ކުޅިވަރު

ބާސެލޯނާ އޯޕަންގެ ޗެމްޕިއަންކަން 12 ވަނަ ފަހަރަށް ނަޑާލް ހޯދައިފި


ބާސެލޯނާ އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން 12 ވަނަ ފަހަރަށް ސްޕެއިންގެ ރަފައެލް ނަޑާލް ހޯދައިފިއެވެ. ނަޑާލް މިމުބާރާތް ކާމިޔާބުކުރީ ދުނިޔޭގައި ފަސްވަނައަށް ރޭންކް ކުރެވިފައިވާ ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސްއާއި ފައިނަލްގައި ބައްދަލުކޮށް މެޗް ކާމިޔާބުކޮށްގެންނެވެ. މިމެޗް ނަޑާލް ކާމިޔާބުކުރީ 2 ސެޓް އެއް އެއް ސެޓުންނެވެ.

ވާދަވެރި އަދި މޮޅު ކުޅުމެއް ދެ ކުޅުންތެރިންގެ ފަރާތުންވެސް ފެނިގެންދިޔަ މިމެޗްގައި ފެށުން ރަނގަޅުވީ ސިޓްސިޕާސްގެއެވެ. މިގޮތުން ފުރަތަމަ ސެޓްގައި 4 ގޭމް 2 ގޭމްގެ ލީޑެއް އޭނާ ނެގިއެވެ. ނަމަވެސް ނަޑާލްވަނީ އޭނާގެ ކުޅުން ރަނގަޅުކޮށް ސިޓްސިޕާސްގެ ގޭމް ދެފަހަރަށް ބްރޭކްކޮށް ހައެއް ހަތަރަކުން ފުރަތަމަ ސެޓް ކާމިޔާބުކޮށްފައެވެ. މިމެޗްގެ ދެވަނަ ސެޓް ވަރަށް ހަމަހަމަ ކުޅުމަކަށްފަހު ޓައި ބްރޭކަކަށް ގޮސް ހައެއް ހަތަކުން ކާމިޔާބުކުރީ ސިޓްސިޕާސްއެވެ. ޓައި ބްރޭކްގައި ސިޓްސިޕާސް ކުރިހޯދީ ހައެއް އަށަކުންނެވެ. އަދި ފަހު ސެޓް ނަޑާލް ކާމިޔާބުކުރީ ހަތެއް ފަހަކުންނެވެ. މިމެޗް ނަޑާލް ކާމިޔާބުކުރީ ތިން ގަޑިއިރާއި 38 މިނެޓުންނެވެ.

ފައިނަލް މެޗް ކާމިޔާބު ކުރުމަށްފަހު ނަޑާލް ބުނީ ބާސެލޯނާގައި ކުޅެ މޮޅުވުމަކީ އޭނާއަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. ބާސެލޯނާ އޯޕަންގައި ނަޑާލް މީގެކުރިން ކުޅުނު 11 ފައިނަލްވެސް ވަނީ ކާމިޔާބުކޮށްފައެވެ. އަދި އެ 11 ފައިނަލްގައި ނަޑާލް އަތުން ގެއްލިފައިވަނީ އެންމެ ސެޓެކެވެ. މިވަގުތު ވަރަށް ފޯމްގައި ކުޅެމުންދާ ސިޓްސިޕާސްއާއި ދެކޮޅަށް މި ލިބުނު ކާމިޔާބީއަކީ ސީޒަންގެ ދެވަނަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ފްރެންޗް އޯޕަން ފެށެން ކައިރިވެފައިވަނިކޮށް ނަޑާލްއަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެކެވެ.