ޚަބަރު

3 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

އުމުރުން 3 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައިގައި 24 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އެމީހާ ހައްޔަރުކޮށްފައިވަނީ މިރޭ 20:55 ހާއިރުކަމަށެވެ.

އުމުރުން 3 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ލިބިފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ކްރައިމްސް އަގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓަށް ހުށައެޅުމާއި ގުޅިގެން އެ މައްސަލަ ތަޙްޤީގުކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ ހުށައެޅުމާ ގުޅިގެން ކުއްޖާއަށް އެއްވެސް ކަހަލަ އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ޑޮކްޓަރަށް ދައްކާފައިވާކަމަށެވެ. އަދި ކުއްޖާއަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވޭތޯ ބެލުމަށް ސައިކޮލޮޖިސްޓަށް ދައްކާ ސައިކޮލޮޖިކަށް ރިޕޯޓާއި މައްސަލައާ ގުޅިގެން ހަދަންޖެހޭ ރިޕޯޓުތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ. މީގެ އިތުރަށް އެ ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސްއާ ގުޅިގެން ކުރަމުން އަންނަކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލައަކީ ސީރިއަސް މައްސަލައަކަށް ވާތީ ތަޙުޤީގަށް ބޭނުންވާ ހެއްކާއި ޤަރީނާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ވަނީ މި މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ލަސްކުރުމެއްނެތި އަޅަމުންދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ފުލުހުން ވަނީ ކުޑަކުދިންނާ މެދު ހިންގާ އެކިބާވަތުގެ އަނިޔާތަކުގެ މައްސަލަތައް ލަސްނުކޮށް އެންގުމަށް އިލްތިމާސްކުރައްވާފައެވެ.