ޚަބަރު

ދާއިމީ ނަތީޖާ އިޢުލާންކޮށް ނިމޭނީ މާދަމާ - އިލެކްޝަންސް


މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ދާއިމީ ނަތީޖާ މާދަމާ އިޢުލާންކޮށް ނިންމާލެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބުގެ ވަގުތީ ނަތީޖާ މިމަހުގެ 17 ވަނަ ދުވަހުގެ ރޭ އިޢުލާންކޮށްފައެވެ.

މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ދާއިމީ ނަތީޖާ އިޢުލާން ކުރަންފަށާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ދައީމީ ނަތީޖާގެ ތެރެއިން ފުރަތަމަ އިޢުލާންކުރަމުން އަންނަނީ ކައުންސިލްތަކަށް އިންތިޚާބުވި ކައުންސިލަރުންގެ ނަތީޖާތައް ކަމަށެވެ. އަދި އެ ނަތީޖާތައް މިއަދު ނިންމާލުމަށްފަހު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިޚާބުވި މީހުންގެ ދާއިމީ ނަތީޖާ އިޢުލާން ކުރަން ފަށާނެކަމަށްވެސް ހަބީބް ވިދާޅުވިއެވެ. ކޮމިޗަންގެ ނާއިބް ރައިސް ވިދާޅުވީ އަމާޒަކީ މާދަމާގެ ނިޔަލަށް ދައިމީ ނަތީޖާތައް ނިންމާލުމެވެ.

ޤާނޫނުގައި ބުނާގޮތުން އިންތިޚާބުގެ ދާއިމީ ނަތީޖާ އިންތިޚާބު ބާއްވާތާ 14 ދުވަހުގެ ތެރޭގައި އިޢުލާން ކުރަންޖެހޭނެއެވެ. ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ ތެރެއިން 67 އިންސައްތަ މީހުން މި އިންތިޚާބުގައި ވޯޓްލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

އިންތިޚާބުގެ ދާއިމީ ނަތީޖާ މާދަމާގެ ނިޔަލަށް އިޢުލާންކޮށް ނިންމިނަމަވެސް ތ.ގާދިއްފުއްޓާއި ލ.މާވަށުގައި ވޯޓުލުމުގެ މަސައްކަތް އަލުން ކުރިއަށް ގެންދިޔުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މި ދެ ރަށުގައި ވޯޓުލުން އަލުން ބާއްވަނީ ބައެއް މައްސަލަތައް ފާހަގަވުމުންކަމަށް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ގިނަ ގޮނޑި ކާމިޔާބުކުރީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީންނެވެ. އެ ޕާޓީން ވަނީ 3 ސިޓީއެއްގެ މޭޔަރުކަމާއި 11 އަތޮޅެއްގެ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބު ކޮށްފައެވެ. އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ މި އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުކަމާއި މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީގެ އިތުރުން 7 އަތޮޅެއްގެ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބު ކޮށްފައެވެ. މީ ލާމަރުކަޒީ އުސޫލުން ކައުންސިލްތައް ހިންގަން ފެށި ފަހުން މާލެ ސިޓީ އެމްޑީޕީއަށް ގެއްލުނު ފުރަތަމަ ފަހަރެވެ.

ކޯވިޑް-19ގެ ބަލިމަޑު ކަމުގެ ތެރޭގައި މުޅި ރާއްޖޭގައި ބޭއްބި މި އިންތިޚާބަކީ މިހާތަނަށް ރާއްޖޭގައި ބާއްވާފައިވާ އެންމެ ބޮޑު އަދި އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރި އިންތިޚާބެވެ. ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި 3934 ކެނޑިޑޭޓުން ވާދަކުރިއެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރި 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރި 1670 ކެނޑިޑޭޓުންނެވެ.