"މީހެކޭ! މީހެކޭ!! އަހަރެން ސަލާމަތްކޮށްބަލަ! ހެޔޮނުވާނެ.."
ފުންނިދީގެ ތެރެއިން ރައުޝަންއަށް އޭނާގެ ލޯހުޅުވާލެވުނީ ކަޅު އަނދިރިގަނޑުގެ ތެރެއަށެވެ. ހާސްކަމާއި ބިރުވެރިކަން އޭނާއަށް ކުރުވީ ބަނދެވިފައިވާ އޭނާގެ އަތް ފެނުމުންނެވެ. ތެޅެންފެށި ހިތަކާއިއެކު އޭނާއަށް އެއޮވެވުނީ ކޮންތާކުތޯ ހިތާހިތުން ސުވާލުކުރެވެން ފެށުނެވެ. ކޮށި އަރައިގަތުމާއެކު، ރައުޝަންއަށް ވަށާ ނަޒަރު ހިންގާލެވުނުއިރު އޭނާއަށް އޮވެވުނީ ކާރެއްގެ ޑިކީގައިކަން އޭނާއަށް ވިސްނުނެވެ. ހިރަފުސްވެފައިވާ ފޮތިގަނޑެއް އެތާނގައި އޮތްއިރު ކޮށިއަރަމުން ދިޔައީ އެކަމުގެ ސަބަބުންކަން އޭނާއަށް އެނގުނެވެ. ނިދަން ލައިގެން އޮތް ކަޅުކުލައިގެ ޓީޝާޓުގައި ވެސް ހުރީ ހުސް ހިރަފުހެވެ. ފަރާތްފަރާތަށް ކަޅި ހިންގައިލުމާއެކު އޭނާގެ ހިތަށް ބިރުވެރިކަން ވަނެވެ. ނިދަން އޮށޯންނަމުން ހުޅިއަކަށް އަމުނާލާފައި އޮތް އިސްތަށިގަނޑުވެސް އެކި ދިމަދިމާލުން ދޫވެފައިވާއިރު، އޭނާގެ ފައިވެސް ވަނީ ރޯނުފަށަކުން ބަނދެފައެވެ. ބަދެފައިވާލެއް ބާރުކަމުން ގުޑިލަންވެސް އޭނާ ނުކުޅެދުނެވެ. އަނގަމަތީގައި އަޅާފައިވާ ޓޭޕުގަނޑު އެއްކޮށް ވަށާ ދެފަހަރު އޮޅާފައިވާއިރު އޭގެ ތެރެއިން އޭނާގެ އަޑުވެސް ނުކުންނަނީ ވަރަށް ހާލުންނެވެ. ހިތަށް ބިރުވެރިކަން ވަނުމާއިއެކު ތެޅިފޮޅެން ފެށުނީ ވާން އުޅެނީ ކިހިނެއްކަން ނޭނގޭ ޙާލުގައެވެ. ދެވަނަ ސިކުންތުގައި ހަމަހިމޭންކަން އޭނާއަށް ވެރިވީ ބޭރުން ދެތިން މީހެއްގެ އަޑު އިވުމާއެކުގައެވެ.

"މިފަހަރު މިކަން މިވީ ހާދަ ފަސޭހައިންނޭ!" އެކަކު ބުނެލި އަޑު އިވުނެވެ.
"އާނ. އަހަރެންވެސް ހިޔެއް ނުކުރަން މިހާ ފަސޭހައިން މިކަން ވާނެކަމަކަށް. އޭނަ ބުނިގޮތުން ހީވީ މީ ވަރަށް އުނދަގޫކަމެއްހެން..." ދެން ހުރި މީހާ ޗޮކެއް ކަނޑައިލަމުން ބުނެލިއެވެ.
"ތިވާހަކަތާ އަހަރެންވެސް މިދައްކަނީ. އެހާ ގަދަވެފަ އުޅުނު މީހާވިއްޔަ އެއޮތީ ގުޅައަކަށްޖެހިފައި..." ތިންވަނަ މީހަކު އެހެން ބުނުމާއި އެކު ދެން ތިބި އެންމެންވެސް ފެށީ ހޭށެވެ.

ބާރުބާރަށް ހިތް ތެޅެން ފެށުމާއިއެކު ރައުޝަން އެއަޑުތަކަށް ސަމާލުކަންދޭން ފެށީ ފަހަރުގައި އޭނާ ދަންނަ މީހަކު ހުރެފާނެކަމަށެވެ. އެހެން ނަމަވެސް ބަރުކޮށް އިވެމުންދިޔަ އެއަޑުތަކުގައި އޭނާ ދަންނަ އެއްވެސް އަސަރެއް ނެތެވެ. ރައުޝަންއަށް އެހާލުގައި އޭނާގެ ހިތުގެ ތެޅުން އަޑުއިވެމުން ދިޔުމުން ބޭރުން އިވޭ އަޑުތަކަށް ސަމާލުކަމެއް ދެވޭގޮތެއް ނުވިއެވެ. އެހެންކަމުން އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތްކުރަން ފެށީ އެޙާލަތުގައި އޭނާ ނޫން އެހެން މީހަކު އޭނާގެ ސަލާމަތަށް ނާންނާނެކަން އެހިތަށް ފަހުމްވުމުންނެވެ. އުނދަގުލުން ހަމަޖެހިލުމުން އޭނާއަށް ބޭރުން އިވެމުންދިޔަ އަޑުތަކަށް ސަމާލުކަން ދެވުނެވެ. އެތާނގައި ތިބީ ޖުމްލަކޮށް 3 މީހަކުކަން ރައުޝަންއަށް އަންދާޒާކޮށްލެވުނެވެ. އެހާ ރަނގަޅަށް އެމީހުން ކިޔާ އެއްޗެއް ސާފުނުވިނަމަވެސް އެމީހުންނަށް ކުރެވުނު ކަންތައް ކާމިޔާބުވެގެން އެކަމާ އުފާފާޅުކުރާކަން ރައުޝަންއަށް އެނގުނެވެ. އޭނާގެ ހިތްވަރު އެލުނީ އެ ހިސާބުންނެވެ. އެއާއެކު އޭނާއަށް ރޮވެން ފެށުނެވެ.

