މުނިފޫހިފިލުވުން

ވާހަކަ: އެއީ އަހަރެންގެ ބައްޕައެވެ.


ދަންވަރުގެ ހަމަހިމޭންކަން ނަގާލީ، ކަޅުވެ ބަރާވެފައިވާ ވިލާގަނޑުން ބޯކޮށް އޮއްސައިގަތް ވާރޭގެ އަޑެވެ. ނިދަން އުޅެ އުޅެ ނުނިދިގެން އެނދުމަތިން ތެދުވެ އަހަރެން ހުރީ ކޮޓަރީގެ ކުޑަދޮރު ކައިރީގައި ހުއްޓިލައިގެންނެވެ. ވެހެމުން ދިޔަ ވާރޭއަށް އަހަރެންގެ ނަޒަރު ހުއްޓިފައި ހުރިއިރު ވާރޭގެ އެ މިއުޒިކީ އަޑަށް އަހަރެން ކަނުލައި އަހަމުން ދިޔައީމެވެ. އެވާރޭގެ ތިކިތައް އައިސް ބިމުގައި ޖެހޭ އަޑަށެވެ. ގޯތިތެރޭގައި ހެދިފައިވާ ފެންގަނޑުގައި އެ ވާރޭގެ ތިކިތައް އައިސް ޖެހޭ ހިތްގައިމު އަޑަށެވެ. ގަސްތަކުގެ ފަތްތަކާއި ރުއްތަކުގެ ފަންވަތްތަކުގައި ވާރޭގެ ތިކިތައް އައިސް ބީހިލާ އަޑަށެވެ. ގޭގެ ފުރާޅުގައި ޖެހިފައި ބުރައިގެންދާ ތިކިތައް އައިސް ބިންމަތީގައި ބޮސްދޭ އަޑަށެވެ.

އެވާރޭ އަހަރެންނާ މުޚާތަބުކުރާހެން އަހަރެންނަށް ހީވެއެވެ. އެވާރޭ ދައްކަމުން ދިޔަ ވާހަކަތަށް ތަރުޖަމާކޮށްދޭނޭ ފަރާތެއް އަހަރެންނަކަށް ބޭނުމެއް ނުވެއެވެ. އޭގެ ތަރުޖަމާނަކަށްވީ ޚުދަ އަހަރެންގެ ހިތުގައި އެވަގުތު ހިނގަމުން ދިޔަ ޖަޒުބާތުތަކެވެ. އެވާރޭ ބުނާ އަޑު އަހަރެންނަށް އިވޭ ކަހަލައެވެ. ތެމިލަން އަންނާށެވެ! ވަރޭތެރޭގައި ރޮއިލަން އަންނާށެވެ! ވާރޭ ތެރޭގައި ރޮނީ ތިބާ އެކަންޏެއް ނޫނެވެ. ނަމަވެސް އަހަރެންނާ އެއްކޮށް ރޯލުން ފިޔަވާ އެ ވާރޭއަށް އަހަރެންނަށް ކޮށްދެވޭނީ ވަކި ކޮންކަމެއް ހެއްޔެވެ؟ އެވާރެއިން މިހާރު އަހަރެންގެ ހިތަށް ތަސައްލީއެއް ނުލިބެއެވެ. މި ދުނިޔޭގެ ހިތާމަތަކުން އެވާރޭއަކަށް އަހަރެން ދުރުކޮށެއް ނުދެވޭނެއެވެ. އަހަރެންގެ ލޮލުން އޮހިރެގެންދާ ކަރުނަތަށް އަހަރެން ނިދަން ބޯއަޅާ ބާލިހަށް އޮއްބާލައި، އެކަރުނަތައް މިދުނިޔެއަށް ފޮރުވައިގެން އަހަރެން އުޅޭތަން މިހާރު ކިހާ ދުވަހެއް ހެއްޔެވެ؟ ދެން އިތުރަށް ވާރޭގެ ތިކިތަކުން އެކަރުނަތަށް ފޮރުވާކަށް އަހަރެން ގަސްދެއް ނުކުރަމެވެ. ފެންނަމުން ދިޔަ، ވާރޭ ވެހޭ ހިތްގައިމު މަންޒަރު، އަހަރެން ގަންބާލީ ފުން ޚިޔާލެއްގެ ތެރެއަށެވެ.

ވާރެއަށް އަހަރެންގެ ހިތުގައި ވަނީ އެންމެ ކުޑައިރުއްސުރެވެސް ވަރަށް ޚާއްސަ މަޤާމެއް ދެވިފައެވެ. ކުޑައިރުގެ އެންމެ މަޖާ އެންމެ ގިނަ ހަނދާންތަކެއް ގުޅިފައި ހުންނަނީ ވާރެއާއެވެ. އެއީވެސް ހަމަ މިގޮތަށް ވަރަށް ބޯކޮށް ވާރޭ ވެހުނު ދުވަހެކެވެ. އެއީ މީގެ އަހަރުތަކެއް ކުރިއެވެ. އެއިރު އަހަރެންގެ އުމުރުން ވާނީ ގާތްގަނޑަކަށް 13 އަހަރެވެ. އެދުވަހުވެސް އަހަރެންނާއި ޖަނާން އުޅުނީ ވާރޭ ތެރޭގައި ކުޅެން ނުކުމެވެ. ޖަނާންއަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. އެހެންކަމުން ޖަނާންއާ އެއްކޮށް އަހަރެން ވަރަށް ގިނަ ވަގުތު ހޭދަކުރަމެވެ. އެދުވަހު ދެމީހުން އެއްކޮށް ވާރެއާ ތެމެން އުޅިފައި ވާރޭ ހުއްޓުމުން ދެމީހުންވެސް ފެންވަރަން ދިޔައީ ޖަނާންމެން ގެއަށެވެ. އަހަރެން ވާރޭ ތެމެން އުޅުނީ މަންމަގެ ހުއްދަ ނުހޯދައެވެ. ތެމިގެން ހުރެ ގެއަށް ގޮސްފިނަމަ މަންމަ މަރުޙަބާކިޔާނީ އިލޮށިފަތިންކަން އަހަރެންނަށް އެނގެއެވެ. އެހެންކަމުން އަހަރެން ޖަނާންމެން ގެއަށް ދިޔައީ އެގެއިން ފެން ވަރާލައިގެން ތެމިފަހުރި އެއްޗެހިތައްވެސް އެގެއިން ދޮވެ ހިއްކައިގެން އިރު އޮއްސޭއިރަށް ގެއަށް ދިޔުމަށް ގަސްދުކޮށްގެނެވެ.

