މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލްގެ ބެވަރެޖް ޕާޓްނަރަކަށް "އެކްސް-އެލް


ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ "މޯލްޑިވިއަން އައިޑަލް"ގެ ބެވަރެޖް ޕާޓްނަރެއްގެ ގޮތުގައި އެކްސް.އެލް އެނަރޖީ ޑިރިންކް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމުން މިއަދު ސޮއިކޮށްފިއެވެ. މޯލްޑިވިއަން އައިޑަލްގެ ބެވަރެޖް ޕާޓްނަރެއްގެ ގޮތުގައި އެކްސް.އެލް އެނަރޖީ ޑްރިންކް ހަމަޖެއްސުމުގެ އެއްބަސްވުމުގައި ޕީ.އެސް.އެމްގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިމިނަތު ޝާޔަން ޝާހިދެވެ. އަދި އެކްސެލް އެނަރޖީ ޑިރިންކްގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި އެކްސެލް އިޝްތިޙާރުކޮށް ވިއްކާ ކުންފުނިކަމަށްވާ، ބީ.އެޗް.އެމް ޓްރޭޑާރޒްގެ މާރކެޓިންގ އެންޑް ސޭލްސް މެނޭޖަރ އިބްރާހިމް ޝަރީފެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވުމުން ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިމިނަތު ޝާޔަން ޝާހިދު ވިދާޅުވީ، މޯލްޑިވިއަން އައިޑަލް ރާއްޖެއަށް ތަޢާރަފުކުރެވުނު ހިސާބުން ފެށިގެން މިއަދާހަމައަށް މި ޝޯވއަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބެމުންދާކަމަށެވެ. އަދި މިހާތަނަށް އައިއިރު ރާއްޖޭގެ ނަން މަޝްޙޫރު ގިނަ ކުންފުނިތަކަކުން މި ޝޯވ އެކި ގޮތްގޮތުން ސްޕޮންސަރ ކުރެއްވުމަށް ޝަޢުގުވެރިކަން ފާޅުކުރައްވަމުންދާކަމަށް ޝާޔަން ވިދާޅުވިއެވެ. އެކްސެލް އެނަރޖީ ޑްރިންކްގެ ފަރާތުން މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީ.އެޗް.އެމް ޓްރޭޑާރޒްގެ ބިޒްނަޒް ޑިވެލޮޕްމަންޓް މެނޭޖަރ އިބްރާހިމް މައުމޫން ވިދާޅުވީ، މިފުރުސަތަކީ އެބޭފުޅުންގެ ވިޔަފާރި އިތުރަށް އިޝްތިޙާރު ކުރުމަށް ލިބިގެންދިޔަ ރަނުގެ ފުރުސަތެއްކަމަށެވެ. އަދި އެކްސެލް އެނަރޖީ ޑްރިންކަކީ އިންޓަރނޭޝަނަލް ބްރޭންޑަކަށްވެފައި، މިވަގުތުވެސް އައިޑަލް ޝޯވ ކުރިއަށްގެންދާ ޤައުމުތަކުގެ ތެރެއިން 6 ޤައުމެއްގެ ޝޯވ ސްޕޮންސަރ ކޮށްފައިވަނީ އެކްސެލުންކަން އޭނާ ފާހަގަކުރެއްވިއެވެ. ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ މޯލްޑިވިއަން އައިޑަލްގެ ޓައިޓަލް ސްޕޮންސަރަކީ ދިރާގެވެ. މެއިން ސޮޕްންސަރުންގެ ގޮތުގައި ލޮޓަސް ފިހާރަ އަދި އެލައިޑް އިންޝުއަރެންސް ހަމަޖައްސާފައިވާއިރު، މޯލްޑިވިއަން އައިޑަލްގެ ޓްރެވަލް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޤައުމީ އެއަރލައިން މޯލްޑިވިއަނެވެ. މޯލްޑިވިއަން އައިޑަލް ޝޯވ އޮންއެއަރކުރާ ހިސާބުން ފެށިގެންވެސް މި ޝޯވ ސްޕޮންސަރ ކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް، އެފުރުސަތު ހުޅުވާލެވިފައިވާކަމަށް ޕީ.އެސް.އެމުން މައުލޫމާތުދެއެވެ.