ޚަބަރު

ތުޅާދޫ ކައުންސިލްގެ ހުރިހާ މެންބަރުން ސަސްޕެންޑްކޮށްފި


ލޯކަލް ގަވަރމެންޓް އޮތޯރިޓީ، އެލް.ޖީ.އޭގެ އެންގެވުމަކަށް ތަބާނުވުމުގެ ސަބަބުން ބ. ތުޅާދޫ ކައުންސިލްގެ 5 މެންބަރުން އެއްމަސްދުވަހުގެ މުއްދަތައް ސަސްޕެންޑްކޮށްފިއެވެ.އެލް.ޖީ.އޭ.އިން ވިދާޅުވީ އެއޮތޯރިޓީގެ ބޯޑުން މިގޮތަށް ނިންމަވާފައިވަނީ ތުޅާދޫ ކައުންސިލްގައި ހިމެނޭ 2 މެންބަރުން ކަމަށްވާ، ޒިޔާއު އިބްރާހީމް ރަޝީދާއި، އަހުމަދު އަބްދުއްރަހީމް ސަސްޕެންޑް ކުރުމަށް އެލް.ޖީ.އޭ ބޯޑުން ކުރިން ނިންމެވި ނިންމެވުމަކަށް އެކައުންސިލުން އަމަލު ނުކުރުމަށް ނިންމާ، އެނިންމުމަށް އަމަލުކޮށްފައިނުވާތީ ކަމަށެވެ.ތުޅާދޫ ކައުންސިލްގެ 5 މެންބަރުން އަންނަ އާދީއްތަ ދުވަހުން ފެށިގެން 1 މަސްދުވަހުގެ މުއްދަތައް ސަސްޕެންޑް ކުރުމަށް ނިންމަވާފައިވަނީ މުސާރައާއި އިނާޔަތްތައް ނުލިބޭގޮތަށެވެ.އަދި ކައުންސިލް މެންބަރުން ސަސްޕެންޑް ކޮށްފައިވާ މުއްދަތުގައި އެކައުންސިލްގެ ކަންތައް ކުރިއަށްގެންދަވާނީ ބ. އަތޮޅު ކައުންސިލްގެ ބެއްލެވުމުގެ ދަށުން، ތުޅާދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާކަމަށް އެލް.ޖީ.އޭއިން ވަނީ ކަނޑައަޅުއްވާފައެވެ.ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގެވުމާބެހޭ ޤާނޫނު ބުނާގޮތުން ކައުންސިލްތަކުގެ ބެލެނިވެރި ފަރާތަކީ ލޯކަލް ގަވަރމެންޓް އޮތޯރިޓީއެވެ. އަދި ކައުންސިލްތަކާ ކައުންސިލްތަކުގެ މެންބަރުންނާމެދު ހުށައެޅޭ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަކީ އެލް.ޖީ.އޭގެ ޤާނޫނީ މަސްއޫލިއްޔަތެކެވެ.