ޖަނާންގެ މަންމަ އުޅޭ ކޮޓަރިއަށް އަހަރެން ދިޔައީ ޖަނާން ބުނެގެން އޭނާގެ ތުވާލި ބަލައެވެ. އެ ކޮޓަރީގެ ދޮރުމައްޗަށް އެރިއިރު ދޮރު ހުރީ ކުޑަކޮށް ހުޅުވާފައެވެ. ކޮޓަރިތެރޭގައި ޖަނާންގެ މަންމަ ނޫން އެހެން މީހަކު އުޅޭހެން އަހަރެންނަށް ހީވިއެވެ. އެކަމަކު ޖަނާންގެ ބައްޕަ ނިޔާވި ފަހުން ޖަނާންގެ މަންމަ އެހެން މީހަކާ އިންކަމެއް އަހަރެންނަކަށް އެނގިފައެއް ނެތެވެ. ވީމާ އެ ކޮޓަރީގައި އެ އުޅެނީ ކާކުތޯ ބަލަން އަހަރެން ބޭނުންވިއެވެ. ހުޅުވިފައިހުރި ދޮރުން އަހަރެން ކުޑަކޮށް އެތެރަށް ބޯދިއްކޮށްލީމެވެ. އެއާއެކު ފެނުނު މަންޒަރުން ހީވީ އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގަތްހެނެވެ.

ވަގުތުން ފައިގައި ހުރި ބާރެއް ލައިފައި އަހަރެން ދުއްވައިގަތީ އަހަރެންގެ ގެއާ ދިމާއަށެވެ. ތެމިގެން ހުއްޓައި މަންމައަށް ފެނިއްޖެނަމަ އަންނާނެ ރުޅި އަހަރެންނަށް އަންދާޒާ ކޮށްލެވެއެވެ. ނަމަވެސް އެދުވަހު، އެވަގުތު މަންމަ ގާތަށް ދިޔުން ނޫން ގޮތެއް އަހަރެންގެ ޅަ ސިކުނޑިއަކަށް ނުވިސްނުނެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތަކާއެކު ގިސްލެވޭ ހާލު ގޮސް އަހަރެންގެ މަންމައަށް ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. މަންމަ ވަގުތުން ބައްޕައަށް ގުޅާފައި ވަރަށް ހަޅޭއްލެވިއެވެ. މަންމަގެ ވާހަކަތައް ހުރިގޮތުން މަންމައަށް އެ ގުޅުމާ ބެހޭ ގޮތުން ކުރިންވެސް އެނގޭކަން އަހަރެންނަށް ދޭހަވިއެވެ.

ޖަނާންގެ މަންމައަކީ އަހަރެންގެ ބައްޕަގެ ދެވަނަ އަނބިކަން އަހަރެންނަށް އެނގުނީ މަންމަގެ ވާހަކަތަކުންނެވެ. މަންމައަށް މައްސަލައަކަށް ވީ ބައްޕަ އަހަރެންނަށް އެކަންތައް އެނގުނަދިނުމެވެ. އަހަރެންނަށް ފެންނަ ގޮތަށް ބައްޕަ އެފަދަ އަމަލެއް ހިންގުމެވެ. އަހަރެން އިތުރަށް ރުޅިއައީ މަންމައަށް އެނގިހުރެ އެކަން އަހަރެންނަށް ސިއްރުކުރީމައެވެ. އާއިލާގެ އެކަކުވެސް އަހަރެންނާމެދު ނުވިސްނައޭ އަހަރެންގެ ހިތަށް އެރިއެވެ. ބައްޕަ އެދުވަހު މަންމަ ހަޅޭއްލަވަން ފެށުމުން އައި ރުޅީގައި މަންމަ ވަރިކުރިއެވެ. އަހަރެންނަށް ކުށްވެރިކުރެވުނީ އަމިއްލަ ނަފްސެވެ. އިތުރަށް އެ ހަމަނުޖެހުންގަނޑުގެ ތެރޭގައި ހުންނަން އަހަރެން ބޭނުމެއް ނުވިއެވެ. ނަމަވެސް އަހަރެންނަށް އޮތީ އިތުރު ވަކި ކޮން ގޮތެއް ހެއްޔެވެ؟

އޭގެ ފަހުން އަހަރުތައް ފާއިތުވަމުން ދިޔަވަރަކަށް އަހަރެން ދިޔައީ އެ ހާދިސައާމެދު ވިސްނަމުންނެވެ. އޭގެ ސަބަބުން އަހަރެންގެ ދިރިއުޅުމަށް އެތައް ބަދަލުތަކެއް އަންނަމުން ދިޔައެވެ. ލޯބީގެ ގޮތުން އަހަރެން ކުއްޖަކާ ގުޅުނުނަމަވެސް އެއްވެސް ގުޅުމެއް މާ ގިނަ ދުވަހު ދެމި އޮންނަ ގޮތެއް ނުވެއެވެ. އެއްވެސް ފިރިހެނަކަށް އިތުބާރެއް ނުކުރެވެއެވެ. ކާވެންޏަކާ ހަމައަށް ދާން ސަފުން އަހަރެން ބޭނުމެއްވެސް ނުވެއެވެ. އަހަރެންގެ މަންމަގެ ޙަޔާތުގައި ހިނގައިދިޔަފަދަ ކަމެއް އަހަރެންގެ ޙަޔާތުގައި ވާކަށެއް އަހަރެން ނޭދެމެވެ. އަހަރެން ތަޖުރިބާކުރިފަދަ ކަމެއް އަހަރެންގެ ދަރިޔަކު ތަޖުރިބާކުރަކަށް އަހަރެންގެ ހިތެއް ނޭދެއެވެ.

