ޚަބަރު

ދިވެއްސަކު ކޯވިޑް ފަރުވާގައި 4 މަސް!


ކޯވިޑް19އަށް ރާއްޖޭގައި އެންމެ ގިނަ ދުވަހު ފަރުވާދިން ބަލިމީހާ، ބަލިން ރަނގަޅުވެގެން ދޫކޮށްލައިފިއެވެ.

އައިޖީއެމްއެޗްގެ އެތެރެހަށީގެ ޚާއްސަ ޑޮކްޓަރެއްކަމަށްވާ އަދި ކޯވިޑް ބަލި މީހުންނަށް ފަރުވާ ދިނުމުގައި ކުރީ ސަފުގައި ހަރަކާތްތެރިވެވަޑައިގެންނަވާ ޑރ. މުހައްމަދު އަލީ ވިދާޅުވީ 4 މަސް ދުވަހަށްވުރެ ގިނަ ދުވަސްވީ ބަލި މީހެއް މިއަދު ދޫކޮށްލާފައިވާކަމަށެވެ.

ޑރ. މުހައްމަދު އަލީ ކުރެއްވި ޓްވީޓުގައިވާ ގޮތުން ކޯވިޑް ޖެހިގެން އެމީހާ އެޑްމިޓްކޮށްފައިވަނީ ޑިސެމްބަރުމަހުގެ 12 ވަނަ ދުވަހުއެވެ. އަދި އޭނާ ދޫކޮށްލާފައިވަނީ މިއަދުއެވެ. ޑރ. މުހައްމަދު އަލީ ވިދާޅުވީ އެއީ 58 އަހަރުގެ އަންހެނެއްކަމަށެވެ.

މި މުއްދަތުގައި އެމީހާއަށް ދަރުމަވަންތަ ހޮސްޕިޓަލް، އައިޖީއެމްއެޗް އައިސީޔޫ އަދި އައިޖީއެމްއެޗް ޕްރައިވެޓް ވޯޑްގައި ފަރުވާދީފައިވެއެވެ.

ޑރ. މުހައްމަދު އަލީ ވަނީ 4 މަސް ދުވަސް ވަންދެން އެމީހާއަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވި ފަރާތްތަކުގެ މަސައްކަތް ފާހަގަކުރައްވާފައެވެ.