ޚަބަރު

ދޯންޏެއްގައި ރޯވެ ފިހުނު 2 މީހަކަށް ފަރުވާދެނީ


ދޯންޏެއްގައި ރޯވެ 2 މީހަކު ފިހިއްޖެއެވެ. ރޭ ފަތިހު ހިނގި މި ހާދިސާގައި ފިހިފައިވަނީ ދޯނީގެ ފަޅުވެރިންގެ ތެރެއިން 2 މީހެކެވެ.

އެމްއެންޑީއެފުން ވިދާޅުވީ މާލެއަތޮޅު ކުޑަ ވިލިނގިލި ކައިރީގައި އޮތް ދޯންޏެއްގައި އަލިފާން ރޯވި ކަމުގެ ރިޕޯޓް ލިބުނީ ރޭ ފަތިހު 03:23 ހާއިރުކަމަށާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޓީމު، އެސަރަހައްދަށް ގޮސް ދޯނީގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލެވުނީ ފަތިހު 04:38 ހާއިރުކަމަށެވެ.

މި ދޯނީގައި ތިބީ ހަތަރު ފަޅުވެރިންކަމަށާއި އެމީހުންގެ ތެރެއިން މި ހާދިސާގައި ފިހިފައިވަނީ ދިވެއްސަކާއި ބިދޭސީއެއްކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި މި ދެމީހުން އައިޖީއެމްއެޗަށް ގެނެސް ފަރުވާދެމުން އަންނަކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ޓޮޕް ޓުއާޒް ކުންފުނީގެ "ޓޮމް ކުރޫޒާ" ނަމަކަށް ކިޔާ ދޯނީގެ ހިނގި އަލިފާނުގެ މި ހާދިސާގައި ދޯންޏަށްވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ. މި ހާދިސާގައި ދޯނީގައި އަލިފާން ރޯވެފައިވަނީ ދޯނީގެ ބަދިގޭގައެވެ.