދި ޕްރީ
ސްކޫލް ދަރިވަރުންގެ ޕްލޭއޭރިޔާ ތަރައްޤީކުރުމަށް ވަނީ ބަޖެޓްކޮށްފައެވެ. 



ރާއްޖޭގެ ދީނީ
ޤައުމީ ވަޙްދަތު ޙިމާޔަތްކޮށް، އިސްލާމީ މަލަތައް ފުޅާކޮށް ފާޅުކުރުމަށްޓަކައި
އިސްލާމީ ތަޢުލީމު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް އިސްލާމީ
ތަޢުލީމު ދިނުމަށްޓަކައި ޒަމާނީ ވަސީލަތްތަކާއެކު ރާއްޖޭގައި އިސްލާމިކް
ޔުނިވަރސިޓީއެއް ޤާޢިމުކުރުމުގެ ވައުދުގެ ދަށުން އެޔުނިވަރސިޓީގެ މަޤުސަދުތަކަށް
މަގުފަހިކުރުމަށްވެސް އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި އިސްކަންދީފައިވާކަމަށް
ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ

 އެގޮތުން އިސްލާމިކް ޔުނިވަރސިޓީގެ މަޤުސަދުތައް
ފުރިހަމަކުރުމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި 7 މިލިއަނަށްވުރެން ގިނަ )74،182،769( ރުފިޔާ ވަނީ ބަޖެޓްކޮށްފައެވެ.