މިހާރު ލޯތްބަކީ އަހަރެން ޤަބޫލުކުރާ އެއްޗެއްވެސް ނޫނެވެ. އަހަރެންގެ ނަޒަރުގައި ލޯތްބަކީ އޮޅުވާލުމެކެވެ. އެއްވެސް ގުޅުމަކަށް ލޯބީގެ ނަމަކުން ނަމެއް ނުދެވޭނެއެވެ. އަހަރެންގެ ބައްޕަގެ އުޅުމުން އަހަރެންނަށް ދަސްވީ އެގޮތަށެވެ. ލޯބިވާ މީހުންނަށް އަޅާލުމަކީ ކޮންމެހެން މުހިއްމު ކަމެއް ނޫނެވެ. ބަލިވިޔަސް އެމީހަކަށް މާބޮޑަށް ހޭހަން ކުރާކަށް ނުޖެހޭނެއެވެ. ލޯބިވާކަން ހާމަކުރުމަކީވެސް ދެއްކުންތެރިކަން ކަމަށް އަހަރެންނަށް ޤަބޫލުކުރެވުނެވެ. އަސްލު ޙަޤީޤަތުގައި އެހެން މީހަކަށް އެހާ ވަފާތެރިވާނޭ އެއްވެސް މީހެއް ނުހުންނާނެއެވެ. އެދުމެއް ނެތި އެކަކުވެސް ވެދުމެއް ނުކުރާނެއެވެ. މިއީ ހައްތަހާވެސް އަހަރެން ލޯތްބަށް ނަފުރަތު ކުރާ ސަބަބުތަކެވެ. އަހަރެންގެ މި ޤަބޫލުކުރުންތަކުގެ ސަބަބުން ލޯބީގެ ގުޅުންތައް އަހަރެންނަށް ސިފަވަނީ ވަރަށް ޑުރާމާ ކަމެއްގެ ގޮތުގައެވެ.

ރޫޅިފައިވާ އާއިލީ ގުޅުމާއި، ޙަޔާތުގައި ދިމާވާ ކަންތައްތައް ހިއްސާކުރާނެ ބައިވެރިއެއް ނެތުމުގެ ސަބަބުން އަހަރެންނަށް އެކަނިވެރިކަން އިޙްސާސް ކުރެވެން ފެށިއެވެ. އަހަރެންނާ އަހަރެންގެ މަންމަ ދޫކޮށްލާފައި ޖަނާންގެ މަންމައާއެކު ބައްޕަ އެހެން ރަށަކަށް ދިރިއުޅުން ބަދަލަކުރުމުން، އަހަރެންނާއި އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ޖަނާންއާ ދެމެދު އޮތް ގުޅުންވެސް ހީނަރުވިއެވެ. ޖަނާން އެރަށަށް ބަދަލުވިފަހުން ފުރަތަމަކޮޅު އަހަރެންނާ ފޯނުން ގުޅައިގެން ވާހަކަ ވެސް ދެއްކިއެވެ. ނަމަވެސް އަހަރެން ޖަނާންއަށް ގުޅައިގެން ހުންނައިރު އެގޭތެރެއިން އަހަރެންގެ ބައްޕަ ވާހަކަ ދައްކާ އަޑުވެސް އަހަރެންނަށް އިވެން ފެށުމުން ފަހުން ފަހަކަށް އައިސް އަހަރެން ޖަނާން އަކަށް ނުގުޅަމެވެ. އޭނަ ގުޅިޔަސް އަހަރެން ފޯނެއްވެސް ނުނަގަމެވެ.

މިއަދު، މާޔޫސްކަމާއި މޮޅިވެރިކަން ފިޔަވާ އެހެން އެއްވެސް އެއްޗެއް އަހަރެންގެ ޙަޔާތުގައެއް ނެތެވެ. ނިދިން މަޙުރޫމުވެ ޚިޔާލުތަކަށް ގެއްލިފައި އޮންނަން ޖެހޭ ދަންވަރުތައް ގިނަވާން ފެށިއެވެ. ގިސްލުމާއި ހިތްދަތިކަމުގައި ރޭތައް ގުނަމުން ތަކުރާރުވަމުން ދިޔައެވެ. އަހަރެންގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ކުރިން އެންމެ ކުރާ ހިތުން ކުރަމުން އައި ކަންތައްތައް މަތިންވެސް ފޫހިވާން ފެށިއެވެ. ކުރެހުމަކީ އަހަރެން ކުރިން އެންމެ ކުރާ ހިތުން ކުރި ކަންތަކެވެ. އަހަރެން މާ ބޮޑަށް ހާސްވާ ވަގުތުތަކުގައިވެސް އެއްޗެއް ކުރަހާލުމުން އަހަރެންގެ ބޮލަށް ހަމަޖެހުން ލިބެއެވެ. އެހެނަސް މިހާރު ކުރަހަން ފަންސުރުގައި އަތް ލިޔަސް ބޮލުގައި ރިއްސަން ފަށައެވެ. އެއްވެސް ކަމަކަށް މިހާރު ޝަޢުޤުވެރިކަމެއް ނުހުރެއެވެ. މިގޮތަށް ދުވަސްތައް ތަކުރާރު ވަމުން ދިޔަ ވަރަކަށް މިކަންކަމަކީ ނަފްސާނީ ބައްޔެއްގެ ޢަލާމާތްތަކެއްހެން އަހަރެންނަށް ހީވާން ފެށިއެވެ.

ނަފްސާނީ ޑޮކްޓަރަކަށް ދައްކައިގެން ބޭސް ބޭނުންކޮށް، ތެރަޕީ ނަގަން އަހަރެން ފެށީ ނަފްސާނީގޮތުން އަހަރެން ބަލިކަށިވާކަމުގެ އިޙްސާސް އަހަރެންގެ އެކުވެރިޔާ ޒީނަތުއަށް ކުރެވި އޭނަ އެކަމަށް އެދުމުންނެވެ. ޒީނަތުއަކީ، ޖަނާން އަހަރެންނާ ދުރަށް ދިޔުމުން އަހަރެން އެކުވެރިޔަކަށް ބޭނުންވެފައި ހުއްޓައި ދިމާވި ރައްޓެއްސެކެވެ. އަހަރެންގެ ޙަޔާތުގެ ހުރިހާ ކަމެއް އަހަރެން ޒީނަތުއާ ހިއްސާކުރުމުން އޭނަ އަހަރެންނަށް އެހީތެރިވާން ބޭނުންވިޔެވެ. ޒީނަތުއަކީ ވެސް އަހަރެން ތަހަންމަލް ކުރިފަދަ ކަންތައްތަކެއް ތަހަންމަލް ކޮށްފައިވާ ކުއްޖަކަށް ވުމުން އަހަރެންގެ އިޙްސާސްތައް ވަރަށް ފަސޭހައިން ޒީނަތުއަށް ދެނެގަނެވުނެވެ. ބައްޕައެއްގެ ލޯބި ނުލިބި ބޮޑުވެގެން އައުމަކީ ކިހާ ވޭން ހުރި ކަމެއްކަން ޒީނަތުވެސް ވަނީ ތަޖުރިބާ ކޮށްފައެވެ.

