ސިއްހަތު

2 ރަށެއްގެ ހެލްތް ސެންޓަރ މަރާމާތުކުރުމަށް ހަވާލުކޮށްފި


ށ މިލަންދޫ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ ފިނިޝިންގ މަސައްކަތާއި ހދ ހިރިމަރަދޫ ޞިއްޙީ މަރުކަޒު މަރާމާތު ކުރުމަށް ކޮންޓްރެކްޓާސް އާއި މިއަދު ހަވާލުކޮށްފިއެވެ.ހެލްތް މިނިސްޓްރީގައި މިއަދު ކުރިޔަށްގެންދިޔަ މިރަސްމިޔާތުގައި އެމިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމެވެ. މި ރަސްމިޔާތުގައި ވާހަކަދައްކަވަމުން ހެލްތްމިނިސްޓަރ ވިދާޅުވީ މިހާތަނަށް 118 ޕްރޮޖެކްޓެއްގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި 48 ޕްރޮޖެކްޓެއްގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށް ވެސް މިނިސްޓަރގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. މިއަދު ހަވާލު ކުރެވުނު ދެ ޕްރޮޖެކްޓްގެ  މަަަސައްކަތަށް ދައުލަތުގެ ބަޖެޓުން ގާތްގަޑަކަަށް 1.6 މިލިޔަން ރުފިޔާ ހަރަދުވާނެކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.ށ މިލަންދޫ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ ފިނިޝަނިންގ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ޔުމާން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށެވެ. މިމަސައްކަަތުގެ ދަށުން ރެނުމާއި ސިމެންތިޖެހުމާއި ރެއިންފޯރސްޑް ކޮންކްރީޓް ފްލޯސްލެބް އެޅުން ހިމެނެއެވެ.މި މަސައްކަތް 55 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހދ ހިރިމަރަދޫ ސިއްޙީ މަރުކަޒު މަރާމާތު ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެރަށު އަބުދުﷲ އުސްމާނަަށެވެ.މި ސިއްޙީ މަރުކަޒުގެ ދޮރާއި ދޮރުފަަތް ބަދަަލުކުރުމާއި ފާހާނާ މަރާމާތު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއަރ ކޮންޑިޝަން މަރާމާތުކުރުމާއި ސިންކު ކަބަޑުތައް މަރާމަތުކުރުމުގެ އިތުރުން ފާރުތަކުގައި ލާފައިވާ ރެނދުތައް މަރާމާތުކުރުމަށް ހަމަޖެހިފައިވެއެވެ.އަދި ފެންޕަންޕު ބަދަލުކުރުމާއި ކަރަންޓު ވިއުގަ މަރާމާތު ކުރުމުގެ މަސައްކަތް މި އެއްބަސްވުމުގެ ދަށުން ކުރެވިގެންދާނެކަމަށް ހެލްތްމިނިސްޓްރީން މައުލޫމާތުދެއެވެ.