އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ލޮސް އެންޖަލިސް ލޭކަރސް އާއި އޯލާންޑޯ މެޖިކް ބައްދަލުކުރިމެޗް ލޭކަރސް ކާމިޔާބުކޮށްފިއެވެ. މިމެޗް ލޭކަރސް ކާމިޔާބުކުރީ 114 ޕޮއިންޓް 103 ޕޮއިންޓުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ލޭކަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 21 ޕޮއިންޓް ހޯދައިދީ 10 އެސިސްޓް ދިން ޑެނިސް ޝްރޯޑަރއެވެ. އަދި މެޖިކްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 15 ޕޮއިންޓް ހޯދައިދީ 7 އެސިސްޓް ދިން ކޯލް އެންތަނީއެވެ.
މިމުބާރާތުގައި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އާއި އޮކްލޮހޯމާ ސިޓީ ތަންޑަރ ބައްދަލުކުރިމެޗް 121 ޕޮއިންޓް 90 ޕޮއިންޓުން ކާމިޔާބުކުރީ ސިކްސަރސް. މިމެޗްގައި ސިކްސަރސްގެ ޖޮއެލް އެމްބިޑްވަނީ އެޓީމަށް 21 ޕޮއިންޓް ހޯދައިދީފައެވެ. އަދި ތަންޑަރއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 22 ޕޮއިންޓް ހޯދައިދިން ޓައި ޖެރޯމްއެވެ. މީގެއިތުރުން ފީނިކްސް ސަންސް އާއި ނިއުޔޯކް ނިކްސް ބައްދަލުކުރިމެޗް 118 ޕޮއިންޓް 110 ޕޮއިންޓުން ކާމިޔާބުކުރީ ސަންސްއެވެ. މިމެޗްގައި ސަންސްގެ ޑެވިން ބޫކަރވަނީ 33 ޕޮއިންޓް އެޓީމަށް ހޯދައިދީފައެވެ. އަދި ނިކްސްގެ ޑެރިކް ރޯސް ވަނީ 22 ޕޮއިންޓް ހޯދާދީ 6 ރީބައުންޑް ނަގާ 6 އެސިސްޓް ކޮށްފައެވެ.
މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު މިނެސޮޓާ ޓިމްބަރވުލްވްސް އާއި ޔޫޓާ ޖޭޒް ބައްދަލުކުރިމެޗް 105 ޕޮއިންޓް 104 ޕޮއިންޓްގެ ކުޑަ ތަފާތަކުން ވުލްވްސް ކާމިޔާބުކުރިއިރު ނިއުއޯލިއަންސް ޕެލިކަންސް އާއި ލޮސް އެންޖަލިސް ކްލިޕަރސް ބައްދަލުކުރިމެޗް 120 ޕޮއިންޓް 103 ޕޮއިންޓުން ކާމިޔާބުކުރީ ޕެލިކަންސްއެވެ. ޑެންވަރ ނަގެޓްސް އާއި މެމްފިސް ގްރިޒްލީސް ބައްދަލުކުރިމެޗް 120 ޕޮއިންޓް 96 ޕޮއިންޓުން ނަގެޓްސް ކާމިޔާބުކުރިއިރު ސެކްރެމެންޓޯ ކިންގްސް އާއި ޑެލަސް މެވްރިކްސް ބައްދަލުކުރިމެޗް 113 ޕޮއިންޓް 106 ޕޮއިންޓުން ކާމިޔާބުރީ ކިންގްސްއެވެ.