ޑޮކްޓަރުގެ ބޭސް ސިޓީއަށް އަހަރެން ބަރާބަރަށް ބޭސް ނެގީމެވެ. ބަރާބަރަށް ގަނޑިން ގަޑިއަށް ބޭސް ކެއީމުވެސްމެވެ. ބައެއް ފަހަރު ކާން އަންގާފައި އޮންނަ ވަރަށްވުރެ އިތުރަށްވެސް ބޭސް ބޭނުންކުރަމެވެ. އަހަރެންގެ ނަފްސު ހަމައަކަށް އެޅެނީ ބޭސް ބޭނުންކުރުމުންނެވެ. ހަމަނިދި ނިދެނީވެސް ބޭސް ކެއުމުންނެވެ. ނަމަވެސް ފަހުން ފަހަކަށް އައިސް އަހަރެން ފެށީ ތެރަޕީ ސެޝަންތަކަށް މަކަރުހަދާށެވެ. އެއީ ބޭސް ކެއުން ހުއްޓައިލުމަށް ތެރަޕިސްޓު ބުނާތީއެވެ. އަހަރެން ބޭސް ކެއުން ހުއްޓާނީ ކިހިނަކުންހެއްޔެވެ؟ އެއަށް އަހަރެން ވަނީ ދެވިހިފާފައެވެ.

ތެރަޕީ ނެގުން ހުއްޓާލުމާއެކު އަހަރެންގެ ޙާލަތު އިތުރަށް ގޯސްވާން ފެށިއެވެ. ކެއިން ބުއިން މަދުވެ މީހާ އެއްކޮށް އަނަރޫފަވާން ފެށިއެވެ. ނިދިވެސް އަހަރެންގެ ލޮލާ މުޅިން އަލްވަދާޢު ކީ ކަހަލައެވެ. ރެޔަކާދުވާލު 3 ގަޑިއިރުގެ ނިދިވެސް އަހަރެންނަކަށް ނުލިބެއެވެ. މަންމައަށްވެސް އެކަން ފާހަގަވެގެން އެވާހަކަ ދައްކަން ފެށިއެވެ. މަންމަގެ ޝަކުވާތައް ގިނަވާން ފެށުމުން އަހަރެން އަނެއްކާވެސް ތެރަޕީ ނަގަން ފެށީމެވެ. މަޖުބޫރުވެގެންނެވެ.

ބައްޕަ އަހަރެމެން ދޫކޮށްލާފައި ދިޔުމުން އެކަމުގެ ނޭދެވޭ އަސަރު ކުރީ ހަމައެކަނި އަހަރެންނަކަށް ނޫނެވެ. މަންމަގެ ޙަޔާތްވެސް އެއްކޮށް ބަދަލުވެގެންދިޔައެވެ. ނަމަވެސް ދަރިއަކަށްޓަކައި މަޔަކު ނުވާނީ ކޮން ޤުރުބާނީއެއްހެއްޔެވެ؟ މަންމަގެ ލޮލަށް ކަރުނަތައް ޖަމާވެފައި ހުއްޓައި އަހަރެން ކިތަންމެ ފަހަރަކު ދުށީމެވެ. އެކަރުނަތަކަށް އޮހޮރިލުމުގެ ހުއްދައެއް މަންމައެއް ނުދިނެވެ. އަހަރެންގެ ކުރިމަތީގައި ހިތްވަރުގަދަކަން ދެއްކުމަށްޓަކައެވެ. މަންމަގެ ހިތުގައި އަޅާ ވޭނެއް އަހަރެންނަށް ވިސްނާލަންވެސް ނޭނގެއެވެ. އެހިތުގެ އުދާސްތަކާއި ޝަކުވާތައް ފޮރުވަން މަންމަ އެއަށް ވުރެ މޮޅެވެ. ޙަޤީޤަތުގައި ނަފްސާނީ އެހޭތެރިކަން ބޭނުންވަނީ ހަމައެކަނި އަހަރެންނަކަށް ނޫނެވެ. އަހަރެންނަށް ވުރެ ބޮޑަށް އެހީތެރިކަން ބޭނުންވަނީ އަހަރެންގެ މަންމައަށް ހެން އަހަރެންނަށް ހީވެއެވެ.
އަހަރެންނަކީ މިހާރު ބޮޑު މީހެކެވެ. އަހަރެން ބޮޑުވެގެން އައި އިރު ބަފައެއްގެ ލޯބިން އަހަރެން މަޙުރޫމްވިއެވެ. ބައްޕައަކީ އަހަރެންގެ ޙަޔާތުގައި ހަމަ ނެތް މީހެއް ފަދައެވެ.

އަހަރެން ވަރަށް ސާފުކޮށް، ސީދާ ސީދަލަށް ބައްޕައަށް މިހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. ބައްޕަގެ ލޯތްބާއި އެޙީތެރިކަން އަހަރެން އިންތިހާއަށް ބޭނުންވާތީއެވެ. ނަމަވެސް ބައްޕަގެ އުޅުމަކަށް ބަދަލެއް ނައެވެ. ދަރިއަކަށް ބަފައެއްގެ ލޯބިދޭކަށް އަހަރެންގެ ބައްޕައަކަށް ދަހެއްނުވިއެވެ. އޭގެ ފަހުން އަހަރެން އެ ބައްޕައަށް ބައްޕައޭވެސް ނުކިޔަމެވެ. މިހާރު އަހަރެން އޭނައާ މުޚާތަބު ކުރަނީ އޭނަގެ ނަމުންނެވެ. އަހަރެން އޭނައަށް ކުރަމުން އައި އިޙްތިރާމް އެއްކޮށް ގެއްލުނީމައެވެ. ކަންތައް އެހެންވުމުން ދެން އަހަރެން މަސައްކަތްކުރީ ބައްޕައާއި އަހަރެންގެ ދޮންމަންމައާ ދެމެދު ދޭތެރެ ޖެއްސޭތޯއެވެ. އެކަމަށްޓަކައި އަހަރެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް އަހަރެން ކުރީމެވެ.

