ޚަބަރު

ދެކުނު ޗައިނާ ކަނޑުގެ ސަލާމަތަށް ހުރަސްއަޅަނީ ޗައިނާއިން: ވިލާތުގެ އިއްތިޙާދު


ދެކުނު ޗައިނާ ކަނޑުގެ ޞުލްޙައަށް ހުރަސްއަޅަނީ ޗައިނާއިންކަމަށް ވިލާތުގެ އިއްތިޙާދުން ބުނެފިއެވެ. ވިލާތުގެ އިއްތިޙާދުން އެހެން ބުނީ އިންޑޯ ޕެސިފިކް ސަރަޙައްދުގައި ވިލާތުގެ އިއްތިޙާދުގެ ނުފޫޒު އިތުރުކޮށް ޗައިނާގެ ބާރުވެރިކަން ކުޑަކުރުމަށް މިދިޔަ ހަފުތާގެ ތެރޭގައި އެ އިއްތިޙާދުން އައު ސިޔާސަތުތަކެއް ނެރެފައިވަނިކޮށެވެ.

ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމާމެދު ޗައިނާއާއި އަވަށްޓެރި ޤައުމުތަކާ ދެމެދު ބޮޑެތި ދެބަސްވުންތަކެއްވަނީ އުފެދިފައެވެ. ޗައިނާއިން ބުނާ ގޮތުގައި އެ ކަނޑުގެ 90 އިންސައްތަ ހިމެނެނީ އެ ޤައުމުގެ ސަރަހައްދުގެ ތެރޭގައެވެ. ޗައިނާގެ އިތުރުން ބުރުނާއީއާއި މެލޭޝިޔާއާއި ފިލިޕީންސާއި ތައިވާނާއި ވިއެޓުނާމުންވެސް އެ ކަނޑުގެ ސަރަޙައްދުތަކުގެ މިލްކުވެރިކަމަށް ދަޢުވާކުރެއެވެ.
ދެކުނު ޗައިނާ ކަނޑުގައި އޮންނަ ވިޓުސަން ރީފު ކައިރީގައި ޗައިނާގެ އުޅަނދުތަކެއް ޙަރަކާތްތެރިވަމުންދާތީ އޭޕްރިލް މަހުގެ 23ވަނަ ދުވަހު ފިލިޕީންސުންވަނީ ހިތްހަމަނުޖެހުން ފައުޅުކޮށްފައެވެ. ޗައިނާގެ އަސްކަރީ ސިފައިން ތިބިކަމަށާއި އެ އުޅަނދުތަކަކީ ރަޙްމަތްތެރި އުޅަނދުތަކެއް ނޫންކަމަށް ފިލިޕީންސުން ބުނެއެވެ.

ވިލާތުގެ އިއްތިޙާދުން ނެރުނު ބަޔާނެއްގައި އެ ހާދިޘާއަށް އިޝާރާތްކޮށް ބުނީ ވިޓުސަން ރީފުގައި ޗައިނާގެ ބޮޑެތި އަސްކަރީ އުޅަނދުތަކެއް ޙަރަކާތްތެރިވުމަކީ މުޅި ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުމަށް އަސަރުކުރާ ކަންކަންކަމަށެވެ. އެ އިއްތިޙާދުން ބުނީ ސަރަޙައްދީ ހަމަޖެހުން ގެއްލި ޢަމަލުކުރުމަށް ކަނޑައަޅާފައިވާ ބައިނަލްއަޤްވާމީ ޤަވާއިދުތަކާ ޚިލާފަށް ހިންގާ ޢަމަލުތަކާމެދު އެ އިއްތިޙާދުން ހިތްހަމަނުޖެހޭކަމަށެވެ. އަދި ހުރިހާ މައްސަލައެއްވެސް ބައިނަލްއަޤްވާމީ ޤަވާއިދުތަކާ އެއްގޮތަށް ޙައްލުކުރުމަށް އެ އިއްތިޙާދުން ގޮވައިލިއެވެ.

ވިޓުސަން ރީފުގައި ޗައިނާގެ އުޅަނދުތައް ޙަރަކާތްތެރިވުމުގެ ސަބަބުން ސަރަޙައްދީ ސަލާމަތާއި ހަމަޖެހުމަށް ނުރައްކާވާކަމަށް ވިލާތުގެ އިއްތިޙާދުން ކުރާ ތުހުމަތުތަކަށް ޗައިނާއިން ދެކޮޅުހަދައެވެ. ވިލާތުގެ އިއްތިޙާދަށް ކަނޑައަޅާފައި ހުންނަ ޗައިނާގެ ވަފުދުން ނެރުނު ބަޔާނެއްގައި ބުނީ ވިޓުސަން ރީފަކީ ޗައިނާގެ ނަންޝާ އައިލެންޑުސްގެ ބައެއްކަމަށާއި ޗައިނާގެ މަސްބޯޓުތަކުން އެ ސަރަޙައްދު ބޭނުންކުރުމާއި ހިޔާވަހިކަން ހޯދުމަކީ އެންމެ ރަނގަޅުކަމެއްކަމަށް ޤަބޫލުކުރާކަމަށެވެ. އަދި ދެކުނު ޗައިނާ ކަނޑުގައި ޗައިނާގެ އިސްތިޤުލާލާއި ހައްޤުތަކާއި މަސްލަޙަތު އުފެދިފައިވަނީ އެތައް ޒަމާނެއްގެ މަތިންކަމަށާއި ބައިނަލްއަޤްވާމީ ޤަވާއިދުތަކާ އެއްގޮތަށްކަމަށް ޗައިނާގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ދެކުނު ޗައިނާ ކަނޑަކީ އެ ޤައުމުގެ ކުރިއެރުން ހުއްޓުވައި ބާރު ކެނޑުވުމަށް ކުރާ މަސައްކަތުގައި ސަރަޙައްދީ ޤައުމުތަކުން ބޭނުންކުރާ ވަޞީލަތަކަށް ވެގެންނުވާނެކަމަށެވެ.