އޭގެ އިރުގަނޑެއް ކުރިން ރައުޝަންގެ ދިރިއުޅުން ހުރީ އެހެންނެއް ނޫނެވެ. އޭނާ އޮތީ ގޭގައި ނިދާށެވެ. އޮފީހުގެ ވަރުބަލިކަމާއިއެކު ހަށިގަނޑަށް ލިބިފައިވާ ލޮޑުކަން ފިލުވާލުމަށް އޭނާގެ އަމިއްލަ އެޕާޓްމެންޓްގައި އޭނާގެ ބޮޑު ކޮޓަރީގައެވެ. އޭނާ މިހާރު އެހެރަ ހާލަތައް އައީ ކީއްވެބާއެވެ؟. އެހާލަތައް އޭނާ ދިޔައީ ކޮން ސަބަބަކާ ހުރެބާއެވެ؟ އޭނާއަށް އެފަދަކަމެއް ދިމާވާންވީ ކީއްވެބާއެވެ؟ ރައުޝަންއަކީ މީހަކަށް އުނދަގުލެއްކޮށް މީހެއްގެ ދިރުއުޅުމުގެ ތެރެއަށް ވަދެގަތް މީހެއްނޫނެވެ. މިހާރު ދޭތެރެ ދޭތެރެއިން ރޯމާ ދުވާލުވެސް އަންހެން ކުދިން ނަގައިގެންގޮސް ހިތުހުރިހާ ކުށަކަށް އަރައިގަންނަ ވާހަކަ އޭނާއަށް އަޑުއިވިފައިވެއެވެ. އޭނާގެ ދިރިއުޅުންވެސް ދާނީ އެހެންބާއެވެ؟. މާދަމާ ޚަބަރުތަކުގެ ފަލަ ސުރުޚީއަށް އޭނާގެ ވާހަކަވެސް އަރާނީބާއެވެ. މީހުންގެ ކުރިމައްޗަށް ނުކުންނަން އޭނާއަށްވެސް ދަތިވާނީބާއެވެ؟. އެފަދަ އެކި ޚިޔާލުތަކުން އޭނާގެ ސިކުނޑި ފުރިބާރުވެފައިވާއިރު އޭގެން އެއްވެސް ސުވާލެއްގެ ޖަވާބު އޭނާއަކަށް ލިބޭނެ ގޮތެއް ނުވިއެވެ. އެކަން އޭނާއަށް އެނގުނަސް އެނގޭނީ އެބަޔަކު އޭނާގެ ގާތުގައި އޭގެ ސަބަބު ބުނުމުންނެވެ. ރައުޝަންއަށް ކެނޑިނޭޅި ރޮވެން ފެށުނީވެސް އެހެންވެއެވެ.

"އޭތް މަބުނީ ދެން ހިނގާ ބޭރަށް ޖެހިލާފަ އަންނަން. އަދި އެބައޮތެއްނު ލައްކައިރު.؟" މިފަހަރު ވާހަކަ ދެއްކި މީހާގެ އަޑުގައި ހިސާބަކަށް ވަރުބަލިކަމެއް ހުއްޓެވެ.
"މަވެސް އަސްލު ވަރަށް ހައި. އައިސް ދެން މިކަންތައް ނިންމާލާނީ ދޯ؟" ދެން ހުރި މީހާ އެއްބައިވަމުން ބުނެލިއެވެ. އެމީހުންގެ ވާހަކަ އެހާ ހިސާބަށް ދިޔައިރުވެސް، ރައުޝަންއަށް ގިސްލަގިސްލާފައި ރޮވެނީއެވެ. އެއަޑު އެމީހުންނަށް ވެސް އިވެއެވެ. އެހެން ނަމަވެސް އެކަމަށް ސަމާލުކަމެއް ދިނުމެއްނެތި އެމީހުން އެތަނުން ދިޔުމަށް އަވަސްވެގަތެވެ.

އިރުގަނޑެއް ވަންދެން ރޯން އޮތް ރައުޝަންއަށް ކުއްލި ސިހުމެއް ލިބުނީ ބޭރުން އިވެމުންދިޔަ އަޑުތައް މަޑުމަޑުން ކެނޑެމުން ދިޔުމުންނެވެ. ތެޅިގަނެފައި ކުޑަކޮށް ފުރޮޅިލުމަށްފަހު، ހަށިގަނޑު ހިއްލާލީ ކުޑަކޮށް ނަމަވެސް ބޭރުން އިވޭ އަޑުތައް ތަންކޮޅެއް ސާފުކޮށް އިވޭތޯއެވެ. އެހެން ނަމަވެސް ރައުޝަންއަށް އެކަންވީއިރު އެބަޔަކު އެތަނުން ނުކުމެގެން ގޮސްފިއެވެ. ރައުޝަންގެ ހިތް މާޔޫސްވެގެން ދިޔުމާއިއެކު، އުންމީދުގެ އެންމެފަހު ހުޅުކޮޅުވެސް ނިވެމުންދިޔަ ފަދައެވެ. އެމީހުން އެއްގަޑިއިރު ފަހުން އަންނައިރު އޭނާއަށް އެތަނުން ނުނިކުމެވިއްޖެނަމަ ދެން އޭނާއަށް ސަލާމަތެއް ނުލިބޭނެކަން އޭނާއަށް ޔަޤީންވަމުން ދިޔައެވެ. އެއާއެކު ނޭވާ ހާސްވާކަމުގެ އިޙުސާސް ކުރެވެމުން ދިޔަވަރަށް އޭނާގެ ބޮލަށް އެނބުރުން އަރާގޮތްވިއެވެ.

ރައުޝަންއަށް ﷲ ގެ ހަޟްރަތަށް ދުޢާކުރެވެން ފެށުނެވެ. އެފަދަ ހާލަތެއްގައި އެފަދަ ތަނެއްގައި އޭނާގެ ނިމުން ނުގެންނެވުމަށް އެދެވުނެވެ. މާލެ ބަދަލުވިއިރުއްސުރެ އޭނާގެ މަންމަ އޭނާގެ ގާތުގައި އަބަދުމެހެން ދައްކަމުން އައީ އެފަދަ ވާހަކަތަކެކެވެ. އެކަނި އެހެން އުޅޭއިރު މީސް މީހުން ގެއަށް ނުގެނައުމަށާއި މީހުންނަށް ދެރަކޮށް ކަންތައް ނުކުރުމަށެވެ. މީހަކު އޭނާ ދެކެ ރުޅިއައިސް ހިތްހަމަނުޖެހޭ ކަންތައްތައް ނުކުރުމަށެވެ. އެފަދަ ކޮންމެކަމެއް ކުރެވިފައިވާނަމަ އެމީހެއްގެ ކިބައިން މާފަށް އެދެންވެސް ރައުޝަން އެވަގުތު ބޭނުންވިއެވެ.

