ދީން

މި ދެ ސާޢަތުގައިވެސް ދުޢާކުރުން މޮޅު އިތުރު


ﷲއަށް ދުޢާ ދެންނެވުމަށް، އެކަލާނގެ އަޅުތަކުންނަށް ވަރަށް ބޮޑަށް ހިތްވަރު ދެއްވައި، ބާރުއަޅުއްވާފައިވެއެވެ. ދުޢާކުރުމުގެ ސަބަބުން، ދުނިޔެއާއި އާޚިރަތުގައި އެތައް ގިނަ މަންފާތަކެއް ލިބިގެންދާނެކަން ބަޔާންވެގެންވެއެވެ. ދުޢާކުރުމުގެ މާތްކަމާއިގުޅިގެން ހުކުރު ދުވަހު ދުޢާކުރުމަކީ ޚާއްޞަގޮތެއްގައި މާތްވެގެންވާކަމެއްކަން ކީރިތި ރަސޫލާ ޞައްލައްﷲޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.

ހުކުރު ދުވަހު ޚާއްޞަގޮތެއްގައި ދުޢާ އިޖާބަކުރައްވާ ސާޢަތެއް އޮންނަކަމަށް ރަސޫލާ ޙަދީޘުކުރައްވާފައިވެއެވެ.
[يَومُ الجمُعةِ ثِنتا عشرةَ ساعةً، فيها ساعةٌ لا يوجَدُ عَبدٌ مسلِمٌ يسألُ اللَّهَ فيها شيئًا إلا آتاهُ إيَّاه] މާނައީ: ހުކުރު ދުވަހު، ބާރަ ގަޑިއިރެއް ވެއެވެ. އަދި އެ ބާރަ ގަޑިއިރުގެ ތެރޭގައި އަންނަ ގަޑިއެއްގައި، މުސްލިމަކު ﷲގެ ޙަޟްރަތުން ކަމަކަށް އެދި ދެންނެވުމުން، އެކަމެއް އެ މީހަކަށް ފުއްދަވައި ނުދެއްވާ އެއްވެސް މުސްލިމަކު ނުވެއެވެ.

ހުކުރު ދުވަހު، ދުޢާ އިޖާބަކުރައްވާ ސާޢަތަކާމެދު ތަފާތު ރައުޔުތަކެއްވެއެވެ. ބައެއް ރައުޔުގައި އެ ސާޢަތަކީ، ހުކުރު ނަމާދަށް ބަންގިގޮވައިލެވޭ ވަގުތުން ފެށިގެން، ހުކުރު ނަމާދު ނިމުމާ ހަމައަށެވެ. އަދި މި ރައުޔަކީ، ދަލީލުތަކަށް ބަލާއިރު، އެންމެ އިސްކަން ދެވޭ ރައުޔެވެ. އަދި އެހެން ރައުޔެއްގައި އޮންނަނީ، ހުކުރު ދުވަހުގެ އެންމެ ފަހު ސާޢަތުކަމުގައެވެ. ގިނަ ޢިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތުގައި މި ދެންނެވި ދެ ރައުޔުގައިވާ ފަދައިން، މި ދެ ސާޢަތުގައިވެސް ދުޢާކުރުން މޮޅު އިތުރުވެގެންވެއެވެ. އަދި މި ދެ ސާޢަތަކީވެސް ދުޢާ އިޖާބަކުރެއްވުން ގާތް ސާޢަތުގެ ގޮތުގައި ބެލެވެއެވެ. އަދި ހަމައެހެންމެ، ބައެއް ރިވާޔަތްތަކުގައި އެ ސާޢަތަކީ ޢަޞްރު ނަމާދަށް ފަހު، އިރު އޮއްސުމުގެ ކުރީގެ ސާޢަތެއްކަމުގައިވެސް ބަޔާންވެގެންވެއެވެ.

ހުކުރުދުވަހުގައި އަންނަ ދުޢާ އިޖާބަކުރެއްވިގެންދާނޭ ސާޢަތަކާ ބެހޭގޮތުން ތަފާތު ރިވާޔަތްތައް ވާރިދުވެފައި ހުރެއެވެ. އޭގެތެރެއިން އެއް ރިވާޔަތެއްގައިވަނީ:

