އިންގްލިޝް ޕްރިމިއަރ ލީގުގައި އެވަޓަން އާއި އާސެނަލް ބައްދަލުކުރިމެޗް އެވަޓަން ކާމިޔާބުކޮށް މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގައި ކުޅުމަށް ކުރަމުންދާ އުންމީދު އާކޮށްފިއެވެ. އާސެނަލްގެ ދަނޑުގައި ކުޅުނު މިމެޗް އެވަޓަން ކާމިޔާބުކުރީ އެއް ލަނޑު ސުންލަނޑުންނެވެ.
ރޭގެ މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލްއިންނެވެ. މިމެޗްގައި ދެޓީމަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަކަން ފާހަގަ ކޮށްލެވެއެވެ. މިމެޗްގައި އާސެނަލްއަށް ޕެނަލްޓީއެއްވެސް ލިބުނެވެ. ނަމަވެސް ފަހުން ވީއޭއާރުން ބެލުމަށްފަހު އެޕެނަލްޓީ ލިބުމުގެ ކުރިން އާސެނަލްގެ ނިކޮލަސް ޕެޕޭ އޮފްސައިޑްގައި ހުރުމުން ޕެނަލްޓީ ވަނީ އަނބުރާ ގެންގޮސްފައެވެ.
މިމެޗްގައި އެވަޓަންއިން ޖެހި ހަމައެކަނި ލަނޑަކީ މެޗްގެ 76 ވަނަ މިނެޓްގައި އާސެނަލްގެ ކީޕަރ ބަރންޑް ލެނޯއަށް ހެދުނު ގޯހެއްގައި އަމިއްލަ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިމެޗްގެ ފަހު ވަގުތު ކޮޅުގެ ތެރޭގައި މެޗްގެ ނަތީޖާ ހަމަހަމަ ކުރުމަށް އާސެނަލްގެ ގެބްރިއެލް މާޓިނެއްލީއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާވަނީ އެވަޓަންގެ ކީޕަރ ޖޯޑަން ޕިކްފަޑް ވަރަށް ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މިއީ 1996 ވަނަ އަހަރަށްފަހު އާސެނަލްގެ ދަނޑުގައި ކުޅެ އެވަޓަން މޮޅުވި ފުރަތަމަ ފަހަރެވެ.
މިކާމިޔާބީއާއެކު އެވަޓަން މިހާރު އުޅެނީ ކުޅުނު 32 މެޗުން ލިބިފައިވާ 52 ޕޮއިންޓާއެކު ތާވަލްގެ އަށް ވަނައިގައެވެ. އަދި ޕޮއިންޓް ތާވަލްގެ ހަތަރު ވަނަ އާއި ފަސް ވަނައިގާ އުޅޭ ޗެލްސީ އާއި ވެސްޓް ހޭމްއާ ތިން ޕޮއިންޓަށް ގާތް ކޮށްފައެވެ. އެހެން ކަމުން އަނެއްކާވެސް ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް އެވަޓަން އިން ކުރާ އުންމީދު މިވަނީ އާވެފައެވެ. މިމެޗުން ބަލިވުމުން މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމަށް އާސެނަލްއަށް އޮތް އެންމެ ރަނގަޅު ފުރުސަތަކީ ޔޫރޮޕާ ލީގު ކާމިޔާބު ކުރުމެވެ. އާސެނަލް މިހާރުވަނީ މި މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފައެވެ.