ޚަބަރު

ހެލްތު މިނިސްޓަރ ރަސްމީ ދަތުރުފުޅެއްގައި މ. އަތޮޅަށް


މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމް ރަސްމީ ދަތުރުފުޅެއްގައި މ. އަތޮޅަށް މިއަދު ވަޑައިގެންފިއެވެ.

ހެލްތު މިނިސްޓަރގެ މިދަތުރުފުޅަކީ، މ.އަތޮޅުގެ ބައެއް ރަށްތަކުގެ ޞިއްހީ މަރުކަޒުތަކާއި އަދި ރީޖަނަލް ހޮސްޕިޓަލްގެ ކަންކަން ބައްލަވާލައްވައި، މިހާރު ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި ކުރެވެމުންދާ އުމްރާނީ މަސައްކަތްތަކާއި އަދި މުވައްޒަފުންނަށް ހުރި ދަތިކަންކަމުގެ މަޢުލޫމާތު ހޯދުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. މިދަތުރުފުޅުގައި ވަގުތު ތަންދޭ މިންވަރަކުން ވަޑައިގަތުމަށް ހަމަޖެހިފައިވާ ބައެއް ރަށްތަކަކީ ދިއްގަރު، މަޑުއްވަރި، މުލައް، މުލި އަދި ނާލާފުށްޓެވެ.

މިދަތުރުފުޅުގައި މިނިސްޓަރ ވަނީ ދިއްގަރު، މަޑުއްވަރީގެ ހެލްތް ސެންޓަރ އަޕްގްރޭށްކުރުމަށް ކުރަންޖެހޭ ކަންކަން ބައްލަވާލައްވައި، މިވަގުތު އިސްކަމެއް ދެއްވައިގެން މުލަކުގައި އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އެކްސްޓެންޝަން އިމާރާތް ފެށުމަށް ކުރަންޖެހޭ ކަންކަން ބައްލަވާލައްވާފައިވެއެވެ. މި އިމާރާތް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ޕަބްލިކް ހެލްތުގެ ކަންކަން އިތުރަށް ފުޅާކުރުމަށާއި އޮފީސް އިމާރާތުގައި މިހާރުހުރި ޖާގައިގެ ދަތިކަން ހައްލުކުރުމަށާއި ލޯންޑްރީ، ސްޓޮކްރޫމް އަދި ގަރާޖްއެއް ހެދުމަށްކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

ސަރުކާރުން ވަރަށް ޙާއްސަ އިސްކަމެއް ދެއްވައިގެން ދުނިޔޭގެ ޞިއްޙަތު ދުވަސްކަމުގައިވާ 7 އޭޕްރީލް 2021ގައި "ޕްރައިމަރީ ހެލްތް ކެއަރ އާދިރުމެއް" މިނަމުގައި މުޅި ރާއްޖޭގައި ޕްރައިމަރީ/ ޕަބްލިކް ހެލްތުގެ ކަންކަން ރީވައިޓަލައިޒްކުރުމަށް ޕްރޮގްރާމެއް ވަނީ ފައްޓަވާފައެވެ.

މ އަތޮޅަށް ހެލްތު މިނިސްޓަރ ކުރައްވާ ދަތުރުފުޅުގައި މިނިސްޓަރގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަންގެ އިތުރުން، މިނިސްޓްރީ އޮފް ހެލްތުގެ ސީނިއަރ އެގްޒެކެޓިވް ޑައިރެކްޓަރ ޢަބްދުލް ހަންނާނު ހުޞައިން އާއި ސީނިއަރ ޕްރޮޖެކްޓް އޮފިސަރ ޢަބްދުﷲ އާރިޒް ބައިވެރިވެ ވަޑައިގަންނަވައެވެ.

ހެލްތު މިނިސްޓަރގެ ދަތުރުފުޅު ނިންމަވާލައްވާނީ ނާލާފުށި އަދި މުލީ ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން އެތަންތަނުގައި ކުރެވެމުންދާ މަސައްކަތްތައް ބައްލަވާލެއްވުމަށްފަހުކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.