ޚަބަރު

ހިޔާ ފްލެޓްގެ ގުރުއަތު ނަގަނީ އައިޑީކާޑް ނަމްބަރު ތަރްތީބުން


ހިޔާ މަޝްރޫޢުގެ އިތުރު ކެޓަގަރީތަކުން ފްލެޓް ލިބުނު މީހުންގެ ފްލެޓް ނަންބަރު ކަނޑައެޅުމަށް ނަގާ ގުރުއަތު ފަށައިފިއެވެ. ގުރުއަތުލުން ކުރިއަށްދާނީ ހެނދުނާއި މެންދުރުގެ ދަންފަޅިއަށް ބަހާލައިގެންނެވެ. އެ ދުވަހެއްގެ ގުރުއަތު ނަގާ މީހުންގެ ލިސްޓް، އޭގެ އެއް ދުވަސް ކުރިން އެޗްޑީސީންދަނީ އިޢުލާންކުރަމުންނެވެ.

ހިޔާގެ ގުރުއަތުނެގުން ފަށާފައިވަނީ މިމަހުގެ 8ވަނަ ދުވަހުއެވެ. ފުރަތަމަ ދުވަހު ގުރުއަތު ނަގާފައިވަނީ "ޚާއްސަ އެހީއަށް ބޭނުންވާ މީހުން"ގެ ކެޓަގަރީންނެވެ. މިކެޓަގަރީގެ 188މީހުންގެ ގުރުއަތުލުންވަނީ ކުރިއަށްގެންގޮސްފައެވެ.

ހައުސިންގ ޑިވެލޮޕަމަންޓް ކޯޕަރޭޝަން އެޗްޑީސިން މިހާރު މިވަނީ ނުނިމި ހުރި ކެޓަގަރީތަކުގެ ގުރުއަތުނެގުމުގެ މަސައްކަތް ފަށާފައެވެ. މީގެތެރޭގައި ހިމެނެނީ:

ފްލެޓް ނަންބަރު ކަނޑައެޅުމަށް ނަގާ ގުރުއަތުގެ ނުނިމި ހުރި ކެޓަގަރީތައް


* ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަ ކެޓަގަރީ – އެޗް.4
* ޓީޗަރުންގެ ޚާއްސަ ކެޓަގަރީ – އެޗް.5
* އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްސަ ކެޓަގަރީ – އެޗް.6
* 18އަހަރާއި 40އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކުގެ ޚާއްސަ ކެޓަގަރީ - އެޗް.7
* މާލެ ރަށްވެރިންނަށް ޚާއްސަ ކެޓަގަރީ – އެޗް.8
* ދަފްތަރު ކެޓަގަރީ – އެޗް.9
* ސިވިލް ސަރވިސް މުޢައްޒަފުންނަށް ޚާއްސަ ކެޓަގަރީ – (ފަންނީ، އިދާރީ، ސަޕޯޓް ސްޓާފް) ކެޓަގަރީ


މި ކެޓަގަރީތަކުގެ އިތުރަށް ވެށިފަހި މާލެ ޕްރޮގްރާމްގެދަށުން އަރަބިއްޔާ އަދި ގާކޮށިން ފްލެޓް ލިބި، ފައިސާ ނުދެއްކިގެން ފްލެޓް ލިބިފައި ނުވާ ފަރާތްތަކުގެތެރެއިން ހިޔާ ފްލެޓް ޚިޔާރުކޮށްފައިވާ މީހުންނާ، ގުޅީފަޅުން ފްލެޓް ގަނެފައިވާ މީހުންގެ ތެރެއިން ހިޔާ ފްލެޓް ޚިޔާރުކުރި ފަރާތްތައްވެސް ހިމެނެއެވެ.

ގުރުއަތު ނަގަމުންދާ ވަގުތު އެ ހަރަކާތް ޕީއެސްއެމް ނިއުސްގެ ޔެސް ޓީވީއިން ވަގުތުންދަނީ ގެނެސްދެމުންނެވެ. އެޗްޑީސީން ވިދާޅުވީ މިގޮތަށް ހަމަޖައްސާފައިވަނީ ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ގިނަ ބަޔަކު އެއްތަނަކަށް ޖަމާވުން ކުޑަކުރުމަށާ، އަދި އަދަދު ގިނަވުމުގެ ސަބަބުން އެކަމުގައި ދިމާވާނެ ދަތިތައް ކުޑަކުރުމަށް ކަމަށެވެ.

ގުރުއަތު ނެގުން ކުރިއަށްގެންދަނީ ރަސްމީ ބަންދު ދުވަސްތައް ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00އިން 12:00އަށެވެ. އަދި މެންދުރު ގުރުއަތު ނެގުން ކުރިއަށްދާނީ 13:00އިން 15:00އަށެވެ.

ގުރުއަތުނަގާނީ، ހައުސިންގ މިނިސްޓްރީއިން އެޗްޑީސީއަށް ފޮނުވާފައިވާ ލިސްޓުގައިވާ މީހުންގެ އައިޑީކާޑު ނަންބަރު ތަރުތީބުންނެވެ. ކޮންމެ ދުވަހެއްގެ ގުތުއަތުލުން ކުރިއަށްދާ ލިސްޓު، އެގޭ އެއް ދުވަސް ކުރިން އިޢުލާންކުރަމުންދާނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

ދުވާލަކު ކުރިއަށްގެންދަނީ 600މީހުންގެ ގުރުއަތުލުމެވެ. ގުރުއަތު ނަގާއިރު އެމީހަކަށް ލިބޭ ފްލެޓް ނަންބަރާއި، އިމާރާތާއި ފަންގިފިލާގެ މަޢުލޫމާތުތައް ހިމަނާފައިވެއެވެ. އަދި ގުރުއަތު ނެގުމުން މި މަޢުލޫމާތުތައް ހިމެނޭ އެސްއެމްއެސްއެއްވެސް، ފްލެޓްގެ ވެރިފަރާތުގެ ފޯނަށް ލިބޭނެއެވެ.

އެޗްޑީސީން ވިދާޅުވީ ގުރުއަތު ނެގުމުގެ ކަންކަން 10 ދުވަހަށް ކުރިއަށްދާނެކަމަށެވެ. ގުރުއަތު ނިމުމާއެކު އެގްރިމެންޓް ހެދުމާ ފްލެޓަށް ފައިސާ ދެއްކުމާގުޅޭ މަސައްކަތްތައް ފަށާނެކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ.