ޚަބަރު

އިންޑިޔާއިން އަންނަ ޓޫރިސްޓުން ފިޔަވައި އެހެން ފަރާތްތައް ކަރަންޓީންވާންޖެހޭނެ: އިމިގްރޭޝަން


އިންޑިއާއިން ރާއްޖެ އަންނަ މީހުން ކޯވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފައިވީނަމަވެސް ކަރަންޓިން ވާންޖެހޭގޮތަށް މޯލްޑިވްސް އިމިގްރޭޝަނުން ކަނޑައަޅުއްވައިފިއެވެ.

އިމިގްރޭޝަނުން ކުރި ޓްވީޓެއްގައި ބުނީ އިންޑިޔާއިން ރާއްޖެ އަންނަ ދިވެހިންނާއި އެޤައުމުން ވޯކް ވިސާގައި ރާއްޖެ އަންނަ މީހުން ކޯވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ވީނަމަވެސް ކަރަންޓީން ވާންޖެހޭނެ ކަމަށެވެ. އެގޮތުން، ހޯމް ކަރަންޓީންގެ 10 ދުވަސް މިފަރާތްތަކުން ފުރިހަމަ ކުރަންޖެހޭނެ ކަމަށާއި، 22 އޭޕްރިލުން ފެށިގެން މިއުސޫލަށް އަމަލުކުރަން ފަށާފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

އިމިގްރޭޝަނުން މިގޮތަށް ނިންމާފައިވާއިރު އިންޑިއާގައި ކޯވިޑް ފެތުރޭ މިންވަރު ވަނީ އަނެއްކާވެސް އިތުރުވެފައެވެ. މިހާތަނަށް 16.2 މިލިއަނަށްވުރެ ގިނަ މީހުންނަށް މިބަލި ޖެހި 186 ހާހަށްވުރެ ގިނަ މީހުން ވަނީ އިންޑިއާއިން މަރުވެފައެވެ.