ޚަބަރު

އެމްއެމްޕީއާރުސީގެ މައްސަލަ ބަލައިފިނަމަ ބައެއް މެންބަރުންގެ ގޮނޑި ގެއްލިދާނެ: ނަޝީދު


ފަހުގެ ތާރީޚެއްގައި ހިނގި ކޮރަޕްޝަންގެ އެންމެ ބޮޑު އެއް މައްސަލަކަމަށްވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ބަލާނެކަމަށާއި، އެ މައްސަލަ ބަލައިފިނަމަ މަޖިލީހުގެ ބައެއް މެންބަރުންގެ ގޮނޑި ގެއްލިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ކުރީ ސަރުކާރާއި މިސަރުކާރުގައި ހިމެނޭ ބައެއް ބޭފުޅުންނާއި އެހާރާއި މިހާރުގެ މަޖިލިސް މެންބަރުންވެސް ހިމެނޭކަމަށާއި، ނަމަވެސް އެ މައްސަލަ ނުބެލި ދިގުލައިގެންދާތީ، އަވަސްކޮށްދެއްވުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ވަނީ މަޖިލީހުގެ ރައީސްއަށް މިދިޔަ މަހު ސިޓީއެއް ފޮނުވާފައެވެ. އެސިޓީއާއި ގުޅިގެން މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިގެން މާ އެދެވޭ ނަތީޖާއެއް ފެނިފައިނުވާކަމަށެވެ. އެހެންކަމުން އެ މައްސަލަ އިތުރަށް ތަހުގީގްކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި، އެސެޓް ރިކަވަރީ ކޮމިޝަނަށާއި އަދި ފުލުހުންނަށް އިއްޔެ ފޮނުވާފައިވާކަމަށެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ، މި މައްސަލަ ބެލުމަށް މަޖިލީހުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެކަމަށެވެ. އެގޮތުން މެންބަރަކަށް ވިޔަސް، ވަޒީރަކަށް ވިޔަސް، އެމައްސަލަ ބަލާނެކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މަސްޢޫލިއްޔަތެއް ވާޖިބެއް މިއީ. މިއީ ދޮރުން ދޮރަށް ހިނގައިގެންވެސް ހުރިހާ ތިޖޫރީއެއް ހުލުވައިގެންވެސް ހުރިހާ އަލަމާރިއެއް ބަލައިގެންވެސް އެންމެ އުނދޯއްޔެއްގެ ކުނާދައްވެސް ނުބާއްވާ ހޯދައިގެން މިކަން އަޅުގަނޑުމެން ހޯދުން." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ، މަޖިލީހުގެ މެންބަރުން ބޭނުންފުޅުވާނަ ދުނިޔޭގެ ފޮރެންސިކް މާހިރުން މެދުވެރިކޮށް 70 މިލިއަން ޑޮލަރު ހޯދައި ރާއްޖޭގެ ޚަޒާނާއަށް ގެނެވޭނެ ގޮތް އެބައޮތްކަމަށެވެ. މެންބަރުން ބޭނުންފުޅުވާނަމަ އެކަން ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އިއްޒަތްތެރި މެންބަރުންނަށް އެނގިވަޑައި ގަންނަވާނެ އަޅުގަނޑު މިތަނުގައި ދެންނެވިން 70 ހާސް ޓެކްސްޓް މެސެޖު ހިމެނޭ ޕެންޑްރައިވްއެއް ވާނީ ޤައުމީ ސަލާމަތުގެ ޚިދުމަތްތަކުގެ ކޮމިޓީއަށް ފޮނުވިފާ. އަދި އެ ޕެންޑްރައިވްވާނީ މިތަނުގައި އަރުޝީފް ކުރެވިފައި. އެހެންވީމަ މިތަނުގައި އެ މަޢުލޫމާތު މިހާރު ހުންނާނެ. ދެން އިއްޒަތްތެރި މެންބަރުން ބައިނަލްއަޤްވާމީ މާހިރުން ބޭނުންކުރައްވައިގެން އެކަން ހޯއްދަވަން ބޭނުންފުޅުވާނަމަ އެކަންވެސް ކުރެވޭނެ. އެއީ ފޮރެންސިކް އެކައުންޓެންޓުންނަކީ ދުނިޔޭގަ މިހާރު ވަރަށް ކާމިޔާބުކަމާއެކީގަ މި ބާވަތުގެ ކަންކަން ވަރަށް ފަސޭހައިން ކުރައްވާ ހޯއްދަވާ ބައެއް."މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެމައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 ބޭފުޅަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރަކަށްވެސް ޚިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ތަޙްޤީގު އިދާރާތަކުން ވިދާޅުވެފައިވެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށް ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.