އަބޫ މޫސާ އަލްޢަޝްޢަރީގެ ދަރިކަލެއްކަމުގައިވާ އަބޫ ބުރްދާގެ އަރިހުން ރިވާވެގެންވެއެވެ. ޢަބްދުﷲ ބިން ޢުމަރު، އަހުރެން ކުރެއް އެއްސެވިއެވެ، ހުކުރުދުވަހު، ދުޢާ އިޖާބަކުރައްވާ ސާޢަތަކާބެހޭގޮތުން، ތިބާގެ ބައްޕާފުޅު އަބޫ މޫސާ އަލްޢަޝްޢަރީގެ އަރިހުން އެއްވެސް ވާހަކައެއް އަޑުއެއްސެވީމުތޯއެވެ؟ އަހުރެން ދެންނެވީމެވެ. އާއެކެވެ. އަހުރެންގެ ބައްޕާ ވިދާޅުވާތީ އަޑުއެއްސެވީމެވެ. [ކީރިތި ރަސޫލާ ޙަދީޘްކުރެއްވި އަޑު އަހުރެން އެއްސެވީމެވެ. އެ ގަޑިއަކީ އިމާމު މިމްބަރުގައި އިށީންނަ ވަގުތުން ފެށިގެން ނަމާދު ނިމިއްޖެއުމާއި ހަމައަށެވެ.] މިއީ އަލްއިމާމު މުސްލިމުގެ ޙަދީޘްފޮތުގައި ރިވާކުރައްވާފައިވާ ޙަދީޘެކެވެ. އަދި ހަމައެހެން ރިވާޔަތެއްގައިވަނީ: އެ ގަޑިއަކީ: ހުކުރުނަމާދަށް ގަމަތްދެވޭ ވަގުތުން ފެށިގެން ހުކުރު ނަމާދު ނިމުމާ ހަމައަށެވެ.

ހުކުރު ދުވަހަކީ މާތް ދުވަހެއްކަމުގައިވުމާއެކު، އެ ދުވަހުގެ ކޮންމެ ސާޢަތަކީ، އަދި ގަޑިއަކީ ދުޢާކުރުން މުހިންމު ވަގުތުކޮޅެކެވެ. ހުކުރު ދުވަހުގެ ހެނދުނުގެވަގުތާއި، ހުކުރު ނަމާދަށް ބަންގިގޮވައިލެވިގެންދާ ވަގުތުން ފެށިގެން ހުކުރު ނަމާދު ނިމެންދެންނާއި، ހުކުރުދުވަހުގެ ޢަޞްރު ނަމާދަށްފަހު، އެ ދުވަހުގެ އިރުއޮއްސެންދެން އެއީ މާތް ވަގުތުތަކެވެ.

ހުކުރު ދުވަހު، ދުޢާ އިޖާބަކުރައްވާ ޚާއްޞަ ވަގުތެއް އޮންނާތީ، އަދި އެ ވަގުތަކީ ކަނޑައެޅިގެން ކޮން ގަޑިއެއްކަން ސާފުކޮށް ބަޔާންވެގެން ނުވުމާއެކު، މުސްލިމުންގެ އާދައަކީ، ހުކުރު ދުވަހު، ޚާއްޞަގޮތެއްގައި ދުޢާކުރުމުގައި ގިނަ ވަގުތު ހޭދަކުރުމެވެ. ހުކުރު ދުވަހުކުރުން ރަގަޅު ޛިކްރާއި ދުޢާތަކުގެ ތެރޭގައި މި ޛިކްރާއި ދުޢާ ހިމެނޭ. [لا إله إلا الله العظيم الحليم، لا إله إلا الله رب العرش العظيم]
ޙަލީމުވަންތަ ކެތްތެރިވެވޮޑިގަތުން ބޮޑު، މާތްވެގެންވާ ﷲފިޔަވައި އެހެން އެއްވެސް އިލާހަކު ނުވެއެވެ. އަދި މަތިވެރިވެގެންވާ، މާތްވެގެންވާ ޢަރުޝުގެ ވެރި ﷲ ފިޔަވައި އެއްވެސް އިލާހަކުނުވެއެވެ.
[لا إله إلا الله رب السماوات ورب الأرض ورب العرش الكريم]
ދީލަތިވަންތަ ޢަރުޝުގެ ވެރިރަސްކަލާނގެ، ބިމުގެ ވެރި ރަސްކަލާނގެ އަދި އުޑުތަކުގެ ވެރި ރަސްކަލާނގެ ﷲ ފިޔަވައި އެއްވެސް އިލާހަކުނުވެއެވެ.
[اللهم إني أسألك الجنة وأستجير بك من النار]
އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަ ﷲގެ ޙަޟްރަތުން މިއަޅާ އެދެނީ ސުވަރުގެއެވެ. އަދި ނަރަކައިގެ އަލިފާނުން މިންޖުކޮށްދެއްވުމެވެ.

