ދުނިޔޭގެ އެންމެ އުސް ފަރުބަދަކަމަށްވާ މައުންޓު އެވަރެސްޓުގެ ބޭސް ކޭންޕުގައި ހުރި މީހަކަށް ކޯވިޑް-19 ޖެހިއްޖެއެވެ. މިއީ އެ ފަރުބަދައިގައި ހުރި މީހަކަށް ކޯވިޑް-19 ޖެހުނު ފުރަތަމަ ފަހަރެވެ.
ކޯވިޑް-19 ޖެހުނު ނޯވޭއަށް ނިޞްބަތްވާ އެ މީހާ ބުނީ އޭނާއަށް ބަލިޖެހިފައިވާކަން އެނގުނީ އޭޕުރިލް މަހުގެ 15ވަނަ ދުވަހު ބޭސް ކޭންޕުގައި ބައްޔަށް ތަހުލީލުކުރުމުންކަމަށެވެ. އެއަށްފަހު އޭނާވަނީ ހެލިކޮޕުޓަރެއްގައި ނޭޕާލުގެ ވެރިރަށް ކަތަމަންޑޫއަށް ގެންގޮސް ހަސްފަތާލުގައި ފަރުވާ ދީފައެވެ. އޭނާ ބުނީ އޭޕްރިލް މަހުގެ 22ވަނަ ދުވަހު އަލުން ބައްޔަށް ތަހުލީލުކުރުމުން ބަލިން ފަސޭހަވެފައިވާކަން ޔަޤީންވިކަމަށެވެ.
ފަރުބަދަތަކަށް އެރުމުގެ މާހިރެއްކަމަށްވާ އޮސްޓުރިޔާގެ ލޫކަސް ފާޓެންބެޗު ބުނީ ފަރުބަދައިގެ ތިރީގައި މިވަގުތު ތިބި އެތައް ސަތޭކަ މީހުންގެ މެދުގައި ހަލުވިކަމާއެކު ބަލި ފެތުރުމަކީ އެކަށީގެންވާކަމެއްކަމަށެވެ. ބަލިޖެހުނު މީހާ ގިނަ ހަފުތާތަކެއް ވަންދެން އެކި މީހުންނާއެކު ދިރިއުޅެފައިވާކަން އޭނާ ފާހަގަކުރިއެވެ. އެހެންކަމުން އެ މީހުން ބައްޔަށް ތަހުލީލުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ކޮންމެހެން މުހިންމުކަމެއްކަން އޭނާ ފާހަގަކުރިއެވެ. ބަލި ފެތުރެން ފަށައިފިނަމަ ފަރުބަދައަށް އެރުމަށް އެންމެ ރަނގަޅު މޫސުން ކުރިމަތީގައި އޮއްވައި ފަރުބަދައަށް އެރުމުގެ މަސައްކަތްތައް ހުއްޓުމަކަށް އައިސްދާނެކަމަށް އޭނާ ބުންޏެވެ. ނޭޕާލުގެ ސަރުކާރުން ބުނީ ކޯވިޑް-19 ޖެހިފައި ހުރި މީހަކު ފަރުބަދައިގައި ނެތްކަމަށެވެ.
ކޯވިޑް-19ގެ ސަބަބުން މިދިޔަ އަހަރުގެ ތެރޭގައި މައުންޓު އެވަރެސްޓަށް އެރުމަށް ޙުއްދަ ދީފައެއް ނުވެއެވެ. މައުންޓު އެވަރެސްޓަށް އާންމުކޮށް މީހުން އަރަނީ މާރިޗު މަހުން ފެށިގެން މެއި މަހުގެ ނިޔަލަށެވެ.