އިންގްލިޝް ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑްގެ އެގްޒެކެޓިވް ވައިސް ޗެއާމަންގެ މަޤާމް ފުރަމުން ގެންދާ އެޑް ވުޑްވަރޑް އޭނާގެ މަޤާމުން މިއަހަރުގެ ނިޔަލަށް ވަކިވާނެކަން ހާމަކޮށްފިއެވެ. މިކަން ޔުނައިޓެޑުން ހާމަކޮށްފައިވަނީ އެޓީމާއި އިތުރު ފަސް ކްލަބަކުން ޔޫރަޕިއަން ސުޕަރ ލީގުން ވަކިވިކަން ހާމަކުރުމުގެ ކުރިންނެވެ.
އުމުރުން 49 އަހަރުގެ ވުޑްވަރޑް ޔުނައިޓެޑާއި ގުޅިފައިވަނީ 2005 ވަނަ އަހަރުއެވެ. އަދި މިހާރު ފުރަމުންދާ މަގާމާއި ހަވާލުވެފައިވަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ކުރިންވެސް ވުޑްވަރޑް އޮތީ މިއަހަރުގެ ނިޔަލަށް މަގާމުން ވަކިވާން ނިންމާފައެވެ. ނަމަވެސް މިހާރު މިކަން ހާމަކުރުން އަވަސް ކޮށްލީއެވެ. ވުޑްވަރޑް ހާމަކުރިގޮތުގައި ދުނިޔޭގެ އެންމެ ބޮޑު ކްލަބަށް ވޭތުވެދިޔަ 16 އަހަރު މަސައްކަތް ކުރަން ލިބުނީތީ ވަރަށް އުފާވާކަމަށާއި އަދި އެއީ އޭނާއަށް ލިބިގެންދިޔަ ބޮޑު ޝަރަފެއް ކަމަށެވެ. އަދި މިވަގުތު ކްލަބް ދަނީ ވަރަށް ރަނގަޅު މިސްރާބަކުން ކަމަށާއި އަހަރު ނިމޭއިރު ވަކިވުން ވެގެންދާނީ ވަރަށް ހިތްދަތި ކަމަކަށެވެ. ޔޫރަޕިއަން ސުޕަރ ލީގުގައި ޔުނައިޓެޑުން މިދިޔަ އާދިއްތަ ދުވަހު ބައިވެރިވުމަށްފަހު އެޑް ވުޑްވަރޑްވަނީ ޔުއޭފާގެ ޕްރޮފެޝަނަލް ފުޓްބޯލް ސްޓްރެޓެޖީ ކައުންސިލްއިންވެސް އިސްތިއުފާ ދީފައެވެ.
އެޑް ވުޑްވާރޑް މަޤާމުން ވަކިވާކަން އިޢުލާން ކޮށްފައިމިވަނީ އެ ކްލަބްގެ ކޯ ޗެއަރމަން ޖޮއެލް ގްލޭޒަރ އާއި އެއްވެސް ވަރަކަށް މައްސަލަ ޖެހިގެން ނޫންކަމަށްވެއެވެ. އަދި ވުޑްވަރޑް އާއި ކްލަބްގެ ވެރިންނާއި ދެމެދު ވަރަށް ބަދަހި ގުޅުމެއް އެބައޮތް ކަމަށް މަޢުލޫމާތުލިބެއެވެ. އަދި ކްލަބާއި ވަކިވާކަން އިޢުލާން ކުރީ އޭނާ ވަކިވާން އުޅޭކަމުގެ ހަބަރު ލީކުވުމުން ކަމަށް މަޢުލޫމާތުލިބެއެވެ.