2016 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދުއެވެ.
2016 ވަނަ އަހަރަށް ދައުލަތަށް ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ ޢަބްދުﷲ ޖިހާދު ވިދާޅުވީ ބަޖެޓްގެ 16.2 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ޚަރުދުކަމަށެވެ.އެއީ ބަޖެޓްގެ 59 އިންސައްތައެވެ.
ރިކަރަންޓް ޚަރަދުގެ ގޮތުގައި ހޭދަވާނެކަމަށް އަންދާޒާކުރައްވައިފައިވާ 16.2 ބިލިއަން ރުފިޔާގެ 31 އިންސައްތަ ޚަރުދުކުރައްވަން ނިންމާފައިވަނީ މުއައްޒަފުންގެ މުސާރައާއި އިނާޔާތްތަކާއި ޕެންޝަނަށެވެ.
މީގެ އިތުރުން ރިކަރަންޓް ޚަރަދުގެ 10 އިންސައްތައިގެ ޚަރަދުވާކަމަށް ލަފާކުރައްވައިފައިވަނީ އޮފީސް ހިންގެވުމަށެވެ.
އަދި ސަރުކާރުން ދެއްވާ އެހީއާއި ސަބްސިޑީއަށް މީގެ ތެރެއިން ނުވައެއް އިންސައްތައިގެ ޚަރަދުވާކަމަށް ލަފާކުރައްވައިފައިވެއެވެ.
ބަޖެޓްގެ 41 އިންސައްތަ ކަނޑައަޅުއްވައިފައިވަނީ ކެޕިޓަލް ޚަރަދަށެވެ.
ކެޕިޓަލް ޚަރަދުގެ 80 އިންސައްތަ ޚަރަދުކުރެއްވުމަށް ހަމަޖެހިފައިވަނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް ޕީއެސްއައިޕީގެ ޕްރޮޖެކްޓްތަކަށެވެ.
އަންނަ އަހަރަށް ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 22.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބެލެވެއެެވެ. އޭގެތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ބެލެވޭ 13.8 ބިލިއަން ރުފިޔާއެވެ. އަދި ޓެކްސް ނޫންގޮތުގައި ލިބޭނެ ކަމަށް ލަފާކުރައްވަނީ 3.7 ބިލިއަން ރުފިޔާއެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރައްވަނީ 1.5 ބިލިއަން ރުފިޔާއެވެ. އާމްދަނީ އިތުރުކުރުމަށް ހުށައަޅުއްވައިފައިވާ ކަންކަމުން ލިބޭނެ ކަމަށް އަންދާޒާކުރައްވައިފައިވަނީ ހަތަރު ބިލިއަން ރުފިޔާއެވެ.
އަންނަ އަހަރަށް ލަފާކުރައްވާ ބަޖެޓް ޑެފެސީޓަކީ 3.4 ބިލިއަން ރުފިޔާއެވެ. އެއީ ޖީޑީޕީގެ ހައެއް އިންސައްތައެވެ. ޑެފެސިޓް ފޫބައްދާނީ ބޭރުގެ އެހީއާއި އެތެރެއިން ހޯދާ އާމްދަނީން ކަމަށް ފިނޭންސް މިނިސްޓަރ ޢަބްދުﷲ ޖިހާދު ވިދާޅުވިއެވެ.
މި އަހަރު ނިމޭއިރު ރަސްމީ ރިޒާވް ކަމަށް ލަފާކުރެވެނީ 590 މިލިއަން ޑޮލަރެވެ. އަންނަ އަހަރު ނިމޭއިރު ރަސްމީ ރިޒާވްގައި ހުންނާނެކަމަށް ލަފާކުރައްވައިފައިވަނީ 644 މިލިއަން ޑޮލަރެވެ.