ބާސެލޯނާ އޯޕަން ޓެނިސް މުބާރާތުގެ ސެމީފައިނަލުން ސްޕެއިންގެ ރަފައެލް ނަޑާލް ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ސެމީފައިނަލުން ނަޑާލް ޖާގަހޯދީ ކުއާޓަރ ފައިނަލްގައި އިނގިރޭސިވިލާތުގެ ކެމެރަން ނޯރީ އާއި ވާދަކުރިމެޗް ސީދާ ދެސެޓުން ކާމިޔާބުކޮށްގެންނެވެ.
މިމެޗްގެ ސެޓްތައް ނަޑާލް ގެންދިޔައީ ހައެއް އެކެއް އަދި ހައެއް ހަތަރަކުންނެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ނަޑާލް ބުނީ މިމެޗްގެ ކުރީކޮޅު އޭނާއަށް ވަރަށް ރަނގަޅަށް ކުޅެވުނު ކަމަށާއި ނަމަވެސް ދެވަނަ ސެޓްގައި ތަންކޮޅެއް ކުޅުން ދައްވިކަމަށެވެ. އަދި ސެމީފައިނަލް ކަހަލަ މެޗްތަކުގައި ކުޅުމުގެ ފެންވަރު ދައްވިޔަ ނުދިނުން މުހިންމު ކަމަށާއި އެއް ފެންވަރެއްގައި މުޅި މެޗް ކުޅުމަށް ކުރިއަށް އޮތް ތާނގާގައި މަސައްކަތް ކުރާނެކަމަށެވެ.
މިމުބާރާތުގެ ސެމީފައިނަލްގައި ނަޑާލް ވާދަކުރާނީ ސްޕެއިންގެ ޕަބްލޯ ކަރޭނޯ ބުސްޓާ އާއި އާޖެންޓީނާގެ ޑިއޭގޯ ޝުވާޓްޒްމަން ބައްދަލުކުރާ ކްއާޓަރ ފައިނަލް މެޗުން މޮޅުވާ ކުޅުންތެރިޔަކާއެވެ. މިމުބާރާތުގެ ދެވަނަ ސެމީ ފައިނަލްގައި ވާދަކުރާނީ މުބާރާތުގެ ދެވަނަ ސީޑް ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސް އާއި އިޓަލީވިލާތުގެ ޖަނިކް ސިނަރއެވެ. ސިޓްސިޕާސް ވަނީ ވަރަށް ފަހުން ނިމުނު މޮންޓެ ކާލޯ މާސްޓަރސް މުބާރާތްވެސް ކާމިޔާބުކޮށްފައެވެ.