މީހެއްގެ ކިބައިން މާފަށް އެދެން ޖެހޭކަމަށް ރައުޝަންގެ ހިތަށް އަރައިފި ފަހަރަކު ނަމަ އެންމެ ފުރަތަމަވެސް އަންނަނީ އެންމެ މީހެކެވެ. މާޒީގެ ހަނދާންތަކުގެ ތެރެއަށް ރައުޝަން ގެނބިގެން ދިޔައީ އެހާ ހިސާބުންނެވެ. އެގޭގެ އަންހެންމިހާއަކީ ވަރަށް ހިތްހެޔޮ މީހެކެވެ. ގަޑިން ގަޑިއަށް ކާން ހެދުމާއި އެގޭގައި އުޅޭ ހުރިހާ ކުދިންގެ އަންނައުނު ދޮވުމާއި އިސްތިރިކޮށްފައި އެކުދިންނާއި ހަވާލުކޮށް އެމީހުންގެ ހުރިހާ ކަމެއް ބެލެހެއްޓީ މަޔަކު ދަރިން ބަލާ އުސޫލުންނެވެ. އެ އަންހެން މީހާއަކީ އުތުރުގެ އަތޮޅަށް ނިސްބަތްވާ މީހެކެވެ. މީހަކާ އިނދެގެން މާލެ ބަދަލުވީ އޭނާގެ ފިރިމީހާއަށް އެއަރޕޯޓުން ވަޒީފާ ލިބުމުންނެވެ. އެހެންނަމަވެސް ޚަރަދުތައް ބޮޑުވާން ފެށުމުން ބޮޑު އެޕާޓްމެންޓެއް ނަގާ ކުދިން ބަހައްޓަން އެމީހާ ގަސްތުކުރީއެވެ.

ޒާހިދާގެ ހަނދާން ރައުޝަން ހުންނަނީ ވަރަށް ކުޑަކޮށެވެ. ފަހަރުގައި އެ ހާދިސާއަށް މިހާރު 4 އަހަރުވެފައިވާތީ ކަމަށްވެސް ވެދާނެއެވެ. ރައުޝަން އެގެއަށް އައީ ޒާހިދާ ކުދިން ބަހައްޓާތާ 2 އަހަރުވީ ފަހުންނެވެ. ރައުޝަންގެ ކޮންމެ ކަމެއްވެސް ޒާހިދާ ކުރަމުން ދިޔައީ ހަމަ އެހާމެ ކުރާހިތުންނެވެ. މާލެ އައި ގޮތަށް ރައުޝަން އެންމެ ފުރަތަމަވެސް ބެލީ ކިޔަވަމުން ޕާޓްޓައިމްކޮށް ވަޒީފާ އަދާކުރެވޭތޯކަމުން ރައުޝަން އެވާހަކަ އެންމެ ފުރަތަމަ ދުވަހުވެސް ޒާހިދާގެ ގާތުގައި ހިއްސާކުރިއެވެ. އެކަމާ ގުޅިގެން ޒާހިދާ އެދުނީ އެންމެ ކަމަކަށެވެ. ރޭގަނޑު 10 ޖެހުމުގެ ކުރިން ގެއަށް ވަދެވޭ ފަދަ ވަޒީފާއެއް ހޯދުމަށެވެ.

"ދައްތައަށް ވަރަށް ރަނގަޅު ފިހާރައެއް ކަހަލަ ތާކުން ރައުޝަން ވަޒީފާ ހޯދިއްޔާ. އޭރުން އެންމެ ލަސްވެގެންވެސް 10:30 ވާއިރަށް އާދެވޭނެއެއްނު؟ ވާގޮތަކީ ދައްތަ އޮށޯންނާނީ ހުރިހާ ކުދިން ގެއަށް އައީމަ. އެންމެން ނިދަން ވަނީމަ." ވަރަށް އޯގާތެރިކަމާއި އެކު ޒާހިދާ އެހެން ބުނުމުން ރައުޝަން އެކަމަށް އެއްބަސްވިއެވެ. އަދި ސްކޫލަށް ދަމުން ހަމައެކަނި ރޭގަނޑު އަދާކުރެވޭނެ ވަޒީފާއެއް ހޯދަން އޭނާ މަސައްކަތް ކުރިއެވެ.

ނަސީބު ކަންދިމާ ކުރިގޮތުން ރައުޝަންއަށް ވަރަށް ފަސޭހައިން އެގެ ކައިރީގައި ހުރި ފިހާރައަކުން ވަޒީފާ ހަމަޖެހުނެވެ. ވަރަށް ހިތްހަމަޖެހިގެން ފެށި ވަޒީފާ އަދާކުރަން ފެށިނަމަވެސް ކިޔަވަމުން ވަޒީފާއަދާކުރުން ބުރަކަމަކަށް ވާންފެށިއެވެ. އެހެންކަމުން ބޯހަމަޖައްސާލާ އަމިއްލަ ކަންތައްތައް ކުރަންވެސް ރައުޝަންއަކަށް ވަގުތެއް ނުވެއެވެ. އެހެންނަމަވެސް އެކަމަކާ ރައުޝަންގެ މާބޮޑު ފަރުވާލެއް ނުހުރެއެވެ. މާލެ ބަދަލުވެ ކިޔަވަން ފެށިތާ މަހެއްހާ ދުވަސް ފާއިތުވީ އެހެންނެވެ. ޒާހިދާވެސް ހުރީ ނުހަނު ހިތްހަމަޖެހިގެންނެވެ. އޭނާ ބުނި ފަދައިން ރައުޝަން ބަރާބަރަށް ގެއަށް އެވަގުތަށް އަންނާތީއެވެ. އަނެއްކާ މަޑުމަޑުން ރައުޝަންގެ މަންމައާ ޒާހިދާގެ ދެމަފިރިންނާއިވެސް ގުޅުން ބަދަހިވެގެން ދިޔައެވެ. ރައުޝަން އެގޭގައި ހުންނާތީ އޭނާގެ މަންމަގެ ހާސްކަންވެސް ފިލައިދިޔައެވެ.

އެހެންނަމަވެސް ކަންތައްތައް ބަދަލުވެގެންދާނެ ގޮތެއް މީހަކަށް ނޭނގޭނެތާއެވެ. ރައުޝަންގެ ހަޔާތަށްވެސް އެފަދަ ބަދަލުތަކެއް އަންނަން ފެށީ އެ ފިހާރައަށް ނައުފަލް ކިޔާ ޒުވާނަކު ވަތް ހިސާބުންނެވެ. އޭނާއަށްވުރެ 3 އަހަރު ބޮޑު ނައުފަލްއާއި އެކު ބަދަހިވެގެންދިޔަ ގުޅުމާއިއެކު ރައުޝަންގެ މުޅި ދިރިއުޅުމަށްވެސް އޭގެ އަސަރުކުރަން ފެށިއެވެ. ގެއަށް ލަހުން އައުން އާދައަަކަށް ވިއެވެ. ޒާހިދާއަށް ރައުޝަންގެ މަންމަގެ ގާތުގައި އެވާހަކަތައް ހިއްސާކުރާކަށް ނުކެރެއެވެ. ސަބަބަކީ ރައުޝަންގެ އެކަހަލަ ކަމެއް ފެނިއްޖެނަމަ އޭނާ އަނބުރާ ރަށަށް ގެންދާނެކަމަށް އޭނާގެ މަންމަ ބުނެފައި އޮތް ބުނުން ހަނދާނުގައި ހުރީތީއެވެ. އެހެންކަމުން ޒާހިދާ އޭރު ނިންމީ އޭނާ އަމިއްލައަށް ރައުޝަންއާއި ވާހަކަ ދައްކާށެވެ.

