ޚަބަރު

ޙާލަތު ގޯސްވެފައިވާ އިންޑިޔާއަށް ރަޙުމަތްތެރި ޤައުމުތަކުގެ އެހީތެރިކަން


އިންޑިޔާގެ ކޯވިޑް-19ގެ ޙާލަތު އިންތިހާއަށް ގޯސްވުމުން އެ ޤައުމަށް ގިނަ ޤައުމަތަކެއްގެ އެހީތެރިކަން ލިބެން ފަށައިފިއެވެ.

އެމެރިކާއަށްފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ އިންޑިޔާގައެވެ. އެ ޤައުމުގައި މިހާތަނަށް 17.3 މިލިޔަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 195،116 މީހުންވަނީ މަރުވެފައެވެ. ފާއިތުވި ހަފުތާތަކުގައި އެ ޤައުމުގައި ބަލިޖެހޭ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެ އެ ޤައުމުގެ ޞިއްޙީ ނިޒާމަށްވަނީ ވަރަށް ބޮޑަށް ބާރުބޮޑުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 349،313 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އެއީ މިހާތަނަށް އެއް ދުވަހުގެ ތެރޭގައި އެއްވެސް ޤައުމެއްގައި އެހާ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހުނު ދުވަހެވެ.

އިންޑިޔާގެ ހަސްފަތާލުތަކުގައި ހުރި އެނދުތައް ހުސްވެ ބަލިމީހުންނަށް ފަރުވާ ދިނުމަށް ބޭނުންކުރާ އޮކުސިޖަނާއި ބޭސްފަދަ ތަކެތި ލިބުމުގައި ދަތިތަކަކާ ކުރިމަތިލާންވަނީ ޖެހިފައެވެ. އިންޑިޔާއަށް ކުރިމަތިވެފައިވާ ޙާލަތުގައި އެ ޤައުމަށް އެހީތެރިނުވާތީ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އިނގިރޭސިވިލާތާއި އެމެރިކާއާއި ވިލާތުގެ އިއްތިޙާދުންވަނީ އޮކްސިޖަނާއި އެހެނިހެން ޞިއްޙީ ސާމާނު އިންޑިޔާއަށް ފޯރުކޮށްދޭނެކަމަށް ބުނެފައެވެ. އިނގިރޭސިވިލާތުން ބުނީ އިންޑިޔާއިން އޮކުސިޖަން ކޮންސެންޓުރޭޓަރާއި ވެންޓިލޭޓަރު ފޯރުކޮށްދިނުމަށް އެދިފައިވާކަމަށާއި އެތަކެތި އިންޑިޔާއަށް ފޮނުވައިދޭނެކަމަށެވެ.

އެމެރިކާއިން ބުނީ އިންޑިޔާގައި ތައްޔާރުކުރާ ކޮވިޝީލްޑު ވެކްސިން ތައްޔާރުކުރުމަށް ބޭނުންވާ ބައެއް މާއްދާތައް ހޯދޭނެ ގޮތްތައް ދެނެގަނެފައިވާކަމަށާއި އެ މާއްދާތަކާއި ބައްޔަށް ތަހުލީލުކުރާ ކިޓާއި ވެންޓިލޭޓަރާއި ޕީޕީއީ އިންޑިޔާއަށް ފޮނުވާނެކަމަށެވެ. އަދި އެ ޤައުމަށް އޮކްސިޖަން ފޯރުކޮށްދެވޭނެ ގޮތްތައް ބަލަމުންދާކަމަށްވެސް އެމެރިކާއިން ބުނެއެވެ. އިންޑިޔާގެ ވެކްސިން އުފައްދާ ކުންފުންޏެއްކަމަށްވާ ބަޔޯއީ ކުންފުނީގެ މަސައްކަތް ފުޅާކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެކަމަށްވެސް އެމެރިކާއިންވަނީ ބުނެފައެވެ. އަދި އާންމު ޞިއްޙަތާބެހޭ މާހިރުންގެ ވަފުދެއް އިންޑިޔާއަށް ފޮނުވުމަށްވަނީ ނިންމައިފައެވެ.

އޭގެ އިތުރުން ވިލާތުގެ އިއްތިޙާދުންވެސްވަނީ އިންޑިޔާގެ ޙާލަތާމެދު ކަންބޮޑުވުން ފައުޅުކޮށް އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ދީފައެވެ.

އިންޑިޔާގެ ޙާލަތު ގޯސްވީ ފިޔަވަޅުތައް އެޅުމުގައި ބޮޑެތި ދޫތަކެއް ދިނުމުންކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ފިނި މޫސުމުގެ ތެރޭގައި ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ޢަދަދު 10،000އަށް ދަށްވުމުން އެ ޤައުމުގެ ސަރުކާރުންވަނީ ގިނަ ލުއިތަކެއް ދިނުމަށްފަހު ބޮޑެތި އެއްވުންތައް ބޭއްވުމުގެ ޙުއްދަ ދީފައެވެ. ފާއިތުވި ހަފުތާތަކުގެ ތެރޭގައި ސިޔާސީ އަދި ދީނީ ގިނަ އެއްވުންތަކެއް އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ބާއްވާފައިވެއެވެ. އޭގެ އިތުރުން ކޯވިޑް-19ގެ ނުރައްކާތެރި ވައްތަރެއް އެ ޤައުމުގައި ފެތުރޭކަމަށް ބައެއް ޞިއްޙީ މާހިރުން ބުނެއެވެ.