ޚަބަރު

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި، 18 އަހަރުން ދަށުގެ ކުއްޖަކު ހައްޔަރުކޮށްފި


ޅ.ހިންނަވަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި، 18 އަހަރުން ދަށުގެ ކުއްޖަކު ހައްޔަރުކޮށްފިއެވެ.

ހިންނަވަރުގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިމަހުގެ 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އެރަށު ބަދަރުމަތިން 18 އަހަރުން ދަށުގެ ކުޑަ ކުއްޖެއް ގެންގުޅު ކޮތަޅަކުން، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހި އަޅާފަ ހުރި ހަތަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ. އަދި މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވުނު އެއްޗިއްސާއެކު، އެކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ހިންނަވަރުގެ އިތުރުން، މާލެއިން ގދ.ގައްދުއަށް ދިޔަ ބޯޓަކުން ވާދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން ބޯޓު، ގދ. ގައްދޫ ބަދަރުގައި އޮއްވާ ބޯޓުގައި ހުރި މުދަލާއި ފޮށިތައް ބަލާ ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުވާ އެއްޗެއް އަޅާފައި ހުރި ބޮޑު ކޮތަޅެއް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. ގައްދޫއިން ފެނުނު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗިއްސާއެކު އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.

މިދެމައްސަލަވެސް ތަހުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ.