ސިއްހަތު

އައި.ޖީ.އެމް.އެޗްގައި އެމް.އާރު.އައިގެ ޚިދުމަތް ތާރަފްކޮށްފި


އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި
އެމް.އާރު.އައި ސެންޓަރެއް ޤާއިމްކުރައްވައި އެތަން ރަސްމީގޮތުން ހުޅުވައިފިއެވެ. މި
ސެންޓަރ ޚިދުމަތް އިފްތިތާހްކޮށްދެއްވީ އެހޮސްޕިޓަލުގައި މިއަދު ބޭއްވެވި ޚާއްޞަ
ރަސްމިއްޔާތެއްގައި ހެލްތި މިނިސްޓަރ އިރުތިޝާމް އާދަމްއެވެ.

އެމް.އާރު.އައި އަކީ،
ރޭޑިއޯ ވޭވްއާއި، މެގްނެޓިކް ފީލްޑް ބޭނުންކޮށްގެން ހަދާ، ހަށިގަނޑުގެ
މަޑު ޓިޝޫއާއި ކަށިގަނޑުގެ ތަފްޞީލީ ފޮޓޯއެކެވެ.


އިންދިރާ ގާނދީ
މެމޯރިއަލް ހޮސްޕިޓަލްގައި އެމްއާރުއައި ގެ ޚިދުމަތް ދެއްވަން ސަރކާރުން މި
ފެއްޓެވީ  ތޭވީސް މިލިޔަނަށްވުރެ ގިނަ
ރުފިޔާ ޚަރަދުކުރައްވައިގެނެވެ. އެ ހޮސްޕިޓަލުން ވިދާޅުވާގޮތުގައި މި ޚިދުމަތް މި
ނޮވެމްބަރ މަހުގެ 20ން ފެށިގެން ޢާންމުކޮށް ދެއްވަމުން ގެންދަވާނެއެވެ. މި މެޝިނުން
ދުވާލެއްގެ މައްޗަށް ދިހަޔަކާއި ފަނަރައާ ދެމެދުގެ ޢަދަދަކަށް އެމް.އާރު.އައި
ސްކޭން ހެދިގެންދާނެ ކަމަށާއި، މިޚިދުމަތް ހުރިހާ ރައްޔިތުންނަށްވެސް އާސަންދަ މެދުވެރިކޮށް
ލިބެމުންދާނެކަމަށް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

މި ޚިދުމަތް
އިފްތިތާޙުކުރެއްވުމަށް އެހޮސްޕިޓަލުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން
މި ޚިދުމަތް ފެއްޓަވަން ކުރެއްވި މަސައްކަތްތައް މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

ހެލްތް މިނިސްޓަރ ވިދާޅުވިގޮތުގައ
އައި.ޖީ.އެމް ހޮސްޕިޓަލުގައި އެމް.އާރު.އައި މެޝިނެއް ބެހެއްޓުމަށް ތަފާތު
ފަރާތްތަކާއެކު މަޝްވަރާކުރެވުނެވެ. ނަމަވެސް އެކަމަށް ފަހިމަގެއް
ފެނިވަޑައިނުގަތުމުން، ސީދާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރައްވައިގެން
އެމް.އާރު.އައި މެޝިނެތް ބައްލަވައިގަތުމަށް ރައީސް މިދިޔަ ޖޫންމަހު ނިންމެވިއެވެ.
މިގޮތަށް ސަރުކާރުން ނިމްމެވީ، މިއީ ރައްޔިތުންނަށް ބޭނުންވެފައިވާ މުހިންމު
ޚިދުމަތަކަށްވެފައި މި ޚިދުމަތް ނުދެވި ލަސްވަމުންދާތީއެވެ. އޭގެ ނަތީޖާއެއްގެ
ގޮތުން އެމް.އާރު.އައިގެ ޚިދުމަތް އައި.ޖީ.އެމް ހޮސްޕިޓަލުގައި ތަޢާރަފްވެގެން ދިޔުމަކީ
ރާއްޖޭގެ ޞިއްޙީ ދާއިރާ، އާ އުސްމިންތަކަށް ދިޔަ އަދި ހަމައެހެންމެ އެ ދާއިރާއަށް
އައި ހެޔޮ އިންޤިލާބެއް ކަމަށް އެކަމަނާ ސިފަކުރައްވައެވެ.

މިރަސްމިއްޔާތުގައި
ވާހަކަފުޅުދައްކަވަމުން އައި.ޖީ.އެމް ހޮސްޕިޓަލުގެ ސީ.އީ.އޯ ބްރިގޭޑިއަރ ޖެނަރަލް
ރިޓާޔަޑް ފަރުހަތު ޝަހީރު ވިދާޅުވީ، އެ ހޮސްޕިޓަލުން އެމް.އާރު.އައި ޚިދުމަތް ފެށުމަކީ،
ވަރަށް ބޮޑު ހިންހަމަޖެހުމެއް ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ކަމެއް ކަމަށް
ދެކެވަޑައިގަންނަވާކަމަށެވެ. އެމް.އާރު.އައިގެ ޚިދުމަތް ފެށޭނެ ދުވަހަކަށް
އެހޮސްޕިޓަލުގެ ޑޮކްޓަރުން އިންތިޒާރުކުރެއްވި ކަމަށާއި، ކުރިއަށް އޮތްތަނުގައި އެކަށީގެންވާ ގޮތަކަށް މި ޚިދުމަތް
ދެވޭނެކަމަށް ފަރުޙަތު ޝަހީރު ވިދާޅުވިއެވެ.

ކުރިއަށްއޮތް ދެ
ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މި ޚިދުމަތުގެ އަގާއި، އެޕޮއިންޓްމަންޓާބެހޭ
ކަންކަން ހަމަޖެހިފައިވާގޮތް އާންމުކޮށް އަންގަވާނެކަމަށް އައިޖީއެމްއެޗުން
ވިދާޅުވިއެވެ.  























މި ޚިދުމަތް ފެށޭތީ
އާއި އަދި މި ޚިދުމަތް އާސަންދައިގެ ޚަރަދުގައި ލިބޭތީ އުފާކުރާކަމަށް
ހޮސްޕިޓަލްގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކުން ބުނެއެވެ.