ޚަބަރު

އެއް ދުވަހުގެ ތެރޭގައި ރެކޯޑު ޢަދަދެއްގެ މީހުންނަށް އިންޑިޔާގައި ކޯވިޑް-19 ޖެހިއްޖެ


އެއް ދުވަހުގެ ތެރޭގައި އިންޑިޔާގައި 314،835 މީހުންނަށް ކޯވިޑް-19 ޖެހިއްޖެއެވެ. އެއީ އެއް ދުވަހުގެ އެއް ޤައުމެއްގައި ތެރޭގައި އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހުނު ޢަދަދެވެ.

އެމެރިކާއަށްފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ އިންޑިޔާގައެވެ. އެ ޤައުމުގައި މިހާތަނަށް 15.9 މިލިއަން މީހުންނަށް ބަލިޖެހި 184،672 މީހުންވަނީ މަރުވެފައެވެ. އިންޑިޔާގައި ބަލި ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވުމުން އެ ޤައުމުގެ ޞިއްޙީ ނިޒާމަށްވަނީ ވަރަށް ބޮޑަށް ބާރުބޮޑުވެފައެވެ. ހަސްފަތާލުތަކުގައި ލިބެން ހުރި އެނދުގެ ޢަދަދު މަދުވެ ބަލި މީހުންނަށް ފަރުވާ ދިނުމުގައި ގިނަ ދަތިތަކަކާ ކުރިމަތިލާންވަނީ ޖެހިފައެވެ. ބަލިމީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ އޮކްސިޖަނާއި ބޭސްފަދަ ތަކެތި ލިބުމުގައި ބައެއް ސްޓޭޓުތަކުގައި ދަތިތަކަކާ ކުރިމަތިލާންވަނީ ޖެހިފައެވެ. އަދި ބަލިޖެހިފައިވާ މީހުންނަށް ހަސްފަތާލުތަކުން ފަރުވާނުދެވޭނެތީ އެ މީހުން ގޭގައި މަޑުކުރުމަށްވެސް ބައެއް ޑޮކްޓަރުންވަނީ އިރުޝާދު ދީފައެވެ.

އިންޑިޔާގެ 18 އަހަރުން މަތީގެ އާބާދީއަށް މެއި މަހުގެ 1ވަނަ ދުވަހު ކޯވިޑް-19 ވެކްސިން ދޭން ފަށާނެކަމަށް އެ ޤައުމުންވަނީ އިޢުލާނުކޮށްފައެވެ. ވެކްސިން ޖެހުމަށް އުމުރު ހަމަވާ މީހުންގެ ޢަދަދު 600 މިލިއަނަށްވުރެ ގިނައެވެ. ޞިއްޙީ މާހިރުން ބުނާގޮތުގައި ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ އެންމެންނަށް ވެކްސިން ދެވޭނެ މިންވަރަށް އިންޑިޔާގައި ވެކްސިނެއް ނެތެވެ.

އިންޑިޔާގެ ޙާލަތު ގޯސްވީ ފިޔަވަޅުތައް އެޅުމުގައި ބޮޑެތި ދޫތަކެއް ދިނުމުންކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ފިނި މޫސުމުގެ ތެރޭގައި ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ޢަދަދު 10،000އަށް ދަށްވުމުން އެ ޤައުމުގެ ސަރުކާރުންވަނީ ގިނަ ލުއިތަކެއް ދިނުމަށްފަހު ބޮޑެތި އެއްވުންތައް ބޭއްވުމުގެ ޙުއްދަ ދީފައެވެ. ފާއިތުވި ހަފުތާތަކުގެ ތެރޭގައި ސިޔާސީ އަދި ދީނީ ގިނަ އެއްވުންތަކެއް އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ބާއްވާފައިވެއެވެ. އޭގެ އިތުރުން ބަލީގެ ނުރައްކާތެރި ވައްތަރެއް އެ ޤައުމުގައި ފެތުރޭކަމަށް ގިނަ މާހިރުން ބުނެއެވެ.