ކުޅިވަރު

ނެޓްސް އާއި ސަންސް ބައްދަލުކުރިމެޗް ނެޓްސް ކާމިޔާބުކޮށްފި


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ބްރޫކްލިން ނެޓްސް އާއި ފީނިކްސް ސަންސް ބައްދަލުކުރިމެޗް ނެޓްސް ކާމިޔާބުކޮށްފިއެވެ. މިމެޗް ނެޓްސް ކާމިޔާބުކުރީ 128 ޕޮއިންޓް 119 ޕޮއިންޓުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ނެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 34 ޕޮއިންޓް ހޯދައިދީ 6 ރީބައުންޑް ނަގާ 12 އެސިސްޓް ދިން ކައިރީ އަރވިންގއެވެ. ސަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 36 ޕޮއިންޓް ހޯދައިދިން ޑެވިން ބޫކަރއެވެ.

މިމުބާރާތުގައި މިލްވައުކީ ބަކްސް އާއި އެޓްލާންޓާ ހޯކްސް ބައްދަލުކުރިމެޗް 111 ޕޮއިންޓް 104 ޕޮއިންޓުން ކާމިޔާބުކުރީ ހޯކްސްއެވެ. މިމެޗްގައި ހޯކްސްގެ ބޮގްޑާން ބޮގްޑަނޮވިޗްވަނީ އެޓީމަށް 32 ޕޮއިންްޓް ހޯދައިދީފައެވެ. އަދި ބަކްސްގެ ޖިއާނިސް އެންޓެޓޮކޮއުމްޕޯވަނީ 31 ޕޮއިންޓް ހޯދައިދީ 14 ރީބައުންޑް ނަގާފައެވެ. މީގެއިތުރުން ގޯލްޑަން ސްޓޭޓް ވޮރިއަރސް އާއި ސެކްރެމެންޓޯ ކިންގްސް ބައްދަލުކުރިމެޗް 117 ޕޮއިންޓް 113 ޕޮއިންޓުން ކާމިޔާބުކުރީ ވޮރިއަރސްއެވެ. މިމެޗްގައި ވޮރިއަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 37 ޕޮއިންޓް ހޯދާދީ 7 ރީބައުންޑް ނަގާދިން ސްޓެފަން ކަރީއެވެ. ކިންގްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 24 ޕޮއިންޓް ހޯދާދީ 8 އެސިސްޓް ދިން ޓައިރީސް ހަލިބަރޓަންއެވެ.

މިމުބާރާތުގައި ކުޅުނު އެެހެން މެޗްތަކަށް ބަލާލާއިރު އިންޑިއާނާ ޕޭސަރސް އާއި އޯލާންޑޯ މެޖިކް ބައްދަލުކުރިމެޗް 131 ޕޮއިންޓް 112 ޕޮއިންޓުން ޕޭސަރސް ކާމިޔާބުކުރިއިރު ވޮޝިންގޓަން ވިޒަޑްސް އާއި ކްލީވްލަންޑް ކެވެލިއަރސް ބައްދަލުކުރިމެޗް 119 ޕޮއިންޓް 110 ޕޮއިންޓުން ކާމިޔާބުކުރީ ވިޒަޑްސްއެވެ. މެމްފިސް ގްރިޒްލީސް އާއި ޕޯޓްލަންޑް ޓްރެއިލް ބްލޭޒަރސް ބައްދަލުކުރިމެޗް 120 ޕޮއިންޓް 113 ޕޮއިންޓުން ގްރިޒްލީސް ކާމިޔާބުކުރިއިރު ޗާލޮޓް ހޯނެޓްސް އާއި ބޮސްޓަން ސެލްޓިކްސް ބައްދަލުކުރިމެޗް 125 ޕޮއިންޓް 104 ޕޮއިންޓުން ކާމިޔާބުކުރީ ހޯނެޓްސްއެވެ.