ކޮޓަރީގެ ކޮޑަދޮރު ކައިރީގައި ޚިޔާލަށް ގެއްލިފައި ހުރި އަހަރެން ސިއްސައިގެންދިޔައީ ވިދާލި ވިދުވަރަކާއެކުއެވެ. ދެން ޖަހާލި ގުގުރިއާއެކު އަހަރެންނަށް ކަންފަތްމަތީގައި އަތްވެސް އަޅާލެވުނެވެ. އޭރުވެސް ވާރޭ ތުނިކޮށްލާކަށެއް ނޫޅެއެވެ. ވާރޭ ވެހޭ މަންޒަރުތަކަކީ އަހަރެން އެންމެ ކުރަހާ ހިތްވާ މަންޒަރުތަކެވެ. މަގުމަތީގައި ފެން ހެދިފައި ހުންނަ މަންޒަރާއި ގަސްތަކުގެ ފަތްތަކުގައި ރިހި މުތީތަކެއް ފަދައިން ފެންތިކިތައް ބަބުޅާ މަންޒަރުތަކުގެ ކުރެހުންތަކުން އަހަރެންގެ ކޮޓަރިވަނީ ފުރިފައެވެ. ނަމަވެސް މިހާރު އަހަރެން އެއްޗެއް ނުކުރަހާތަން ކިހާ ދުވަހެއްހެއްޔެވެ؟ އެންމެ ފަހުން ކުރެހުނީވެސް މީހެއްގެ ތަސްވީރެވެ. އެހެންކަމުން މިރޭ އަނެއްކާވެސް ވާރެވެހޭ މަންޒަރެއް ކުރަހާލާނަމޭ އަހަރެންގެ ހިތަށް އެރިއެވެ. އެހެން ހިތަށް އެރުމާއެކު ކޮޓަރީގެ މޭޒު ކައިރިއަށް ލެފި އެމޭޒުމަތީގައި އޮތް ކަރުދާސްގަނޑަކާއި ފަންސޫރެއް ނެގީމެވެ.

އެ ގަނޑުގައި ވަނީ ފަންސޫރު ކުރެހުމެކެވެ. އެއީ މީގެ ދެތިން މަސް ކުރިން އަހަރެން ކުރަހައިފަވާ ކުރެހުމެކެވެ. ފިރިހެނެއްގެ ތަސްވީރެކެވެ. ފޮހޭރަބަރުން އަހަރެން އެ ތަސްވީރު ފޮހެލީމެވެ. ނަމަވެސް ހިތަށް އެރިއެވެ. އެގަނޑުގައި ހުރި ކުރެހުން ފޮހޭރަބަރުން ފޮހެލި ބީދައިން އަހަރެންގެ ހިތުން އެ ކަޅު މާޒީވެސް ފޮހެލެވޭނެ ނަމައެވެ. އެމޭޒުމަތީގައި އެނޫންވެސް ވަރަށް ގިނަ ކަރެހުންތައް ހުރި ކަރުދާސްތަކެއް ހުއްޓެވެ. އެކުރެހެންތަކުގައި ހުރީ އެންމެ މީހެއްގެ ތަސްވީރެވެ. ޝިޔާމްގެ ތަސްވީރެވެ. ޝިޔާމްގެ އެ ތަސްވީރުތަކުން އަހަރެންނަށް އެތައް ހަނދާންތަކެއް އައުކޮށްދެމުން ދިޔައެވެ.

ޝިޔާމަކީ އަހަރެންގެ އެކުވެރި ޒީނަތުއާ ވަރަށް ފަހުން ވާހަކަ ދައްކަން ފެށި މީހެކެވެ. ޒީނަތު ޝިޔާމާ ވާހަކަ ދައްކަން ފެށީ ލޯތްބަކުންނެއް ނޫނެވެ. އަހަރެން ބުނެގެން އަހަރެންނަށް ކޮށްދޭ ކަމެއްގެ ގޮތުގައެވެ. އޭނަ ޝިޔާމާ ވާހަކަ ދެއްކީވެސް ފޭސްބުކު މެދުވެރިކޮށް "ނާޒް" ގެ ނަމުގައި އޭނަ ހަދައިގެން އުޅޭ ފޭކު އެކައުންޓަކުންނެވެ. ނަމަވެސް ޝިޔާމަށް އެކަމެއް ނޭނގޭނެއެވެ. ޝިޔާމަކީ ޒީނަތުއަށް ވުރެ އުމުރުގެ ގޮތުން ވަރަށް ދޮށީ މީހެކެވެ. ޝިޔާމާ ވާހަކަދައްކަމުން ދިޔަވަރަކަށް ޒީނަތުގެ ހިތް އޭނާއަށް ލެނބެން ފެށިއެވެ. ނަމަވެސް ފުރަތަމަކޮޅު އެވާހަކަތަކެއް ޒީނަތު އަހަރެންނަކާ ހިއްސާއެއް ނުކުރެއެވެ.

ޝިޔާމް ޒީނަތުގެ ހުރިހާ ކަމެއް ބަލައެވެ. ޒީނަތު އޭނައަށް ހުރިހާ ކަމެއް ކިޔާދޭ ވެސްމެއެވެ. އަހަރެންނާއެކު ބޭރަށް ދިޔަޔަސް ޒީނަތު ޝިޔާމްގެ ހުއްދަ ހޯދަމެވެ. ގިނަފަހަރު އެކަހަލަ ކަންތައްތައް އޭނަ ކުރާނީ މަނަލެވެ. ޝިޔާމް ބޭނުންވަނީ ޒީނަތު ވަރަށް ކޮންޓްރޯލުކޮށްގެން ގެންގުޅޭށެވެ. ޝިޔާމްގެ އެމިޒާޖުގެ ސަބަބުން ޒީނަތު އިތުރަށް އޭނައާ ގަޔާވާން ފެށިއެވެ. ޒީނަތު ބޭނުންވަނީވެސް ޝިޔާމް އޭނަ ކޮންޓުރޯލުކުރާށެވެ. ޝިޔާމްގެ މުށުތެރޭގައި ބަންދުވުމަކީ ޒީނަތުއަށް ލިބުނު އުފަލެކެވެ. ޒީނަތު ބުނި ގޮތުގައި އެގޮތަށް ކަންތައް ވާން ފެށުމުން އޭނައަށް ހީވީ އޭނަގެ ފުރާވަރު އުމުރުގައި އުނިވެފައިވާ ކަމެއް ފުރިހަމަވިހެންނެވެ. އަހަރެން ފަދައިން ޒީނަތު ވެސް ފުރާވަރަށް އަރައިގެން އައިއިރު އޭނަގެ ކަންތައްތައް އެގޮތަށް ކޮންޓުރޯލުކުރާނެ މީހެއް އޭނަގެ ޙަޔާތަގަވެސް ނެތެވެ. އެހެން އަންހެން ކުދިންގެ ބައްޕަ އެކުދިންގެ ކަންތައްތަކަށް ބާރު ފޯރުވާހަދާތަން ޒީނަތުއަށްވެސް ވަނީ ފެނިފައެވެ. ނަމަވެސް އެކަންތައް ތަޖުރިބާކުރުމުގެ ނަސީބު އަހަރެންނެކޭ އެއްފަދައިން އޭރަކު ޒީނަތުގެ ތަޤުދީރުގައެއް ވެސް ނެތެވެ.

"ނާޒް" ގެ ނަމުގައި ޒީނަތު ޝިޔާމާ ވާހަކަ ދެއްކުން އާދައަކަށް ވުމުން ޒީނަތުއަށް ހަމަ ރަނގަޅަށްވެސް ޒީނަތުއަކީ އެ ނާޒް ކަމަށް ދެކެވެން ފެށުނެވެ. ނާޒްގެ ފޮޓޯތަކެއް ކަމަށް ހަދާފައި ޒީނަތު ފޭސްބުކުގައި ހިއްސާކޮށްފައި ހުންނާނީ އޭނާ އިންޓާނެޓުން ހޯދި ވަރަށް ރީތި އަންހެން ކުއްޖެއްގެ ފޮޓޯތަކެކެވެ. ނާޒްއަށް ވެގެން ޒީނަތު ވާހަކަ ދެއްކި ދެއްކީހެން ޒީނަތުއަށް އޭނާއަކީ އެ ކުއްޖާހެން ހީވާން ފެށިއެވެ. ޝިޔާމާ ވާހަކަ ދައްކާ ވަގުތުތަކުގައި އެ ކުއްޖާ ހެދުން އަޅާހެން ހެދުން އަޅަންވެސް ޒީނަތު ފެށިއެވެ. އެކުއްޖާގެ އިސްތަށިގަނޑު ހުންނަ ގޮތަށް ޒީނަތުގެ އިސްތަށުގަނޑުވެސް ބަދަލުކޮށްލިއެވެ. ޒީނަތުއަށް ޚުދު ޒީނަތުއަކީ ކާކުކަން އޮޅުނީއެވެ. ޒީނަތުގެ އަމިއްލަ އިޙްސާސްތަކުގެ މައްޗަށް ނާޒްގެ އިޙްސާސްތައް ވެރިވެގަތީއެވެ. އެންމެފަހުން، ޒީނަތު ޝިޔާމާ އަސްލު ވާހަކަދައްކަން ފެށި މަޤުޞަދު ހަނދާންނެތި، ޒީނަތުއަށް ޝިޔާމް ދެކެ ލޯބިވެވުނެވެ. ބޭއިޚްތިޔާރުގައެވެ.

ޒީނަތު މިހުރިހާ ވާހަކައެއް އަހަރެންނަށް ސިއްރުކޮށްގެން އުޅުމަށް ފަހު އަހަރެންނަށް ހުރިހާ ވާހަކައެއް ކިޔައިދިނީ އޭނަގެ ދިރިއުޅުމަށް އަންނަމުން ދިޔަ ބަދަލުތައް އަހަރެންނަށް ފާހަގަވެގެން ސުވާލު ކުރި ހިސާބުންނެވެ. ޒީނަތު އޭނައަށް ކުރެވުނު ކަންތައްތަކާ ވަރަށް ލަދުވެތި ވިއެވެ. އޭނަ އަހަރެންގެ ކިބައިން މަޢާފަށް ވެސް އެދުނެވެ. އަހަރެން މަޢާފް ކޮށްދިނީމުވެސްމެއެވެ. ވާނީވެސް އެހެންތާއެވެ. އަހަރެން އެހީއަކަށް ބޭނުންވި ދުވަހު އަހަރެންނަށް އެހީގެ އަތެއް ދިއްކޮށްލި ހަމަ އެކަނި މީހަކީ ޒީނަތުއެވެ.

ކޮންމެއަކަސް ޒީނަތުއަށް ދެން އިތުރަށް އެކުޅިވަރެއް ނުކުޅެވޭނޭ ކަމަށް ބުނެ ޒީނަތު އެކަމުން އިސްތިޢުފާ ދިނެވެ. ނަމަވެސް އަހަރެން އެކަންތައް އިތުރަށް ކުރިއަށް ގެންދަން ބޭނުންވިއެވެ. އެހެންކަމުން ޒީނަތު ހަދައިގެން އުޅުނު ނާޒްގެ އެކައުންޓު އަހަރެންގެ ފޯނުން ބޭނުން ކުރަން އަހަރެން ފެށީމެވެ. ދެން އޭގެ ފަހުން ނާޒްއަށް ވެގެން ވާހަކަ ދެއްކީ ޚުދު އަހަރެންނެވެ. ނަމަވެސް އަހަރެންގެ ހިތުގައި ޝިޔާމަށް އެއްވެސް ލޯތްބެއް ކުލުނެއް ނެތެވެ. އަހަރެން އެއިރުވެސް އޭނައަށް ކުރީ ހަމަ ނަފްރަތެވެ. އެއްވެސް ލޯބީގެ ވާހަކައެއް އަހަރެން ޝިޔާމަކާ ނުދައްކަމެވެ. އޭނައަށް އެކަން ފާހަގަވެގެން ސުވާލުވެސް ކުރިއެވެ. ނަމަވެސް އަހަރެންނަށް އެކަމަށް ދައްކާނޭ އުޒުރެއް ވެސް ނޭނގުނެވެ.