"ރައުޝަން. މިހާރު ކޮންމެ ރެއަކު ތިހެން ލަހުން ތިއަންނަނީ.. ފިހާރަ މާ ބުރައީތަ؟ ސްކޫލަށްވެސް ތިދެވެނީ ދެދުވަހުން އެއްދުވަހު. އެހެންވަންޏާ ކަމަކު ނުދާނެއެއްނު؟" ޒާހިދާ ވާހަކަ ފެށީ ރައުޝަން ސްކޫލަށް ނުގޮސް ސައިބޯން ނުކުތް ދުވަހެއްގައެވެ.
"އާނ.. ހަމަ ބުރަވީމަ ބުރައޭ ބުނަނީ.. އިތުރު ކަމެއްވެގެންނެއް ނޫން.." ރައުޝަން ބޭނުންވީ އެވާހަކަ ނުދައްކާ އެތަނުން ދާށެވެ.
"އެކަމަކު ދައްތަ ކުރިން ރޭވެސް، އަދި ރޭގައިވެސް ނުކުމެލިން ފިހާރަ ބަލާލަން. ރައުޝަންއެއް ނެތް. ފިހާރަ ހުރީވެސް އެއްކޮށް ނިއްވާލާފައި..." ޒާހިދާ އެހެން ބުނީ ވަރަށް ޔަޤީންކަމާއި އެކުގައެވެ.

"މިހާރު ދައްތަ އަހަންނަށް ފާރަވެސް ލާން ފެށީތަ؟ އަހަރެން ނުކުރަމޭ ގޯސް ކަމެއް. ބޮސް ބުނެގެން ގުދަނަށް މިހާރު ދާންޖެހޭ ދޭތެރެ ދޭތެރެއިން. ދެން އެހެން ކަންތައްވެސް ހުންނާނެއެއްނު. ހުރިހާ ކަމެއް ދައްތައަށް ރިޕޯޓްކުރަން ޖެހޭކަމެއް ނުބުނަމެއްނު މިގެއަށް އައިއިރަކު އެއް." ރައުޝަންއަށް ވާހަކަ ދެއްކުނީ ވަރަށް ރުންކުރު ރާގަކަށެވެ.

"ހުރިހާ ކަމެއް ދައްތައަށް ރިޕޯޓު ނުކުރިއަސް ރައުޝަން މަންމައަށް ވާނެ ވާނުވާ އަންގާލަން. މަންމަ އަހާނެ ދައްތަ ކައިރީގައި. ރައުޝަން ތިވާނުވާ މަންމައަށް އަންގާލީމަ މަންމަ ނާހާނެއެއްނު ދައްތަ ކައިރީގައި؟ އެހެންވީމަ މަންމައަށް ވާނުވާ އަންގާލައްޗޭ އިނގޭ...." ޒާހިދާ ވާހަކަ ދެއްކީ އެހެންޏާވެސް އޭނާ ދައްކާހެން އެހާމެ އޯގާތެރިކޮށެވެ. އެހެންނަމަވެސް އެހާ ހިސާބުން ރައުޝަންގެ ރުޅިގަނޑު އޭނާގެ ކޮންޓްރޯލުން ނެއްޓިއެވެ. ކާން އިން ތަށި ނަގާ ސިންކަށްލުމަށްފަހު، ކޮޓަރިއަށް ވަދެ އެނދުމައްޗަށް އަރާ އޮށޯތީ އޭނާ ރުޅިއައިސްފައި ހުރިކަން އަންގަމުންނެވެ.

އެރޭ އޭނާ ވަޒީފާއަކަށް ވެސް ނުދިޔައެވެ. އެހެން ކިޔާފައި ނުކުމެގެން ދިޔަގޮތަށް ދިޔައީ ނައުފަލްއާއި އެއްކޮށެވެ. ޒުވާންކަމުގެ ޖޯޝުގައި އުފާވެރި ވަގުތުތައް ދެމީހުން އެކުގައި ހޭދަކުރުމަށްފަހު، ޒާހިދާ އެދުނު ގަޑިއަށް ރައުޝަން ގެއަށް އައެވެ. ޒާހިދާ އިތުރު ވާހަކައެއް ނުދެއްކުމުން ރައުޝަންއަށް އެލިބުނީ މުޅިން އާ ފުރުސަތެކެވެ. ވަގުތުން ފިހާރައިން ކެނޑިގެން އޭނާ ކަންތައް ކުރަންފެށީ އެހެންނެވެ. ނައުފަލްއާއި އެކު އޭނާގެ ގުޅުން ފައްކާކުރަމުން ދިޔައެވެ. އެކިއެކި ގެސްޓްހައުސްތަކާއި މާލެ ހުޅުމާލެ އަދި ވިލިނގިލީގެ މީހުން ނޫޅޭ ހިސާބުތަކުގައި އެމީހުންގެ ވަގުތުތައް ހޭދަކުރަމުންދިޔައީ އެއްވެސްކަމަކާ ޚިޔާލެއް ފިކުރުކުރުމެއް ނެތިއެވެ. އާޚިރުގައި ކަންތައްވެގެންދާ ގޮތުން ހިތާމައެއް ލިބުނަސް ނޫނީ ލަދެއްގައި ބެދުނަސް އެކަމާވެސް ކުރިމަތިލާން ޖެހޭނެކަމަށްވެސް ވިސްނާލުމެއް ނެތިއެވެ.

