ޚަބަރު

400 ގޮނޑި އެމްޑީޕީއަށް، އިދިކޮޅު ކޯލިޝަނަށް 325 ގޮނޑި


މިމަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޙާބުން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ވެރިކަން ކުރާ މައި ޕާޓީކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ. އެ ކޮމިޝަނުން ވިދާޅުވީ ނިމިދިޔަ ކައުންސިލް އިންތިޙާބުގައި އެމްޑީީޕީން 400 ގޮނޑި ކާމިޔާބުކޮށްފައިވާކަމަށެވެ. އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކާމިޔާބު ކުރީ 325 ގޮނޑިއެވެ.

މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ޖުމްލަ 3،814 ކެނޑިޑޭޓުން ވާދަކުރިއެވެ. އެއީ ކައުންސިލް އިންތިޚާބުގައި ވާދަކުރި 2،234 ކެނޑިޑޭޓުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރެއްވި 1،580 ކެނޑިޑޭޓުންނެވެ.

އިންތިޚާބާއި ދައީމީ ނަތީޖާތައް އިއުލާންކުރުމަށްފަހު އިލެލްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ ނިމިދިޔަ އިންތިޙާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި އެމްޑީޕީން 400 ގޮނޑި ކަށަވަރުކޮށްފައިވާކަމަށެވެ. އެމްޑީޕީން ކައުންސިލް އިންތިޙާބުގައި 804 ކެނޑިޑޭޓުން ވާދަކުރިއެވެ. މީގެތެރެއިން 3 ސިޓީގެ މޭޔަރުކަމާއި އެކު އެ ސިޓީތަކުގެ މެޖޯރިޓީ ވަނީ އެމްޑީޕީން ހޯދާފައެވެ. މީގެއިތުރުން މާލެ ސިޓީވެސް ހިމެނޭހެން ސިޓީ ކައުންސިލްތަކުން 18 ގޮނޑިއަކާއި 11 އަތޮޅެއްގެ އަތޮޅު ކައުންސިލްގެ ރައީސްކަމާއި 71 ރަށެއްގެ ރަށު ކައުންސިލްގެ ރައީސްކަމަށްވެސް ހޮވިފައިވަނީ އެމްޑީޕީން ކެނޑިޑޭޓުންނެވެ. މީގެއިތުރުން ރަށު ކައުންސިލް މެމްބަރުންގެ ތެރެއިން 155 ގޮނޑިއާއި ކައުންސިލްތަކުން އަންހެނުންނަށް ހާއްސަކުރި 370 ގޮނޑިން 142 ގޮނޑި ކާމިޔާބު ކުރީވެސް އެމްޑީޕީއެވެ. މުޅި އިންތިޙާބަށް ބަލާއިރު އިންތިޙާބު ކުރަންޖެހޭ ޖުމްލަ މަޤާމުތަކުގެ ތެރެއިން 43 އިންސައްތަ ކާމިޔާބުކުރީ އެމްޑީޕީއެވެ.

މި އިންތިޚާބުގައި އެމްޑީޕީއާއި އެންމެ ވާދަކުރީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންއެވެ. އެ ކޯލިޝަނުން ވަނީ 325 ގޮނޑިއެއް ކާމިޔާބުކޮށްފައެވެ. އޭގެތެރޭގައި މިހާތަނަށް އެމްޑިޕީން ކާމިޔާބުކުރަމުން އައި މާލެސިޓީގެ މޭޔަރުގެ މަޤާމާއި މާލެ ސިޓީގެ މެޖޯރިޓީވެސް ހިމެނެއެވެ. އިދިކޮޅު ކޯލިޝަނަށް މި އިންތިޙާބުގައި ޖުމްލަ 625 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ.

އިދިކޮޅު ކޯލިޝަނުން ކާމިޔާބު ކުރި ގޮނޑިތަކުގެ ތެރޭގައި ސިޓީ ކައުންސިލްތަކުން 16 ގޮނޑިއަކާއި 7 އަތޮޅެއްގެ އަތޮޅު ކައުންސިލްގެ ރައީސްކަން ހިމެނެއެވެ. މީގެ އިތުރުން 51 ރަށެއްގެ ރަށު ކައުންސިލްގެ ރައީސްކަމަާއި ކައުންސިލްތަކުން 121 ގޮޮނޑިއަކާއި އަންހެނުނަށް ހާއްސަ ކުރި ގޮނޑިތަކުން 129 ގޮނޑިއެއްވެސް ޕީޕީއެން ކޯލިޝަނުން ވަނީ ކާމިޔާބުކޮށްފައެވެ. މީ މި އިންތިޚާބުގެ %34.9 އެވެ.

އެމްޑީޕީއާއި ޕީޕީއެމްއަށްފަހު ދެން އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ އަމިއްލަ ގޮތުން ވާދަކުރި ކެނޑިޑޭޓުންނެވެ. އޭގެތެރޭގައި ހިމެނެނީ ސިޓީ ކައުންސިލް މެންބަރުކަމުގެ 3 ގޮނޑިއަކާއި 37 ރަށެއްގެ ރަށު ކައުންސިލްގެ ރައީސްކަމާއި ކައުންސިލް މެންބަރުކަމުގެ 71 ގޮނޑިއަކާއި ކައުންސިލްތަކުން އަންހެނުންނަށް ޚާއްޞަކުރި 62 ގޮނޑިއެވެ. މީ އިންތިޙާބުކުރަންޖެހޭ މަޤާމުތަކުގެ %13.5އެވެ.

ހަތަރުވަނައަށް އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ ޖުމްހޫރީ ޕާޓީންނެވެ. އެޕާޓިން ވަނީ މި ފަހަރުގެ އިންތިޚާބުގައި ސިޓީ ކައުންސިލްގެ މެންބަރުކަމުގެ 1 ގޮނޑިއަކާއި 3 ރަށެއްގެ ރަށު ކައުންސިލްގެ ރައީސްކަމާއި 7 ކައުންސިލެއްގެ މެމްބަރުކަމާއި އަންހެނުންނަށް ޚާއްޞަ ގޮނޑީގެ ތެރެއިން 15 ގޮނޑިއެއް ކާމިޔާބުކޮށްފައެވެ. ޖުމަލް 26 ގޮނޑި ޖުމްހޫރީ ޕާޓިން ކާމިބުކުރިއިރު މިއީ އިންތިޚާބުގެ %2.8އެވެ.

ސަން ސިޔާމްގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަށް މި އިންތިޚާބުގައި ކާމިޔާބުކުރެވުނީ ޖުމްލަ 16 ގޮނޑިއެކެވެ. އޭގެ ތެރޭގައި ހިމެނެނީ 3 ރަށެއްގެ ރަށު ކައުންސިލްގެ ރައީސްކަމާއި ރަށު ކައުންސިލް މެންބަރުކަމުގެ 5 ގޮނޑިއަކާއި، އަންހެނުންނަށް ޚައްޞަ 8 ގޮނޑިއެކެވެ. އެއީ އިންތިޚާބުގެ %1.1އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓިއަށް ކާމިޔާބުކުރެވުނީ 13 ގޮނޑިއެވެ. އޭގެތެރޭގައި 3 ރަށެއްގެ ރަށު ކައުންސިލްގެ ރައީސްކަމާއި ކައުންސިލް މެންބަރުކަމުގެ 5 ގޮނޑިއަކާއި، އަންހެނުންނަށް ޚާއްޞަ 5 ގޮނޑިއެކެވެ. އެއީ އިންތިޚާބުގެ %0.7 އެވެ.

މީގެ އިތުރުން ދާދިފަހުން އުފެދުނު އެމްއެލްއެސްޑީޕީންވެސް ވަނީ މިފަހަރުގެ އިންތިޚާބުގައި ގޮނޑިއެއް ކާމިޔާބުކޮށްފައެވެ. އެއީ ކައުންސިލްތަކުގައި އަންހެނުންނަށް ޚާއްޞާ ގޮނޑިއެކެވެ.

މި އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު 2،73،128 މީހަކަށް ލިބިގެންވާއިރު، އިންތިޚާބުގައި ވޯޓުލީ 1،86،253 މީހެކެވެ. މިއީ %68.19 އެވެ. މާލޭގައި ވޯޓުލާން ނުކުތީ ޝަރުތު ހަމަވާ މީހުންގެ %39 އެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ މިއީ ބަލިމަޑުކަމުގެ ތެރޭގައި ބޭއްވި އިންތިޚާބަކާއި އަޅާބަލާއިރު ރަނގަޅު އަދަދެއްކަމަށާއި، އިލެކްޝަންސް ކޮމިޝަނުން އަންދާޒާކުރި މިންވަރަށްވުރެ މަތީ ޢަދަދެއްކަމަށެވެ.