ކުޅިވަރު

ބާސެލޯނާ އޯޕަންގެ ފައިނަލަށް ނަޑާލާއި ސިޓްސިޕާސް


ބާސެލޯނާ އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުން ރަފެއަލް ނަޑާލް އާއި ސްޓެފަނޯސް ސިޓްސިޕާސް ޖާގަހޯދައިފިއެވެ. މިއީ އޮސްޓްރޭލިއަން އޯޕަންގެ ކްއާޓަރ ފައިނަލަށްފަހު މިދެކުޅުންތެރިންގެ ފުރަތަމަ ކުރިމަތިލިމަށް ވެގެންދާނެއެވެ.

މިމުބާރާތުގެ ފައިނަލުން ނަޑާލް ޖާގަހޯދީ ސެމީފައިނަލްގައި ސްޕެއިންގެ ޕަބްލޯ ކަރޭނޯ ބުސްޓާ އާއި ބައްދަލުކުރިމެޗް ސީދާ ދެސެޓުން ކާމިޔާބުކޮށްގެންނެވެ. މިމެޗްގެ ސެޓްތައް ނަޑާލް ކާމިޔާބުކުރީ ހައެއް ތިނެއް އަދި ހައެއް ދެއަކުންނެވެ. މިއީ ނަޑާލް ބާސެލޯނާ އޯޕަންގެ ފައިނަލްގައި ވާދަކުރާ 12 ވަނަ ފައިނަލް މެޗް. އަދި ކުރިން ކުޅުނު 11 ފައިނަލް މެޗްވެސް ނަޑާލްވަނީ ކާމިޔާބުކޮށްފައެވެ.
މިމުބާރާތުގެ ފައިނަލުން ސިޓްސިޕާސް ޖާގަހޯދީ ސެމީ ފައިނަލްގައި އިޓަލީވިލާތުގެ ޒުވާން ކުޅުންތެރިޔާ ޔަނިކް ސިނަރ އާއި ބައްދަލުކުރިމެޗް ސީދާ ދެސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ހައެއް ތިނެއް އަދި ހައެއް ތިނަކުންނެވެ. ނަޑާލް އާއި ސިޓްސިޕާސް އެންމެ ފަހުން ބައްދަލުކޮށްފައިވަނީ އޮސްޓްރޭލިއަން އޯޕަންގެ ކްއާޓަރ ފައިނަލްގައެވެ. އެމެޗް ނަޑާލް ފުރަތަމަ 2 ސެޓް ގެންގޮސްފައިވަނިކޮށް ސިޓްސިޕާސްވަނީ ފަހަތުން އަރާ ތިން ސެޓް ދެ ސެޓުން މެޗް ކާމިޔާބުކޮށްފައެވެ.

ކްލޭ ކޯޓުގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވެފައިވާ ނަޑާލްއަށް ކްލޭ ގައި ކުޅޭ މިމުބާރާތުގައި ކުރި ހޯދޭނެ ކަމަށް ދެކޭ ފަރާތްތައް ގިނައެވެ. ނަޑާލްވަނީ 2018 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ސިޓްސިޕާސް ބަލިކޮށްފައެވެ. ނަމަވެސް އެންމެފަހުން ބޭއްވި މޮންޓެ ކާލޯ މާސްޓަރސް ކާމިޔާބު ކުރުމަށްފަހު ސިޓްސިޕާސްވެސް މިވަގުތު ކުޅެމުންދަނީ ވަރަށް މޮޅު ކުޅުމެކެވެ. އެހެން ކަމުން މިފަހަރުގެ ފައިނަލް މެޗް ވަރަށް ފޯރިގަދަ ވާނެކަމަށް ގިނަ ބަޔަކު ގަބޫލް ކުރެއެވެ.