އެހެން ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އެއްދުވަހެއްގެ ހެނދުނުވަގުތު ރައުޝަންއަށް ހޭލެވުނީ ހޮޑުލަވާ ކަހަލަ އިހުސާސެއް ކުރެވުމުންނެވެ. އޭނާގެ މައްސަރުގެ ކަންތައްވެސް އާދަޔާ ޚިލާފަށް ލަސްވެފައިވުމުން އޭނާ ހާސްވާން ފެށީ އެހާ ހިސާބުންނެވެ. އެންމެ ފުރަތަމަވެސް ގުޅީ ނައުފަލްއަށެވެ. ނައުފަލް އެދުނީ އަމިއްލައަށް ގޮސް ޓެސްޓް ކިޓެއް ގަނެލައިގެން ޓެސްޓް ކުރުމަށެވެ. ބާރަށް ތެޅެމުންދިޔަ ހިތަކާއިއެކު ރައުޝަން ބޭސް ފިހާރައަށްގޮސް ޕްރެގްނެންސީ ކިޓެއް ގަނެގެން އައިސް ޓެސްޓްކުރީ އެންމެންނަށްވެސް ސިއްރުންނެވެ. ހޮސްޕިޓަލް ފާހާނާއަށް ވަދެ ޓެސްޓް ކުރުމަށްފަހު، ކެތްތެރިކަމެއްނެތި އޭނާ އިންތިޒާކުރަމުން ދިޔައިރު، ނައުފަލްއަށްވެސް ދޭތެރެއަކުން ގުޅިއެވެ. އެހެންނަމަވެސް އޭނާ ފޯނެއް ނުނަގައެވެ. ރައުޝަންގެ ތެޅެމުންދިޔަ ހިތް ފަޅައިގެންދާ ފަދަ އިހުސާސެއްވީ ޓެސްޓުގެ ނަތީޖާ ޕޮޒޮޓިވް ވުމުންނެވެ. ބޮލަށް އެނބުރުންވެސް އަރައިގެން ދިޔައެވެ. ބިރުން ތުރުތުރުވެސް އަޅަން ފެށިއެވެ. ހަދާނެ ގޮތްވެސް ހުސްވެ މާޔޫސްވިއެވެ.

ތުރުތުރު އަޅަމުން ދިޔަ ހާލުގައި އޭނާ އެންމެ ފުރަތަމަވެސް އެވާހަކަ ހިއްސާ ކުރަން ގުޅީ ނައުފަލްއަށެވެ. ދެތިން ހަތަރު ފަހަރަށް ގުޅުމަށްފަހު އެންމެ ފަހުން ނައުފަލް ފޯނު ނުނެގުމުން ރައުޝަން ގަސްތުކުރީ ނައުފަލް އުޅޭ ގެއަށް ދިޔުމަށެވެ. ކާރަކަށް އަރައިގެން އޭނާ އެގެއަށް ދަމުން ނައުފަލްއަށް މެސެޖުކުރީ ބޭރަށް ނުކުތުމަށް އެދިއެވެ. ނަސީބަކުން އޭނާ އެގެއާ ހިސާބަށް އެރިއިރު ނައުފަލް ހުރީ ބޭރުގައެވެ. ކާރުން ފޭބުމަށްފަހު ނައުފަލްއާއި ދިމާލަށް ދާން އުޅެފައިވެސް ރައުޝަންއަށް އެކަން ނުވީ ނައުފަލް ހުރިގޮތް ފެނުމުންނެވެ. އިސްޖަހާލައިގެން ހުރިއިރު އޭނާ ހުރީ އެއްވެސް ވަރަކަށް އެފަދަ ޚަބަރަކަށް ތައްޔާރުވެގެން ނޫންކަން ރައުޝަންއަށް އެނގުނެވެ.

ރައުޝަން ފެނުމުން ވެސް ނައުފަލް އެހުރިގޮތަށް ހުރީއެވެ. އެހެން ހުރެފައި އޭނާ މަޑުމަޑުން ރައުޝަންއާ ދިމާލަށް މިސްރާބުޖެހިއެވެ. ރައުޝަންއަށް ހުރެވުނީ އޭނާ ހުރިތާނގައި ގުޑިލަންވެސް ނޭނގިފައެވެ. ދެފައި ބިންމަތީގައި ދަމަމުން ކަހަލަ ގޮތަކަށް އައިސް ނައުފަލް ބުނި ޖުމްލައާއި އެކު ރައުޝަންގެ މުޅި ދުނިޔެ ހުއްޓުމަކަށް އައި ފަދައެވެ. ނައުފަލް އެދުނީ ދެމީހުން ރުޅިވާށެވެ. އޭނާއަކަށް އެފަދަ ޒިންމާއެއް ނުނެގޭނެކަމަށާއި ދެން ނިންމާ ނިންމުމަކުން ދެމީހުންގެ ގުޅުން ރަނގަޅު ނުވާނެކަމަށާއި އެހެން ގުޅުން ހަލާކުކުރުމުގެ ބަދަލުގައި މިހާރު ދެމީހުން އެއްބަސް ކިޔައިގެން ރުޅި ވުމަށް އޭނާ ބުނެލިއެވެ. ރައުޝަންއަށް ވާހަކަ ދައްކަން އޭނާ ފުރުސަތެއްވެސް ނުދީ ޖީބުން ނަގާފައި ދިނީ ބޭސްކާޑެކެވެ.

"މީ އަހަންނަށް ކޮށްދެވެން އޮތް އެންމެ ބޮޑުވަރު. ދެން އަހަންނަށް ނުގުޅާތި. ވެގެންވަންޏާ އަހަންނަށް މާފުކުރާތި. އަހަރެން ރައުއާ ރުޅިވިޔަސް އަދިވެސް ބުނަން ބޭނުމީ އަހަރެން ވަރަށް ލޯބިވެޔޭ. ހާލަތު މިހެން އޮތުމުން މިނިންމުން އަހަރެން މިނިންމީ. އަހަރެން އުންމީދުކުރަން ރައުޝަންވެސް އިތުރަށް ދެން ތިކަންތަކާ ނޫޅެ ރަނގަޅަށް ކިޔައިވައިގެން މޮޅު މީހަކަށް ވާނެކަމަށް. އަހަރެން ދެން ގޮސްލަނީ" ނައުފަލްގެ އަޑުގައި އެއްވެސް އަސަރެއް ނެތެވެ. ނައުފަލް އެތަނުން ހިނގައިގަތީ ރައުޝަންއާއި ދިމާލަށް ފަސް އެނބުރި ބަލާލުމެއްވެސް ނެތިއެވެ. ރައުޝަންގެ ދެފައި ކޮޅުން ވަރުދުވާން ފެށުމާއިއެކު އޭނާއަށް ބިންމަތީގައި އިށީނދެވުނެވެ. ނައުފަލް ދީފައި ދިޔަ ބޭސްކޮތަޅު ނަގައިގެން އޭނާ އަވަސް އަވަހަށް ހިނގައިގަތީ އޭނާގެ ސިކުނޑިއަށް ބާރުވެ ވާންވާން ފެށުމުންނެވެ. ބިރުވެރިކަމުން އެހިތް ދިޔައީ އިންތިހާ ބާރުމިނުގައި ތެޅެމުންނެވެ.

