ޚަބަރު

ރާއްޖޭގެއިގްތިސާދު ކުރިއެރީ ރައީސްގެ މަސައްކަތްޕުޅުން- ޑރޝައިނީ


ދުނިޔޭގެ އިގްތިސާދު ވެއްޓިފައި
ވަނިކޮށް ރާއްޖޭގެ އިގްތިސާދު ކުރިއަރައި ދިޔައީ ރަޢީސް ޔާމީންގެ
ދުރުވިސްނެވުމާއި، ގައުމާއިމެދު ބެހެއްޓެވި އިޚްލާސްތެރި ކަމެއްގެ ސަބަބުން ކަމަށް
ފިޝަރީޒް މިނިސްޓަރ ޑރ މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ. 

ޓީވީއެމްގެ
ރާއްޖެމިއަދު ޕްރޮގްރާމްގައި މިރޭ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝައިނީ
ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ހަމަޔަކަށް އެޅުއްވުމަށް ރަޢީސް ޔާމީން
ކުރައްވަމުން ގެންދަވާ މަސައްކަތް ތަކަކީ ވަރަށް ފަސޭހައިން ކޮށްލެވިދާނެ ކަންކަން
ކަމަށް ބަޔަކަށް ހީކުރެވުނަސް އެއީ ވަރަށް ހަރުދަނާ، ތަޖުރިބާކާރު ބޭފުޅަކަށް ނޫނީ
ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.

ރަޢީސް ޔާމީން ރައްޔިތުންނަށް
ބައެއް ކަންކަން ކޮށްދެއްވަން އުޅުއްވުމުން އެކަމަކީ ބަޖެޓްގެ ތެރެއިން ނުވާނެ
ކަންކަން ކަމަށް ބަޔަކު އަޑު ފެތުރި ކަމަށާއި އެހެން ނަމަވެސް އެކަންކަން
ކޮށްދެއްވައި ފުރިހަމަ ކުރައްވަމުންދާ ކަމަށް ޝައިނީ ވިދާޅުވި އެވެ.

" ދޮށީ އުމުރުގެ
ބޭފުޅުންނަށް ފައިސާދޭން އުޅުމުން ބަޔަކު ފާޑުކީ އެއީ ބަޖެޓްގެ ތެރެއިން ކުރެވޭނެ
ކަމެއް ނޫނޭ. އެހެން ނަމަވެސް އެކަން އެއޮތީ ކުރައްވާފައި. އަވަށްޓެރި ގައުމަކުން
އަޅުގަނޑުމެންނަށް އެމްއާރްއައި މެޝިނެއް ދޭންދޭން ކިޔާފައި ލަސްވާތީ ހަމަސް
ނުވަނީސް އަމިއްލައަށް މަސައްކަތް ކުރައްވައިގެން އެމްއާރްއައި މެޝިނެއް ހޯއްދަވާ
މިއަދު ބަހައްޓަވާފައި އެހެރީ " ޝައިނީ ވިދާޅުވިއެވެ.









މިނިސްޓަރ ޝައިނީ ވިދާޅުވީ
ރާއްޖޭގެ އިގްތިސާދު ހަމައަކަށް އެޅުއްވުމަށް ކުރައްވާ ކަމަކުން ބަޔަކު ނުރުހުން
ފާޅުކޮށްފާނެތީ ރަޢީސް ޔާމީން ޖެހިލުންވެ ވަޑައި ނުގަންނަވާ ކަމަށް އަބަދުވެސް
ވިދާޅުވާ ކަމަށެވެ. އަދި އެމަނިކުފާނު ކުރައްވާ ކަންކަމުން ރައްޔިތުންނަށް މަންފާ
ލިބެން ފެށުމުން ރައްޔިތުން އެކަންކަން ބަލައިގަންނާނެ ކަމަށް ވިދާޅުވާ ކަމަށެވެ.