އެޚިޔާލުތަކަށް ގެއްލިފައި އިން އަހަރެންނަށް ހެއިވެރިކަންވީ ފޯނަށް މެސެންޖާއިން މެސެޖެއް އައުމުންނެވެ. ޝިޔާމްގެ މެސެޖެކެވެ. " ނާޒް. އަހަރެން މިއަދު އަހަރެންގެ ދަރިފުޅު މަތިން ވަރަށް ހަނދާންވޭ" ޝިޔާމަކީ މީހަކާ އިނދެގެން އުޅޭ މީހެއްކަން އަހަރެންނަށް އެނގެއެވެ. ދަރިޔަކު ހުންނަކަންވެސް އަހަރެންނަށް އެނގެއެވެ. "ކޮން ދަރިފުޅެއް؟" ނޭނގޭކަމަށް ހަދާލަމުން އަހަރެން އަހާލީމެވެ. " މަލާ". ޝިޔާމްގެ އެ މެސެޖު ކިޔާލުމުން އަހަރެންނަށް ރޮވުނެވެ. "މަލާ" އެއީ އަހަރެންނެވެ. މަލާ ބިންތު ޝިޔާމް އެއީ އަހަރެންގެ ފުރިހަމަ ނަމެވެ. އޭނައަށް އެކަމެއް ނޭނގޭނެއެވެ. ބައްޕައާ އެފަދަ ލޯބީގެ ވާހަކަތަކެއް ދައްކަން ޒީނަތުގާތު އެދެވުނީތީ އަހަރެން ލަދުވެތިވަމެވެ. އެހެނަސް އަހަރެން އެކުޅިވަރު ފެށީކީ އެހިސާބަށް ސަމާސާ ގޮސްދާނޭކަމަށް ބަލާފައެއް ނޫނެވެ. އަހަރެން ބޭނުންވީ ބައްޕައާއި އޭނަގެ އަންހެނުންނާ ދޭތެރެ ޖައްސާށެވެ.

އަހަރެން އުޅުނީ ބައްޕައާއި ޒީނަތުއާ ދެމެދުގައި ދެކެވޭ ވާހަކަތަކުގެ ސްކްރީންޝޮޓް ލީކު ކޮށްލާށެވެ. ބައްޕަ ފަލީހަތްކޮށް ބަދުނާމު ކޮށްލާށެވެ. ނަމަވެސް މިއަދު އެކަންތައް ކުރާހާ ހިތްވަރެއް އަހަރެންގެ ގަޔަކުއެއް ނެތެވެ. އެއީ އަހަރެންގެ މޮޔަ ސިކުނޑިން ބައްޕަގެ ކިބައިން ބަދަލު ހިފުމަށްޓަކައި ރޭވި ވަރަށް ކޫސަނި ރޭވުމެކެވެ.

މޭޒުމަތީގައި ހުރި، އަހަރެންގެ އަތުން ކުރަހާފައިވާ އަހަރެންގެ ބައްޕަގެ ތަސްވީރުތައް ދެއަތުން ނަގައި ބޮނޑިކޮށްލައިގެން އަހަރެން އަނެއްކާވެސް ގޮސް ހުއްޓުނީ ކުޑަދޮރުތަކުގެ ކައިރިއަށެވެ. އަދި އެތަނުން ކުޑަދޮރެއް ހުޅުވާލީމެވެ. އެއަށްފަހު އެ ތަސްވީރުތައް އަހަރެންގެ އަތުން ވީދައި ކުދިކޮށްލުމަށް ފަހު، އޭރުވެސް ހުއްޓުމެއްނެތި ވެހެމުން ދިޔަ ވާރޭތެރަށް އުކާލީމެވެ. އެއާއެކު ގޯތިތެރޭގައި ހެދިފައިވާ ފެންގަނޑުން ކޯރެއް ހެން ދެމެމުން ދިޔަ އޮއިވަރާއެކު އެކަރުދާސްތައް ގޮސް އޮބާލައިފިއެވެ.

ކުއްލިއަކަށް އަހަރެންނަށް އިވުނީ މަންމަގެ އަޑެވެ. "ދަރިފުޅާ މަލާ! އެއިވެނީ ފަތިސް ނަމާދު ބަންގީގެ އަޑު. ތެދުވޭ ނަމާދުކުރަން" ދޮރުގައި ޓަކިޖަހާލަމުން މަންމަ ގޮވާލިއެވެ. ކުރިން ދުވަހަކުވެސް އިޙްސާސް ނުކުރެވޭ ފަދަ އަމާންކަމާއި ހިތްހަމްޖެހުން އެރޭގެ ބަންގީގެ އަޑުން އަހަރެންނަށް އިޙްސާސްކުރެވުނެވެ. ހުޅުވާފައި ހުރި ކުޑަ ދޮރު ލެއްޕުމަށް ފަހު އަހަރެން ހިނގައިގަތީ ފާޚަނައާ ދިމާއަށެވެ. ވުޟޫކޮށްލައިގެން ނަމާދުކުރާށެވެ. އެރޭ ސަޖިދައިގައި އޮވެ އަހަރެން ވަރަށް ރުއީމެވެ. ހިތުގެ ހުރިހާ އުދާހެއް އެފަރާތަށް ބަންޑުންކޮށްލީމެވެ. އަހަރެމެންގެ ދިރިއުޅުމުގައި ދިމާވާ ހުރިހާކަމެއްގެ ޝަކުވާވެސް ދަންނަވަން ޖެހޭ ފަރާތަކީ ހެއްދެވި ފަރާތްކަން އަހަރެން ހަނދާންނެތުނީ ކީއްވެހެއްޔެވެ؟

ނަމާދު ދޮޅި ބާލަމުން މޭޒުމަތީގައި އޮތް ފޯނު ނެގުމަށް ފަހު "ނާޒް"ގެ ފޭސްބުކު އައިޑީ އިން އަހަރެން ބައްޕައަށް މެސެޖެއް ކުރީމެވެ. ނަމަވެސް އަހަރެންނަކީ އޭނަގެ ދަރިފުޅު މަލާކަމެއް ނުބުނަމެވެ. މުސެޖުގައި ލިޔެލީ މިފެދައިންނެވެ. "ކީއްވެ ކުއްލިއަކަށް ދަރިފުޅު މަތިން އެހާ ހަނދާންވީ." މެސެޖު ފޮނުވި ތަން މާ ގިނަ އިރުތަކެއް ނުވެ އޭނަގެ ޖަވާބު އައެވެ.