ގެއަށް ވަދެފައި އެންމެ ފުރަތަމަވެސް ރައުޝަން އޭނާގެ ކޮޓަރިއަށްވަނީ ޒާހިދާ ގޮވަގޮވާ ހުއްޓައެވެ. އެނދުމައްޗަށް އެރި ގޮތަށް އަނެއްކާވެސް އޭނާ ފެށީ ރޯށެވެ. އިރު އޮށްސުނުއިރު ވެސް އެއްޗެއް ނުކައި އެހެން އޮށްވާ ޒާހިދާ އައިސް އެކޮޓަރިއަށް ވަނެވެ. ވަރަށް އޯގާތެރިކަމާއި އެކު އޭނާ ރައުޝަންގެ ބޮލުގައި ފިރުމަން ފެށުމުން ރައުޝަން ފުންމައިގެން ތެދުވެ ޒާހިދާގެ ގައިގައި އޮޅުލައިގަތެވެ. އެކޮޓަރީގައި އެވަގުތު ތިބި ކުދިންތައްވެސް އަވަހަށް އެތަނުން ނުކުމެގެން ދިޔައީ ވާނުވާ ނޭނގޭތީއެވެ. ޒާހިދާއަށްވެސް ހުރެވުނީ ހައިރާންވެފައެވެ. އެތަކެއް ފަހަރަކު ތަކުރާރުކޮށް ރައުޝަންއާއި އޭނާ ސުވާލުކުރަން ފެށީވެސް އެހެންވެގެންނެވެ.

ރޮމުންދިޔަ ރައުޝަން އޭނާއަށް ދިމާވެގެން އުޅޭ ކަންތައް ޒާހިދާއާއި ހިއްސާކުރުމުން ޒާހިދާއަށް ވެސް ރޮވެން ފެށުނެވެ. އޭނާ އެންމެ ބޮޑަށް ކަންބޮޑުވީ އޭނާގެ ބެލުމުގެ ދަށުގައި ހުރި 18 އަހަރު ނުފުރޭ ކުއްޖަކަށް އެފަދަކަމެއް ދިމާވުމުންނެވެ. މީގެ ކުރިން ދުވަހަކުވެސް އެފަދަ ކަމަކާ ކުރިމަތިލާން ނުޖެހުނު ޒާހިދާއަށް އެވަގުތު ހަދާނެގޮތެއްވެސް ނުވިސްނުނެވެ. ވަރަށް ހިތްވަރުކޮށްފައި ޒާހިދާ އެދުނީ ރައުޝަން ބޭނުންވާ ގޮތެއް ބުނުމަށެވެ. ޖަވާބު ހުދު އޭނާއަށްވެސް އެނގިހުރެއެވެ. އޭނާ ހީކުރި ފަދައިން ރައުޝަން ބޭނުންވީ އެކަންތައް ނިންމާލާށެވެ. ޒާހިދާ އެތަކެއް ފަހަރަކު ނަސޭހަތްވެސް ދިނެވެ. އެއް ފާފައަކަށް އަރާފައި އަނެއްކާ އިތުރު ފާފައެއް ނުކުރުމަށެވެ. އެހެންނަމަވެސް ރައުޝަން ހުރީ އޭނާގެ ގޮތުގައެވެ. ރައުޝަން އޭނާއަށް އެހީތެރިވެދިނުމަށް އެދި އާދޭސްކުރަމުންދިޔައެވެ. އެންމެފަހުން ޒާހިދާ އެކަމާ އެއްބަސްވީ ރައުޝަންގެ ހާލަތު ފެނި އޭނާގެ ހިތަށް ކެތްނުވުމުންނެވެ.

އެރެއިން އެރެއަށް ޒާހިދާ ރައުޝަން ގޮވައިގެން ގޮސް އޭނާއަށް ބޭސް ދިނެވެ. ދުނިޔެއަށް ނުވެސް އަންނަ ފުރާނައެއް ދެމީހުންވެގެން ނައްތާލީ އަޖަލުގައި ދިމާވާނެ އަޒާބަކަށްވެސް ވިސްނާލުމެއް ނެތިއެވެ. ރައުޝަން އެފަހުން އުޅުނީ ވަރަށް ހާލުގައެވެ. ސްކޫލަކަށް ނުދެއެވެ. މީހަކާ ވާހަކައެއް ނުދައްކައެވެ. އޭނާގެ ހަށިގަނޑުންވެސް އެކަމުގެ އަަސަރު ފެންނަމުންދިޔައެވެ. އޭނާގެ މިޒާޖުންވެސް އެކަން ސިއްރެއް ނުވިއެވެ. އެކަންތައް އޭނާ ބަނޑުއަޅައި ވިހެއި މައިމީހާއަށްވެސް ފާހަގަވާން ފަށައިފިއެވެ. އެހެންކަމުން ރައުޝަންގެ މަންމަ އޭނާގެ ގާތުގައި އެސުވާލު ކުރިއެވެ. ރައުޝަންއަކަށް ދޮގުހަދާކަށް ނުކެރުނެވެ. އޭނާ އިސްޖަހާލައިގެން ހުރެ އެއްބަސްވީއެވެ. ރައުޝަންގެ މަންމަ އެންމެ ފުރަތަމަވެސް ޝައްކު ކުރީ ޒާހިދާގެ ފިރިމީހާއަށެވެ. އެޔާއިއެކު ރައުޝަންއަކަށް އެކަމަށްވެސް ދެކޮޅު ހަދާކަށް ނުކެރުނެވެ. މަންމަގެ ބިރަށް ކުށެއް ނެތް މީހެއްގެ ބޮލުގައި އެޅުވުނީ ބޮޑު ފާފައެކެވެ. ޒާހިދާއާއި މެދު ވިސްނާލުމެއްވެސް ނެތިއެވެ.

ރައުޝަންގެ މަންމަ މާލެ އައި ގޮތަށް އެގެއަށް ގޮސް ހިންގާލީ ބޮޑު ކަންތައްގަނޑެކެވެ. ޒާހިދާގެ ދެމަފިރިންނާއި ދިމާލަށް ހެއްދެވި ނެހެއްދެވިއަށް ގޮވިއެވެ. ރައުޝަން އެގެއިން ނެރެގެން ދަމުން ދެން ދުވަހަކުވެސް ދަރިފުޅުގެ ހަޔާތައް އައިސްގެން ނުވާނެއޭ ބުނެ އިންޒާރުދިނީ ރައުޝަންގެ އަބުރަށް ވިސްނާފައި ފުލުހުންނާއި ހިސާބަށް ނުދާނެކަމަށް ބުނެއެވެ. އެހުރިހާކަމެއް ވެގެން ދިޔައިރުވެސް ޒާހިދާ އަޑުހަރުކޮށް އެއްވެސް އެއްޗެކޭ ނުބުނެއެވެ. ފަހަރުގައި ރައުޝަންއަށް ދިމާވި ކަންތައްތަކަކީ އޭނާގެ އިހުމާލުންވީ ކަންތައްކަމަށް އޭނާއަށް ޤަބޫލުކުރެވޭތީ ކަމަށްވެސް ވެދާނެއެވެ.

