ޚަބަރު

ރޯދަމަހުވެސް ބެލުމެއް ނެތް، އިސްރާއީލުގެ ޙަމަލާތައް ޣައްޒާއަށް


ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ އަސްކަރީ މަޤާމުތަކަށް އަމާޒުކޮށް އިސްރާއީލުން ޙަމަލާތަކެއް ދީފިއެވެ. މި ޙަމަލާތައް ދީފައިވަނީ އިސްރާއީލުގެ ފުލުހުންނާއި ފަލަސްޠީނުގެ މުސްލިމުންނާ ދެމެދު ޤުދުސްގައި ހަމަނުޖެހުންތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައެވެ.

ފަލަސްޠީނުގެ ނޫސް އިދާރާތަކުން ބުނީ އިސްރާއީލާއި ޣައްޒާ ވަކިކޮށްދޭ ދަގަނޑު ހުރަސްތައް ކައިރިއަށް އިސްރާއީލުގެ އަސްކަރިއްޔާގެ ޓޭންކަރުތައް ޖަމާކޮށް ޙަމަލާ ދީފައިވާކަމަށެވެ. މި ޙަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމެއް އަދި ނޭނގެއެވެ.

ރަމަޟާން މަސް ފެށުނު ފަހުން އިސްރާއީލުގެ ފުލުހުންނާއި ފަލަސްޠީނުގެ ރައްޔިތުންނާ ދެމެދު ހިނގާ ކުރިމަތިލުންތައްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މަޣްރިބު ނަމާދަށްފަހު ޤުދުސްގެ އަލްބަލްދަތުލް ޤަދީމާގެ ދޮރާށި ބާބުލް ޢާމޫދު ކައިރިޔަށް ފަލަސްޠީނުގެ މުސްލިމުން އާންމުކޮށް އެއްވެއެވެ. ނަމަވެސް އެ އެއްވުންތަކަށް އިސްރާއީލުގެ ސަލާމަތީ ބާރުތަކުން އަންނަނީ ހުރަސްއަޅަމުންނެވެ.

ބާބުލް ޢާމޫދު ކައިރިޔަށް އަންނަ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުގެ ސިފައިން ދަނީ ބާރުގެ ބޭނުންވެސް ކުރަމުންނެވެ. އިސްރާއީލު ސިފައިން ބާރުގެ ބޭނުންކުރުމުން މިހާތަނަށް 105 މީހުން ޒަޚަމްވެފައިވާކަމަށާއި އޭގެ ތެރެއިން 20 މީހުން އިތުރު ފަރުވާއަށް ހަސްފަތާލުތަކަށް ގެންގޮސްފައިވާކަމަށް ފަލަސްޠީނުގެ ރެޑު ކުރެސެންޓުން ބުނެއެވެ. މީގެއިތުރުން ފަލަސްޠީނުގެ 44 މީހުން ޙައްޔަރުކޮށްފައިވާކަމަށް އިސްރާއީލުންވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ހަމާޞާއި އިސްރާއީލުންވަނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެއްބަސްވެފައެވެ. ނަމަވެސް އޭގެ ފަހުންވެސް ޙަމަލާތައް ދިނުން ހުއްޓިފައެއް ނުވެއެވެ. އިސްރާއީލުން އެއްބަސްވުމާ އެއްގޮތަށް ޢަމަލުނުކުރާކަމަށް ހަމާޞުން ބުނެއެވެ.