ދުޢާކުރުމަކީ ވަރަށް މާތް އަޅުކަމެކެވެ. ދުޢާގެ ނަތީޖާއިން، ހެޔޮ ބަދަލެއް އަންނާނެކަން ޔަޤީނެވެ. ކޮންމެ ޙާޖަތެއްގައި އަދި ބޭނުމެއް ޖެހޭ ވަގުތުތަކުގައި ﷲއަށް ދުޢާ ދެންނެވުމަށްޓަކައި އެކަލާނގެ ޙަޟްރަތަށް ރުޖޫޢަވުން މުހިންމެވެ. ﷲއާ އަޅާއާ ދެމެދުގައި އޮންނަ ގުޅުން ދެމެހެއްޓުމުގެ ވަސީލަތެއްކަމުގައި ދުޢާކުރުން ހިމެނިގެންދެއެވެ. ދުޢާކުރުމުގެ މުހިންމުކަން އަންގައިދެނީ، އެންމެ މާތް އަދި މަތިވެރިވެގެންވާ އަޅުކަމެއްގެގޮތުގައި ހިމެނިފައިވާތީއެވެ. ދުޢާއަކީ، އަޅާގެ ހިތާއި ރޫޙުގައި، ﷲގެ ކުޅަދުންވަންތަކަމާއި އެކަލާނގެއަށް އަޅުވެތިވުމުގެ އިޙުސާސްތައް އުފައްދައިދޭ ވަސީލަތެވެ.

ދުޢާކުރުމުގެ ފައިދާތަކުގެ ތެރޭގައި:

- ބަލާވެރިކަމާއި ﷲގެ ކޯފައިން ދިންނަވާނޭ ސަބަބެއްކަމުގައިވުން
- ﷲއަށް ކިޔަމަންތެރިކަން އަދާކުރުމާއި އެކަލާނގެއަށް އަޅުވެތިވުމާއި އެކަންކަމުގެ އަޖުރާއި ޘަވާބުލިބޭކަމެއްކަމުގައިވުން
- ﷲގެ ޙަޟްރަތަށް ކުއްތައްވުމާއި އެކަލާނގެ ރަޙުމަތާއި ނިޢުމަތާއި މަޣްފިރަތުގެ ނިވަލުގައި ވަގުތު ހޭދަކުރެވޭގޮތްވުން
- އަޅާއަށް ކުރިމަތިވާ ނުކުޅެދުންތެރިކަމުން މިންޖުވުމުގެ ޛަރީޢާއެއްކަމުގައިވުން

ދުޢާ އިޖާބަކުރެއްވުމަށް މެދުވެރިވާ ސަބަބުތަކެއްވޭ. އޭގެ ތެރޭގައި:

- ﷲގެ އިސްމުފުޅުތަކާއި ސިފަފުޅުތައް ބޭނުންކޮށްގެން ދުޢާކުރުމާއި އަދި އިޚްލާޞްތެރިކަމާއެކު، ﷲގެ ޙަޟްރަތަށް ރުޖޫޢަވުން
- ދުޢާކުރާއިރު، ހިތް ޙާޟިރުކޮށްގެން އިނދެ ދުޢާކުރުމާއި ޚުޟޫޢަތާއެކު ދުޢާކުރުން
- ދުޢާގައި ﷲ ނަހީކުރެއްވި އެއްވެސް ކަމެއްވުމަށް އެދި ދުޢާނުކުރުމާއި ރަޙިމުގެ ގުޅުން ކަނޑައިލުމަށް އެދި ދުޢާނުކުރުން

ހުކުރު ދުވަހަކީ މާތް ދުވަހެއްކަން އެނގެނީ ކީރިތި ރަސޫލާގެ މި ޙަދީޘުން
[خَيْرُ يَوْمٍ طَلَعَتْ عَلَيْهِ الشَّمْسُ يَوْمُ الْجُمُعَةِ؛ فِيهِ خُلِقَ آدَمُ، وَفِيهِ أُدْخِلَ الْجَنَّةَ، وَفِيهِ أُخْرِجَ مِنْهَا، وَلَا تَقُومُ السَّاعَةُ إِلَّا فِي يَوْمِ الْجُمُعَةِ]
އެ ދުވަހަކަށް އިރު އަރައިގެން އައި އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. އާދަމުގެފާނު ޚަލްޤުކުރެއްވުނީ އެދުވަހުގައެވެ. އަދި އެކަލޭގެފާނު ސުވަރުގެ ވެއްދުނީވެސް އެދުވަހުގައެވެ. އަދި ސުވަރުގެއިން ނުކުމެވަޑައިގަންނަށް ޖެހިވަޑައިގަތީވެސް އެދުވަހުގައެވެ. އަދި ހުކުރު ދުވަހެއްގައި މެނުވީ ޤިޔާމަތެއް ނުވާނެއެވެ.