ޚަބަރު

ލޭއޮހޮރުވުންތައް ވަގުތުން ނިމުމަކަށް ގެނައުމަށް އާސިޔާނުން މިޔަންމާއަށް ގޮވާލައިފި


މިޔަންމާގައި ހިނގަމުންދާ ލޭ އޮހޮރުވުންތައް ނިމުމަކަށް ގެނައުމަށް އެސޯސިއޭޝަން އޮފް ސައުތު އީސްޓު އޭޝިޔަން ނޭޝަންސް، އާސިޔާނުން ބަޔާނެއް ގޮވާލައިފިއެވެ.

ދިހަ ޤައުމު ހިމެނޭ އާސިޔާނުގެ މެންބަރު ޤައުމެއްކަމަށްވާ މިޔަންމާގެ އަސްކަރިއްޔާއިން އެ ޤައުމުގެ އިސްވެރިޔާ އަން ސަން ސޫ ކީގެ ސަރުކާރާ ދެކޮޅަށް ބަޣާވާތް ކުރުމަށްފަހު ސޫ ކީއާއި އެނާގެ ސަރުކާރަށް ނިޞްބަތްވާ އިސްވެރިން ހައްޔަރު ކުރީ ފެބުރުއަރީ މަހުގެ 1ވަނަ ދުވަހުއެވެ. އެއަށްފަހު އަސްކަރިއްޔާއިންވަނީ އެ ޤައުމުގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްލި ޙާލަތު އިޢުލާނުކޮށްފައެވެ. އަސްކަރިއްޔާއިން ކުރި ބަޣާވާތް ނިމުމަކަށް ގެނެސް ސޫ ކީ މިނިވަންކުރުމަށް ގޮވާލައި މިޔަންމާގެ ގިނަ ޢަދަދެއްގެ ރައްޔިތުން ދަނީ މަގުމައްޗަށް ނުކުމެ މުޒާހަރާކުރަމުންނެވެ. އެ މުޒާހަރާތަކުގައި ގިނަ ޢަދަދެއްގެ މީހުންވަނީ މަރުވެފައެވެ.

އިންޑިނޭޝިޔާގެ ވެރިރަށް ޖަކާޓާގައި ބޭއްވި އާސިޔާނުގެ ކުއްލި ބައްދަލުވުމަކަށްފަހު ނެރުނު ބަޔާނެއްގައި ބުނީ މިޔަންމާގައި ހިނގަމުންދާ ހަމަނުޖެހުންތައް ވަގުތުން ވަގުތަށް ނިމުމަކަށް ގެންނަންޖެހޭކަމަށެވެ. އަދި މިޔަންމާއަށް ކުރިމަތިވެފައިވާ މައްސަލައަށް ޙައްލެއް ހޯދުމަށް މަޝްވަރާކުރުމުގެ މުހިންމުކަންވަނީ ފާހަގަކޮށްފައެވެ. އެ މައްސަލައާ ގުޅުންހުރި ހުރިހާ ފަރާތްތަކުން އާންމުންގެ މަސްލަޙަތަށް ވިސްނައި ޞުލްޙަވެރި ޙައްލެއް ހޯދުމަށް މަސައްކަތް ކުރަންޖެހޭކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އާސިޔާނުގެ އެހީތެރިކަމާއެކު އެ ޖަމްޢިއްޔާގެ ޚާއްޞަ މަންދޫބަކު އެ މަޝްވަރާތައް ފެށުމުގެ މަސައްކަތްތައް އިންތިޒާމުކުރާނެކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. މިޔަންމާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނެކަމަށާއި އާސިޔާނުގެ ޚާއްޞަ ވަފުދުތަކުން އެ ޤައުމަށް ޒިޔާރަތްކޮށް މައްސަލައިގައި ހިމެނޭ ފަރާތްތަކާ ބައްދަލުކުރާނެކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

އޭޕުރިލް މަހުގެ 24ވަނަ ދުވަހު އިންޑޮނޭޝިޔާގައި ބޭއްވި އާސިޔާނުގެ ބައްދަލުވުމުގައި މިޔަންމާގެ އަސްކަރިއްޔާގެ އިސްވެރިޔާ މިން އައުން ލައިންގުވަނީ ބައިވެރިވެފައެވެ. އެ ބައްދަލުވުމަކީ މިޔަންމާގެ ސަރުކާރު ވައްޓައިލި ފަހުން އެހެން ޤައުމުތަކުގެ އިސްވެރިންނާ މިޔަންމާގެ އަސްކަރިއްޔާއިން ބައްދަލުކުރި އަދި ބަޣާވާތުގެ އިސްވެރިން އެހެން ޤައުމަކަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

މިޔަންމާގައި ދީމިޤްރާޠީ ހަމަތައް ޤާއިމުކުރުމަށް ވަކާލާތުކުރާ ސިޔާސީވެރިންނާއި ޤާނޫނުހަދާ މަޖިލީހުގެ ކުރީގެ މެންބަރުން މިދިޔަ ހަފުތާގައި އުފެއްދި ގުޅިފައިވާ ސަރުކާރުންވަނީ އާސިޔާނުން އެޅުމަށް ކަނޑައަޅައިފައިވާ ފިޔަވަޅުތަކަށް މަރުޙަބާ ކިޔައިފައެވެ. ގުޅިފައިވާ ސަރުކާރުން ބުނީ އާސިޔާނުން ނިންމި ނިންމުންތަކާ އެއްގޮތަށް ޢަމަލުކުރާނެކަމަށް އުންމީދު ކުރާކަމަށެވެ.

އާސިޔާނުގެ ޤައުމުތަކުގެ ވެރިންގެ ބައްދަލުވުމަކީ މިޔަންމާއަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމުގެ މަޤްޞަދުގައި ބައިނަލްއަޤްވާމީ މަސައްކަތްތަކެއް ރާވައި ހިންގުމަށް ނެގި ފުރަތަމަ ފިޔަވަޅެވެ.