ދުނިޔޭގެ ވިޔަފާރި

އިނގިރޭސިވިލާތުގެ އިޤްތިޞާދު އެމެރިކާއަށްވުރެ ކުރިއަރާނެ


ކޯވިޑަށްފަހު އެމެރިކާގެ އިޤްތިޞާދަށްވުރެ އަވަހަށް އިނގިރޭސި ވިލާތުގެ އިޤްތިޞާދު ކުރިއަރަގެން ދާނެކަމަށް އިންވެސްޓްމަންޓް ބޭންކެއްކަމަށްވާ ގޯލްޑްމޭންއިން ބުނެފިއެވެ.

ގޯލްޑްމޭންއިން ބުނީ މިހާރުގެ ޑޭޓާއަށް ބަލާއިރު އިނގިރޭސިވިލާތުގެ އިޤްތިޞާދަށް %7.8 ގެ ކުރިއެރުމެއް ލިބޭނެކަމަށެވެ. ނަމަވެސް މިއީ މީގެކުރިން ގޯލްޑްމޭންއިން އުންމީދުކުރިގޮތާއި ޚިލާފަށް އައި އިތުރުވުމެކެވެ. ގޯލްޑްމޭންއިން ލަފާކުރިގޮތުގައި އިނގިރޭސިވިލާތުގެ އިޤްތިޞާދު އިތުރުވާނީ %7.1 އެވެ. އަދި އެމެރިކާއަށް އިތުރުވާނީ %7.2 ކަމަށެވެ.

ރޮއިޓާރސްއިން ޝާއިޢުކޮށްފައިވާ ޕޯލަކުން ދައްކާގޮތުގައި އިނގިރޭސިވިލާތުގެ އިޤްތިޞާދަށް އެވަރޭޖްކޮށް %5.0 ކުރިއެރުން ލިބޭނެއެވެ. އިނގިރޭސިވިލާތަކީ މިއަހަރު ދުނިޔޭގެ 5 ވަނައަށް އެންމެ ބޮޑު އިޤްތިޞާދު އޮންނަ ޤައުމެވެ.

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން ލަފާކުރަނީ މި އިޤްތިޞާދު %5.3 އަށް ފުޅާވެގެންދާނެކަމަށެވެ. މި ލަފާކުރުންތަކާއެކު އެޤައުމުގެ އިޤްތިޞާދު މިހާރުވަނީ ރަގަޅުވާން ފަށާފައެވެ.

އެޤައުމުގެ ރީޓޭއިލް ސޭލްސްވެސް ވަނީ މާރިޗްމަހު %5.4 އަށް އިތުރުވެފައެވެ. ކޯވިޑްގެ ބަލިމަޑުކަމާ ހެދި އަވަށްޓެރި އެހެން ޤައުމުތަކަށް ވުރެ ދިގު ފުރަބަންދަކަށް އިނގިރޭސިވިލާތުން މިދިޔަ އަހަރު ވަނީ ކުރިމަތިލާންޖެހިފައެވެ. މީގެ ސަބަބުން ގާތްގަޑަކަށް %10ގެ އިޤްތިޞާދީ ހީނަރުކަމެއް އެޤައުމަށް ވަނީ އައިސްފައެވެ. އިނގިރޭސި ވިލާތާ އަޅާބަލާއިރު އެމެރިކާއިން ވަނީ %3.5ގެ އިޤްތިޞާދީ ހީނަރުކަމަކާއި ކުރިމަތިލާން ޖެހިފައިވާކަމަށް އައިއެމްއެފްއިން ބުނެއެވެ.

ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަނެވެމުންދާތީ ކުރިއަށްހުރި ކުއާޓަރުތަކުގައި އަވަސް ކުރިއެރުމެއް ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް ބޭންކް އޮފް އިންގްލޭންޑްގެ ގަވަރުނަރު ވަނީ ބުނެފައެވެ.