ތިމާވެށި

2016 ބަޖެޓް: ތިމާވެށި ހިމާޔަތް ކުރުމަށް 793 މިލިއަން ރުފިޔާ


މިއަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް ފަސްދޮޅަސް މަޝްރޫއުއެއް ހިމަނާ އެދާއިރާއަށް 793 މިލިއަން ރުފިޔާ ހޭދަކުރުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރ އަބުދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

2016ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ ޢަބްދުއްﷲ ޖިހާދު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓްގައި ތިމާވެށި ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ތެރޭގައި ރަށްރަށުގެ ގޮނޑުދޮށްތަކަށް ހޭދަ ކުރުމުގެ 34 މަޝްރޫއުއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކުނި ނައްތާލުމުގެ ސަރަޙަައްދީ ނިޒާމް އައްޑޫ ސިޓީ ،  ފުވައްމުލައް އަދި ހުވަދު އަތޮޅުގައި ޤާއިމުކުރުންވެސް ހިމެނެއެވެ.

އެކި މަރުހަލާތަކުގައި ކުރިއަށް ގެންދިއުމަށް ، ފެނާއި ނަރުދަމާގެ ގާތްގަޑަކަށް 101 މަޝްރޫޢެއް މިއަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވެއެވެ.މި މަޝްރޫޢުތަކަށް ގާތްގަޑަކަށް އެއް ބިލިއަން ރުފިޔާ ހޭދަކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދާއިރާއިން އަލަށް ފަށާ މަޝްރުޢުތަކުގެ ތެރޭގައި އޯޕެކް ފަންޑް ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްގެ އެހީގައި 29 ރަށެއްގައި ހިންގާ ފެނާއި ނަރުދަމާ އަދި ކުނި މެނޭޖްކުރުމުގެ ނިޒާމް ޤައިމުކުރުމުގެ މަޝްރޫޢުތައް ހިމެނޭކަމަށް މަޖިލީހަށް މިއަދު ބަޖެޓް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ  އަބުދުﷲ ޖިހާދު ވިދާޅުވިއެވެ.

ވަކިން ޚާއްޞަކޮށް އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި ކުރިއަށް ގެންދާ ފެނާޢި ނަރުދަމާގެ މަޝްރޫޢު މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ހޫނު މޫސުމުގައި ފެނަށް ޖެހުމުގެ މައްސަލަ ހައްލުކުރުމަށް 49 ރަށެއްގައި ޚާއްޞަ މަޝްރޫޢުތަކެއް ހިންގުމަށްވެސް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވެއެވެ.



އަންނަ އަހަރުގެ ބަޖެޓުގައި ކަރަންޓަށް ކުރެވޭ ހަރަދު ކުޑަކުރުމާއި އިއާދަކުރަނިވި ހަކަތައަށް ވެސް ވަނީ 340 މިލިއަން ރުފިޔާ ހިމަނާފައެވެ. އެގޮތުން މާލޭގައި އިތުރު 50 މެގަ ވޮޓުގެ ކަރަންޓު އުފެއްދޭނެ ނިޒާމެއް ގާއިމު ކުރުމާއި މާލެއާ ހުޅުމާލެ ކަރަންޓުގެ ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ހިމެނޭ ކަމަށް މިނިސްޓަރު ޖިހާދު ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެކި ރަށްތަކުގައި ތިމާވެއްޓާ ރަށްޓެހި ހަކަތައިގެ ނިޒާމުތައް ވެސް އަންނަ އަހަރު ގާއިމު ކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ ތެރޭގައި ކުނިން ހަކަތަ އުފައްދާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ކުޅުދުއްފުށި ، އައްޑޫ ސިޓީ އަދި ރ ވަންދޫގައި ކުރިއަށް ދާނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.