ޚަބަރު

ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާގެ 05 ކޯހެއް ހިންގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާގެ 05 ކޯހެއް ހިންގުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހީމް ހަސަންއެވެ.

މިކޯސްތަކަކީ ވަޒީފާގެ ބާޒާރަށް ދިވެހި ޒުވާނުން ތަމްރީން ކުރުމަށް ކުރިއަށް ގެންދާ "ސްކިލްސް ފޯ އަ ރެސިލިއަންޓް ވޯރކް ފޯސް"ގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކެކެވެ.

ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާއިން ހިންގުމަށް ހަވާލުކުރެވުނު ކޯސްތަކަކީ


* ނޭޝަނަލް ސެޓްފިކެޓް ތްރީ އިން ބޯޓް އޮޕަރޭޝަން
* ނޭޝަނަލް ސެޓްފިކެޓް ތްރީ އިން ޖެވެލަރީ ޑިޒައިން
* ނޭޝަނަލް ސެޓްފިކެޓް ތްރީ އިން ސްނޯކްލިންގ ގައިޑް
* ނޭޝަނަލް ސެޓްފިކެޓް ތްރީ އިން ސްޕޯޓްސް ފިޝިންގ ގައިޑް
* ނޭޝަނަލް ސެޓްފިކެޓް ތްރީ އިން ސާފް ގައިޑް

މި 05 ކޯހުގައި 100 ދަރިވަރުން ތަމްރީނުކޮށް ވަޒީފާގެ ބާޒާރަށް ނެރުމަށް ތައްޔާރުކުރެވިގެން ދާނެކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ވިދާޅުވެއެވެ.

މިކޯސްތަކަކީ، 2019 ވަނަ އަހަރު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ކުރިޔަށް ގެންދިޔަ ޓްރެއިނިންގް ނީޑް އެނަލިސިސްއަށް ބަލައި، ޓުއަރިޒަމާއި ޓުއަރިޒަމާ ގުޅުންހުރި ކޮންސްޓްރަކްޝަން ދާއިރާތަކާއި އައިސީޓީ އަދި އެ އެނަލިސިސްގައި ފާހަގަ ކޮށްފައިހުރި އެހެނިހެން ދާއިރާތަކުން ފާހަގަ ކުރެވުނު ލެވެލް 3 ގެ ކޯސްތައްކަމަށް ވެސް މިނިސްޓްރީން ވިދާޅުވެއެވެ.

ސްކިލްސް ފޮރ އަ ރެޒީލިއެންޓް ވޯރކްފޯސް އަކީ ދިވެހި ސަރުކާރުގެ އިސްނެންގެވުމުގެ ދަށުން ކޯވިޑުގެ ޙާލަތުން ދިވެހިރާއްޖެ އަރައިގަނެ އިޤްތިޞާދު އަލުން ނެގެހެއްޓުމަށް ތައްޔާރުވާ އިރު އެކި ޞިނާޢަތްތަކަށް ބޭނުންވާ ދިވެހީން ތަމްރީނުކުރުމަށް ފެށި ޚާއްސަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ދަށުން ދިވެހި ޒުވާނުންނަށް ވަޒީފާއަށް ބޭނުންވާ ހުނަރުތައް ލިބި ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއް ފެށުމަށް ބޭނުންވާ މުހިއްމު ބައިތައް އުނގެނި، ހުނަރުވެރި، ޤާބިލް، އުފެންދުންތެރި، އަދި ޒިންމާދާރު ދިވެހި ރައްޔިތަކަށް ދިވެހި ޒުވާނުން ވެގެންދާނެ ކަމަށް ހަޔަރއެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދިމިޕްރޮގްރާމްގެ ސަބަބުން ދިވެހި ރާއްޖޭގެ ސިނާޢަތްތަކަށް ބޭނުންވާ ހުނަރުވެރި ދިވެހިން ވަޒީފާގެ ބާޒާރަށް ނެރުމާއި، އިޤްތިސާދީ ހަރަކާތްތަކުގައި ބައިވެރިވުމަށް މަގުފަހިވެގެންދާނެއެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ފަރުދީ ކުރިއެރުމާއިއެކު، ޤައުމުގެ އިޤްތިސާދަށް އިތުރު ކުރިއެރުމާއި އާރޯކަން ގެނެވި ދިވެހި ޢާއިލާތަކަށް އިތުރު ކުރިއެރުން ލބިގެންދާނެ ކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

"ސްކިލްސް ފޮރ އަ ރެޒީލިއެންޓް ވޯރކްފޯސް" މި ޕްރޮގުރާމުގެ 33 އިންސައްތައަކީ އަންހެނުންގެ ބައިވެރިވުން ހިމެނޭ ބައިތަކެއްގެ ހެދުމަކީ މިނިސްޓްރީގެ މައިގަނޑު އެއް އަމާޒުކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ. މި ޕްރޮގްރާމްގެ ދަށުން ފަންނީ ހުނަރުވެރި މަސައްކަތްތެރި ކަމުގެ އެކިދާއިރާތަކުން 1200 މީހުން ތަމްރީނު ކުރެވިގެން ދާނެއެވެ. އޭގެތެރޭގައި ޓުއަރިޒަމް ދާއިރާއިން 600 މީހުން، އައިސީޓީ ދާއިރާއިން 200 އަދި ޓުއަރިޒަމް ދާއިރާއާއި ގުޅުންހުރި އިމާރާތް ކުރުމުގެ ދާއިރާއިން 400 ޒުވާނުން ތަމްރީން ކުރެވިގެންދާނެ ކަމަށް ވެސް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ވިދާޅުވެއެވެ.

"ސްކިލްސް ފޮރ އަ ރެޒީލިއެންޓް ވޯރކްފޯސް" ޕްރޮގްރާމްގެ މައިގަނޑު މަޤްސަދުތަކަކީ ވަޒީފާ ބާޒާރަށް މިވަގުތު އެއްމެ ބޭނުންވާ ވަޒީފާގެ ދާއިރާތައް ދެނެގަނެ އެވަޒީފާތަކަށް ބޭނުންވާ މީހުން ތަމްރީނުކުރުމާއި، ރާއްޖޭގައި ޒުވާނުން ވަޒީފާ އަދާ ނުކުރާ މިންވަރު ދަށްކުރުމާއި، ޚާއްސަކޮށް މަދުރަސީ ތަޢުލީމު ނިންމާ ޒުވާނުންނަށް ރާއްޖެއަށް މިވަގުތު ކޮންމެހެން ބޭނުންވާ ވަޒީފާތަކަށް ތަމްރީނުކުރުމާއި، ފަންނީ މަސައްކަތްތެރި ވަޒީފާތަކާމެދު ޢާއްމުން ދެކޭގޮތް ބަދަލުކޮށް، ފަންނީ މަސައްކަތެރި ކަމަށް ލޯބިކުރާ، އަދި ފަޚުރުވެރި މުޖުތަމަޢުއެއް ބިނާކުރުމެވެ. އަދި ދިވެހިން ބައިވެރިވާ ވާދަވެރި ވަޒީފާ ބާޒާރެއް އުފައްދައި ރާއްޖޭން ބޭރުގެ މަސައްކަތްތެރިންނަށް ބަރޯސާވާ މިންވަރު ދަށްކުރުން ކަމަށްވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.