ޚަބަރު

ގެއްލިގެން ހޯދަމުންދާ އިންޑޮނޭޝިޔާގެ ސަބްމެރިންގެ ބައިތަކެއް ފެނިއްޖެ


ގެއްލިގެން ހޯދަމުންދާ އިންޑިނޭޝިޔާގެ ސަބްމެރިންގެ ބައިތަކެއްކަމަށް ބެލެވޭ ބައިތަކެއް ފެނިފައިވާކަމަށް އެ ޤައުމުން ބުނެފިއެވެ.

އިންޑޮނޭޝިޔާގެ އަސްކަރިއްޔާއިން ބޭނުންކުރާ ފަސް ސަބްމެރިންގެ ތެރެއިން އެއް ސަބްމެރިން ދިޔައީ ކަނޑުއަޑިން ފޮނުވާ ހަތިޔާރުގެ ތަމުރީނުތަކަކަށް ތައްޔާރުވަމުންނެވެ. ކަނޑުއަޑިއަށް ދިޔުމުގެ ޙުއްދައަށް އެ އުޅަނދުން އެދުނުކަމަށާއި އޭގެ އިރުކޮޅެއް ފަހުން އެ އުޅަނދާ މުވާސަލާތީ ގުޅުން ކެނޑުނުކަމަށް އިންޑިނޭޝިޔާއިން ބުނެއެވެ. އޭރު އުޅަނދުގައި 52 މީހުން ތިއްބެވެ.

އިންޑޮނޭޝިޔާއިން ބުނީ ސަބްމެރިން އެންމެ ފަހުން ދަތުރުކުރިކަމަށް އެނގޭ ސަރަޙައްދުން އެކިކަހަލަ ކުނިބުނި ފެނިފައިވާކަމަށާއި އެހެންކަމުން ދިމާވި ހާދިޘާއެއްގެ ސަބަބުން އެ އުޅަނދު ފެތުނީކަމަށް ބެލެވޭކަމަށެވެ. އެ ސަރަޙައްދުން ފެނުނު ބައެއް ތަކެއްޗަކީ މައްސަލަތަކެއް ދިމާވެގެން ނޫނީ ސަބްމެރީނުން ބޭރުވާނެ ތަކެއްޗެއް ނޫންކަމަށް އެ ޤައުމުން ބުނެއެވެ. ފެނުނު ތަކެތީގެ ތެރޭގައި ނަމާދުކުރުމަށް ބޭނުންކުރާ މުޞައްލައާއި ގިރިސްފުޅިފަދަ ތަކެތި ހިމެނެއެވެ.

ކަމާބެހޭ އިދާރާތަކުން ބުނީ ސަބްމެރިންގައި އެއްޗެއް ގޮވީކަމަށް ނުބެލެވޭކަމަށާއި އެ އުޅަނދު ގޮވިނަމަ ރާޑަރުތަކަށް އޭގެ އަސަރު ދެނެގަނެވުނީސްކަމަށެވެ. ކަނޑުގެ ސަރަޙައްދުގެ ސްކޭނަކުން ކަނޑުގެ 850 މީޓަރު އަޑީގައި ސަބްމެރިން އޮތްކަމަށް ދައްކާކަމަށް އިދާރާތަކުން ބުނެއެވެ. އެއީ ސަބްމެރިންނަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭ 500 މީޓަރަށްވުރެ ފުންމިނެއްކަމުން އުޅަނދުގައި ތިބި ފަޅުވެރިން ސަލާމަތްވާނެކަމަށް ނުބެލެވެއެވެ. ނަމަވެސް އެ ފުންމިނަށް ސަބްމެރިން އަޑިއަށް ނުދަނީސް ފަޅުވެރިން އުޅަނދުން ސަލާމަތްވެފައިވާނަމަ އެ މީހުން ދިރިހުރިކަމުގެ ކޮންމެވެސް އުންމީދެއް އެބައޮތެވެ.

އިންޑޮނޭޝިޔާގެ އަސްކަރިއްޔާއިން ދަނީ ސަބްމެރިން ނެގުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ. ސަބްމެރިނަށް ދިމާވީ ކޮންކަހަލަ މައްސަލައެއްކަމެއް ސާފުވެފައެއް ނުވެއެވެ. ނަމަވެސް ކަރަންޓުގެ މައްސަލައެއް ދިމާވުމުގެ ސަބަބުން އަލުން ފެނުން މައްޗަށް އެރުމަށް ސަބުމެރީނުގައި ބޭނުންކުރާ ނިޒާމު ރަނގަޅަށް މަސައްކަތްނުކުރުން އެކަށީގެންވާކަމަށް ބައެއް މާހިރުން ބުނެއެވެ.