ޚަބަރު

ދެވަނަ ބުރަށް ރީ ރަޖިސްޓްރީވުމަށް 4 ގަޑިއިރު


ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ ދެވަނަ ބުރުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިއަދު ހެނދުނު 09:00 އިން މެންދުރު 13:00 އަށެވެ.

އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ ދިހަ ދާއިރާއެއްގައެވެ. އެހެންކަމުން ރީ ރަޖިސްޓްރީ ކުރަންޖެހޭނީވެސް އެ ދާއިރާތަކުގެ ރައްޔިތުން އެކަންޏެވެ. އެއީ ހއ. ތަކަންދޫ، ހއ. އުލިގަން، ނ. މަގޫދޫ، ރ. މާކުރަތު، ބ. ކެންދޫ، ބ. ކިހާދޫ، ވ. ފުލިދޫ، މ. ރަތްމަންދޫ، ފ. ދަރަނބޫދޫ، ލ. ކަލައިދޫއެވެ.

ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ އެ 10 ރަށުގެ ތެރެއިން ރަށަކަށް ނުވަތަ މާލެ އަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ރަށަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތަކުން އެކަނިކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. މިހާރު ރަޖިސްޓަރީވެފައިވާ ރަށް ނޫން ރަށަކަށް ވޯޓުލާން ބޭނުންނަމަ، މި މުއްދަތުގެ ތެރޭގައި އެމީހަކު ވޯޓުލުމަށް ރަޖިސްޓަރީ ކުރަންވާނެކަމަށާއި، ވިލިމާލެ، ހުޅުމާލެގައި ރަޖިސްޓަރީވެފައިވާ މީހުން މިހާރު މާލެއަށް ބަދަލުކުރެވިފައިވާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އަދި މާލެ ފިޔަވާ އެހެން ތަނެއްގައި ރަޖިސްޓަރީކޮށްފައިވާ ނަމަ، އެ މީހަކުވާނީ އެމީހެއްގެ ދާއިމީ އެޑްރެހަށް ބަދަލުކުރެވިފައިކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

ރީ- ރަޖިސްޓްރީވުމަށް ފޯމު ހުށައަޅަންޖެހޭނީ މާލެގައި ނަމަ އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) އަށެވެ. ރަށެއްގައި ނަމަ އިންތިޚާބު އޮންނަ ރަށެއްގެ ކައުންސިލް އިދާރާއަށެވެ.

ތ.ގާދިއްފުއްޓާއި ލ.މާވަށުގައި ވޯޓުލުމުގެ މަސައްކަތް އަލުން ކުރިއަށްގެންދަން ނިންމި ނަމަވެސް އެ ދެރަށުގައި އަލުން ވޯޓަށް ރީ-ރަޖިސްޓްރީވާން ނުޖެހޭކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު 2020އާ ގުޅޭގޮތުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން އަލުން ވޯޓްލާން ނިންމާފައިވަނީ ތ.ގާދިއްފުއްޓާއި ލ.މާވަށުގައެވެ. މި 2 ރަށުގައިވެސް ވޯޓުލުން އަލުން ކުރިއަށްގެންދަން ނިންމީ ދާއިރާގައި ނުހިމެނޭ ބަޔަކު އެ 2 ރަށުގެ ކައުންސިލަށް ވޯޓުލާފައިވާތީކަމަށްވެސް އިލެކްޝަނުން ވިދާޅުވިއެވެ.