ކުޅިވަރު

ޗެލްސީ ވިމެން އާއި މެންޗެސްޓަރ ސިޓީ ވިމެން ބައްދަލުކުރިމެޗް އެއްވަރު



އިނގިރޭސި ވިމެންސް ސުޕަރ ލީގުގައި ޕޮއިންޓް ތާލަވްގެ އެއްވަނައިގާ އުޅޭ އެންމެފަހުގެ ޗެމްޕިއަން ޗެލްސީ ވިމެން އާއި ވާދަވެރި މެންޗެސްޓަރ ސިޓީ ވިމެން ބައްދަލުކުރިމެޗް އެއްވަރުވެ ލީގު ދިފާއު ކުރުމާއި ޗެލްސީ ގާތަށް ޖެހިލައިފިއެވެ. ސިޓީގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ 2 ލަނޑު 2 ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ.

މިމެޗްގައި ސިޓީއިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއެވެ. ސިޓީއިން ލީގު ކާމިޔާބު ކުރުން އަމިއްލަ ބާރުގެ ދަށަށް ގެންނަން ބޭނުންނަމަ މޮޅުވުން ކޮންމެހެން މުހިންމު މިމެޗް އެޓީމުން ފެށި ވަރަށް ވަރުގަދަކޮށެވެ. މިގޮތުން މެޗްގެ ފުރަތަމަ 15 މިނެޓް ތެރޭގައި ސިޓީއިންވަނީ ޗެލްސީގެ ގޯލަށް ވަރަށް ނުރައްކާކޮށްފައެވެ. ނަމަވެސް މިހަމަލާތަކާއެކުވެސް މިމެޗްގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ ޗެލްސީގެ ފަރާތުންނެވެ. މެޗްގެ 25 ވަނަ މިނެޓްގައި އެލަނޑު ޗެލްސީއަށް ޖަހައިދިނީ ސޭމް ކާރއެވެ. ނަމަވެސް މިލަނޑު ޗެލްސީއިން ޖެހިތާ 4 މިނެޓް ފަހުން ސިޓީގެ ކްލޯއި ކެލީ ވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިމެޗްގައި ޗެލްސީއިން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗްގެ 34 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕެނީލް ހަރޑަރއެވެ. މިމެޗްގައި ސިޓީއަށް ދެވަނަ ފަހަރަށް އެއްވަރު ކޮށްދިނީ މެޗްގެ 74 ވަނަ މިނެޓްގައި ލޮއުރެން ހެމްޕް ޖަހައިދިން ލަނޑުންނެވެ. މިމެޗްގެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ސިޓީއަށް މިމެޗުން މޮޅު ވާނެ ރަނގަޅު ދެތިން ފުރުސަތު ލިބި ބޭކާރުވެގެންދިޔަތަން ފެނިގެންދިޔައެވެ. ނަމަވެސް ސިޓީގެ ކުޅުންތެރިން އުފެއްދި ހަމަލާތައްވަނީ ޗެލްސީގެ ކީޕަރ އޭން ކެޓްރިން ބަރގަރ ވަރަށް ހުޝިޔާރު ކަމާއެކު ދިފާއުކޮށްފައެވެ.

މިމެޗް އެއްވަރުވުމުން ޗެލްސީއަށް އަދިވެސް ޕޮއިންޓް ތާވަލްގައި ދެ ޕޮއިންޓްގެ ލީޑެއް ލިބިފައިވެއެވެ. ޗެލްސީއިން މިހާރު 20 މެޗް ކުޅެފައިވާއިރު އެޓީމަށްވަނީ 51 ޕޮއިންޓް ލިބިފައެވެ. އަދި ސިޓީއަށް ލިބިފައިވަނީ 20 މެޗުން 49 ޕޮއިންޓެވެ. އަދި މިހާރު ކޮންމެ ޓީމަކަށް ބާކީ ދެ މެޗް އޮތުމުން މިފަހަރުވެސް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑީ ޗެލްސީއަށެވެ.