"ނާޒްއަށް އެނގޭތަ؟ އަހަރެން ނާޒްއާ ވާހަކަ ދައްކަން ފެށިއިރު އަހަރެންގެ ހުންނާނެ އަނތްބެއްވެސް. އަހަރެން ނާޒްއަށް އޮޅުވާލީ. އަހަރެންގެ އުފަން ދަރިފުޅަށް އޮޅުވާލި ފަދައިން. އަހަރެންގެ ދަރިފުޅާ އަހަރެންގެ ފުރަތަމަ އަނބިމީހާއާ ދުރަށް ގޮސް އަހަރެންނަށް އުފަލެއް ނުލިބުނު. އަހަރެން ނާޒްއާ ވާހަކަދައްކަން ފެށިތަނާހެން ހިނގައިދިޔަ އެކްސިޑެންޓެއްގައި އަހަރެންގެ ދޮންދަރި މިދުނިޔެ ދޫކުރި. އެއެކްސިޑެންޓު ހިނގީ އަހަރެންގެ ފަރުވާކުޑަކަމުން ކަމަށް ބުނެ އަހަރެންގެ އެއިރުގެ އަންހެނުންވެސް އަހަރެން ދޫކޮށްލާފައި ދިޔައީ. މިއަދު އަހަރެންގެ ހިތަށް އަރަނީ މިއީ އަހަރެންގެ އުފަން ދަރިފުޅާމެދު އަހަރެން ކަންތައް ކުރި އިހާނެތި ގޮތުގެ ނަތީޖާއޭ. އަހަރެންނަށް އަހަރެންގެ ދަރިފުޅާމެދު ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށް. އޭނައާށް ބައްޕައެއްގެ ލޯބި އެންމެ ބޭނުންވީ ދުވަހު އަހަރެންނަށް އޭނައަށް އެ ލޯތްބެއް ނުދެވުނު. އަހަރެންގެ ހިތަށް އަރަނީ މިއަދު މަލާ އަހަރެންނަށް މަޢާފްކުރާނެ ބާއޭ."
އެމެސެޖު ކިޔާފައި އަހަރެންނަށް ރޮވުނެވެ.

ޖަނާންގެ މަރުގެ ޚަބަރު އެގޮތަށް އަހާކަށް އަހަރެންގެ ޟަމީރު ތައްޔާރެއް ނޫނެވެ. އަހަރެން އޭނައާ ގުޅުން ކަނޑާލިޔަސް އެއީ ހަމަ އަހަރެންގެ ކުޑައިރުގެ އެކުވެރިޔާއެވެ. ބައްޕަ މިހާރު އުޅޭ ނިކަމެތި ޙާލަތު އެނގުމުން އަހަރެންނަށް ޙަޤީޤަތުގައިވެސް ވަރަށް އަސަރުކުރިއެވެ. އަހަރެން އަވަސް އަވަހަށް ލިޔެލީމެވެ. "އަޅެ ނިކަން އެ މަންޖެއަށް ގުޅާލަބަލަ. އަހަރެންނަށް ޔަޤީން މަލާ ޝިޔާމަށް މަޢާފް ކުރާނެކަން." އެމެސެޖު ފޮނުވާލާފައި ހަމަ އޭގެ ފުލުން އެހެން މެސެޖެއްވެސް އަހަރެން ފޮނުވީމެވެ. "ޝިޔާމް! އަހަރެންނަށް މަޢާފްކުރޭ! އަހަރެން އަސްލު ޝިޔާމް ދެކެ ލޯތްބެއް ނުވޭ. މިވީހާ ދުވަހު އަހަރެން ޝިޔާމާ ވާހަކަ ދެއްކީ ހަމަ ފޫހި ފިލުވާލަން. އަހަރެންނަށް ދެން މީގެ ފަހުން މެސެޖު ނުކުރާތި! ވަރަށް ބޮޑަށް ސޮރީ." އެމެސުޖު ފޮނުވުމާއެކު އަހަރެން "ނާޒް"ގެ އެކައުންޓު ބޭނުން ނުކުރެވޭ ގޮތް ހެދުމަށްފަހު ފޯނުން ފޮހެލީމެވެ.

އޭގެ އެތަށް އިރެއް ފަހުން އަހަރެންގެ ފޯނު ރިންގު ވާން ފެށިއެވެ. ބައްޕަގެ ނަން ފޯނު ސްކްރީނުން ފެނުމާއެކު އަހަރެންނަށް އުފަލުން ރޮވުނެވެ. ހީވީ އެތައް ޒަމާނަކުއްސުރެ ދެކެމުން އައި ހުވަފެނެއް ސީދާ ވިހެންނެވެ. ބައްޕައާ ވާހަކަ ނުދައްކާ ތަން ފަސްވަރަކަށް އަހަރު ފަހުން އެދުވަހު އަހަރެން ބައްޕައާ ވާހަކަ ދެއްކީމެވެ. ބައްޕަގެ ޙަޔާތުން ނާޒް ވަކިވުމުން ބައްޕައަށް ކޮށްފައިވާ އަސަރު އޭނަގެ އެ ކުރަކިވެފައިވާ އަޑުން އަހަރެންނަށް އިޙްސާސް ކޮށްލެވުނުވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ އެ ނާޒްއަކީ އަހަރެންގެ އެކުވެރިޔާ ޒީނަތު ކަން ބައްޕައަށް ބުނެދޭން އަހަރެން އުޒުރުވެރިވަމެވެ. އެއީ ބައްޕަގެ މިދަރުފުޅުގެ މަކަރުވެރި ރޭވުމެއްކަން އަހަރެން ބައްޕައަށް ބުނެދޭނީ ކިހިނަކުން ހެއްޔެވެ؟ ރޮމުން ގިސްލަމުން ބައްޕަ އަހަރެންގެ ކިބައިން މަޢާފަށް ވެސް އެދުނެވެ. އަހަރެންގެ ހިތަށް އެރިއެވެ. ކޮންމެ ގޮތެއްވިޔަސް އެއީ އަހަރެންގެ ބައްޕައެވެ. އަހަރެން އޭނައަށް މަޢާފް ކުރާނަމެވެ.

(ނިމުނީ)

އެޑިޓަރުގެ ނޯޓް

މީ ދިވެހިރާއްޖޭގެ އަޑުން މިރޯދަމަހު ގެެނެސްދޭ ކުރު ވާހަކަ މުބާރަތަށް ހުށައަޅާފައިވާ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. މި ވާހަކަ ލިޔުނީ ތ.ހިރިލަންދޫ އާކާސް، އަބްދުﷲ ޛައިދު އެވެ. ވާހަކަ ހުށައަޅާދިނީ ރ.އަލިފުށީ/މޫންލައިޓް، ފާތުމަތު ލައިޝާ އެވެ. ރޭޑިއޯއިން މި ވާހަކަ ބްރޯޑްކާސްޓްކޮށްފައިވަނީ 14 ރަމަޟާން 1442 އެވެ.