ރައުޝަންއަށް އެފަހުން ޒާހިދާ މަގެއްގެ މަތިންވެސް ފެނުނީ އޭގެ 3 އަހަރު ފަހުންނެވެ. އޭރު ކަންތައްތައް ވަރަށް ބޮޑަށް ބަދަލުވެއްޖެއެވެ. ޒާހިދާ އުޅުނީ 2 އަހަރުގެ ކުއްޖަކު ގޮވައިގެންނެވެ. ރައުޝަންއަށް އެކުއްޖާ ފެނުމުންވެސް އެއީ ޒާހިދާގެ ކުއްޖެއްކަން އެނގުނެވެ. އެހެންނަމަވެސް ޒާހިދާއާއި އިސްވެ ވާހަކަ ދައްކާނެހާ ހިތްވަރެއް ރައުޝަންއަކަށް ނުލިބުނެވެ. އަވަސް އަވަހަށް ފިހާރައިން ނުކުމެގެން އޭނާ ދިޔަތާ އިރުކޮޅެއް ނުވަނީސް މީހަކު ފަހަތުން ގޮވާލުމުން ރައުޝަންއަށް މަޑުޖެހެވުނެވެ. އޭނާއަށް ގޮވާލީ ޒާހިދާއެވެ. ރައުޝަންތޯ ޔަޤީންކޮށްލީ ކަމަށްބުނެ އިތުރު ވާހަކައެއް ނުދައްކާ ހަމަ ކުރިން ހުރި އޯގާވެރި ހިނިތުންވުމާއިއެކު އޭނާގެ ދަރިފުޅަށް ރައުޝަން ތަޢާރަފްކޮށްދިނުމަށްފަހު، ޒާހިދާ އެތަނުން ހިނގައިގަތެވެ. އިތުރު އެއްޗެއް ޒާހިދާ ނުބުނެއެވެ. ރައުޝަންއަށްވެސް ވީ އެވަރެވެ.އޭނާ ހިނގައިގަތީ ދެން ދުވަހަކުވެސް ޒާހިދާއާއި ދިމާނުވޭތޯ ހިތާ ހިތުން ދުޢާ ކުރަމުންނެވެ.
މާފަށް އެދެވުނުނަމައެވެ. އެހެންނަމަވެސް އެފުރުސަތުވެސް ގެއްލުނީއެވެ. ދެލޮލުން ކަރުނަ އޮހެމުން، އަމިއްލަ ނަފްސު އިންތިހާއަށް ކުއްވެރި ކުރެވެމުން ދިޔުމާއިއެކު މާޒީގެ ސޮފްހާތަކުން ރައުޝަންގެ އަތް ވީއްލިއްޖެއެވެ. އޭރުވެސް އޮވެނުނީ ހަމަ އެކާރުގެ ޑިކީތެރޭގައެވެ. އެހެންނަމަވެސް ރައުޝަންގެ ސިކުނޑި އެތަކެއް ކަމަކަށް ހުޅުވިއްޖެއެވެ. މާފަށް އެދެން ހިތުލި އެކަންތަކުން އޭނާގެ ހާލަތާއި ގުޅުވަން ފެށުނެވެ. އެންމެ ކުރިން ޒާހިދާ އެކަންތަކާ އަޅާނުލިއެއްކަމަކު އަމިއްލަ ދަރިއަކު ލިބުމުން ކަންތައް ބަދަލުވެދާނެތާއެވެ.

ތުންތުން މަތިން އެވާހަކަ ފެތުރި އެދެމަފިރިންގެ ހަޔާތައްވެސް އޭގެ އަސަރުނުކޮށް ނުހުންނާނެކަން ރައުޝަންއަށް ވިސްނުމާއިއެކު ދެން ހިތަށް އެރީ މާޒީގައި ކަންތައްވެފައިއޮތް ގޮތުން ޒާހިދާ އެކަންތަކާ ބަދަލުހިފަންވެސް އުޅެދާނެކަމެވެ.
ރައުޝަންގެ މުޅި ހަށިގަނޑު ފިނިވުމާއިއެކު އޭނާއަށް ފަރާތްފަރާތަށް ތެޅެވެން ފެށުނީ އަނެއްކާވެސް ބޭރުތެރެއިން އެތިންމީހުންގެ އަޑު އިވުމުންނެވެ. ސިކުނޑިއަށް ވާންވެފައި ވުމާއިއެކު ފާޑެއްގެ ފިނިކަމެއް އިޙުސާސްވާން ފެށީ އެތިން މީހުން ވަރަށް ހާސްވެފައި އެކަކު އަނެކަކާ ޒުވާބުކުރަމުން އައިސް ވަތްއަޑު އިވުމުންނެވެ. ރައުޝަން އޭނާގެ ހަށިގަނޑުން ވަރު ދޫކޮށްލުމަށްފަހު ދެލޯ މަރައިގެން އޮތީ އެމީހުން ކާރުގެ ޑިކީ ހުޅުވާއިރު އެމީހުންނާއި ދިމާލަށް ބަލަން ބޭނުން ނުވުމުންނެވެ. އޭނާ ނޭވާވެސް ނުލާ އޮށްވާ މެރިފައިވާ އޭނާގެ ދެލޮލަށްވެސް އަލިގަނޑު އެޅިގެން ދިޔައީ އަޑެއްކިޔާފައި ކާރުގެ ޑިކީ ހުޅުވުމުންނެވެ. ރައުޝަން އެއޮތްގޮތަށް ގުޑިވެސް ނުލާ އޮތީ ހަޤީގަތުގައިވެސް އޭނާއަށް ކަންތައް ކުރަންވީ ގޮތް ނުވިސްނުމުންނެވެ.
"މަބުނިންދޯ ކަލޭ ކައިރީގައި ޔަޤީންކުރައްޗޭ މިކަހަލަ ކަންތައް ކުރާއިރު. ދެން ކިހިނެތް ހަދަނީ؟ މީހަކު ނަގާއިރު އެހާވަރަށް ބަލާށޭ އަހަރެން ބުނަނީ މިހެން ވާތީއޭ! ދެންވެސް އެމީހުން އައުމުގެ ކުރިން މިތަނުން ދެވޭތޯ ބަލަން ހިނގާ!" ތަންކޮޅެއް ދުރުން އަޑެއް އިވުނެވެ.

"އޭނަ ނޭވާލާތަ؟ އެ އޮތްގޮތަށް ބާއްވާފަ ހިނގާ ދަމާ!" ދެންހުރި މީހާ ރައުޝަންގެ ނޭފަތާއި ދިމާލަށް އިނގިލި ދިއްކޮށްލާފައި އެހެން ބުނިއިރު، އެމީހުން ތިބީ ހާސްވެފައިކަން ރައުޝަންއަށް އެނގުނެވެ. ތިން މީހުން އެއްބަސް ކިޔާފައި ރައުޝަން އެއޮތްގޮތަށް ބާއްވާފައި އެތަނުން ނުކުމެގެން ދުއްވައިގަތީ އަނެއްކާވެސް ޑިކީ ލައްޕާލަމުންނެވެ. އެމީހުންގެ ވާހަކައިން އެމީހުން އެކަން ކުރީ ވަކިމީހަކު ރަޙީނުކުރަންކަން ރައުޝަންއަށް އެނގުމުންވެސް އޭނާ ގުޑިނުލާ އޮތީ އޭނާ އެހެން އޮތްކަން އެނގި އެމީހުން ކޮށްފާނެ ކަމަކަށް ބިރުންހުރެއެވެ. ސަލާމަތްވާނެ އިތުރު ގޮތެއް ނެތިފައި އެހެން ތެޅިފޮޅެން ފެށީ ފަހަރުގައިވެސް މީހަކު އައިސް އޭނާ ސަލާމަތްވާނެކަމުގެ އުންމީދުގައެވެ.

ރައުޝަންގެ ނަސީބު ހަމަ ގަދައީއެވެ. އެބަޔަކު އެންމެ ފުރަތަމަވެސް އެތަނަށް ވަނީ ބަޔަކު މީހުން އެމީހުން ފަހަތުން އަންނާތީކަމުން އެބަޔަކު އައިސް އެތަނަށް ވަނެވެ. ރައުޝަން އޭނާއަށް ލެވުނު ހިތްވަރަކާއި އެކު ބަންޑުން ޖެހިގަނެފައި ކާރުގެ ޑިކީގައި ތަޅަން ފެށިއެވެ. އެތަނަށް އައި ބަޔަކު އައިސް ކާރުގެ ޑިކީ ހުޅުވާލުމާއި އެކު ރައުޝަންއަށް ރޮއެގަނެވުނެވެ. ފުލުހުންގެ ދެތިން މީހަކު އެތާނގައި ތިބިއިރު އެމީހުން އައީ ލިބުނު މައުލޫމާތެއްގެ އަލީގައިކަމަށް އެމީހުން ބުންޏެވެ. ރައުޝަންގެ އަތާއި ފައި މޮހާލުމަށްފަހު، އޭނާ އެންމެ ފުރަތަމަވެސް ގެންދެވުނީ ހޮސްޕިޓަލަށެވެ. ދޭންޖެހޭ ފަރުވާ ދިނުމަށްފަހު އޭނާ ހޮސްޕިޓަލުން ދޫކޮށްލެވުނެވެ.

ހޮސްޕިޓަލުން ނުކުމެ ރައުޝަން އެންމެ ފުރަތަމަވެސް ގުޅީ އޭނާގެ މަންމައަށެވެ. ދިމާވި ހާދިސާއިން ވިސްނުނު ކަންތައްތަކުން އެއްވެސް ކަމެއް އޮޅުވާލާފައި ބާއްވާކަށް އޭނާ ބޭނުމެއް ނުވިއެވެ. މާޒީގައި ކަންތައް ވެދިޔަ ގޮތް ކިޔައިދިނުމަށްފަހު، މާފަށް އެދުނެވެ.
މަންމަގެ ފަރާތުން މާފު ލިބުމުން ރައުޝަންގެ ހިތަށް ހަމަޖެހުން ލިބިގެންދިޔައެވެ. މީހެއްގެ ނަސީބު އެމީހަކަށް ކުރިމަތިކުރުވާނެ ހާލަތަކީ އެހާ ފަސޭހައިން އަންދާޒާ ކުރެވޭނެ ކަންތައްތަކެއް ނޫނެވެ. ފަހަރުގައި ޒާހިދާގެ ދެމަފިރިންގެ ހިތުގައި އޭރުގެ ރައުޝަންއަށް އޮތް ހަމްދަރުދީއެއްގެ ސަބަބުންކަމަށްވެސް ވެދާނެއެވެ. އޭރު އެދެމަފިރިން އެއްވެސް ކަމެއް ނުކުރިއަސް އެހެން މީހަކުނަމަ އެމީހަކު ކަންތައް ކުރާނެގޮތެއް ވެސް އޭނާއަކަށް ނޭނގޭނެއެވެ. ކިތަންމެ ޒަމާނެއް ވިޔަސް ރައުޝަންގެ ހިތުގައި އެ ކުށްވެރި އިޙްސާސްވާހާ ހިނދަކު އޭނާއަށް ހަމަޖެހިލައިގެން ނޫޅެވޭނެކަމީ އޭނާވެސް ގަބޫލުކުރާ ހަޤީގަތެކެވެ.

"ހަލޯ؟ ޒާހިދާއްތާ؟ މީ ރައުޝަންއޭ..." ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ރައުޝަން އޭނާގެ ފޯނު ނަގާ ޒާހިދާއަށް ގުޅާލީ އެކަންތަކާ މިއަދު ނޫނީ މާދަމާ އޭނާ ކުރިމަތިލާންޖެހޭކަން ވިސްނުނީތީއެވެ. ވަގުތު ފާއިތުވުމުގެ ކުރިން އޭނާގެ އަތުން ހެދުނު ގޯސް އޭނާ ރަނގަޅުކުރަން ބޭނުންވާތީއެވެ.

އެޑިޓަރުގެ ނޯޓް

މީ ދިވެހިރާއްޖޭގެ އަޑުން މިރޯދަމަހު ގެެނެސްދޭ ކުރު ވާހަކަ މުބާރަތަށް ހުށައަޅާފައިވާ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. މި ވާހަކަ ލިޔެ ހުށައަޅާދިނީ އާއިޝަތު ޖަޒްލީ، ހދ.ނޭކުރެންދޫ ޝާޒިން އެވެ. ރޭޑިއޯއިން މި ވާހަކަ ބްރޯޑްކާސްޓްކޮށްފައިވަނީ 13 ރަމަޟާން 1442 އެވެ.