ޚަބަރު

ދިރާސީ ކަލަންޑަރު އާއްމުކޮށް، ފޮތްތައް ޗާފުކުރާނެ ބަޔަކު ހޯދަނީ


މިއަހަރުގެ ދިރާސީ އައު އަހަރު ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ޗާޕްކޮށްދޭނެ ބަޔަކު ހޯދުމަށް މަސައްކަތް ފަށައިފިއެވެ. ދިރާސީ އަހަރުގެ ކަލަންޑަރަށް ގެނައި ބަދަލާއިއެކު މި އަހަރުގެ ދިރާސީ އަހަރު ފެށޭނީ އޯގަސްޓްމަހުގެ 10 ވަނަ ދުވަހުގައެވެ.

އައު އަހަރަށް ބޭނުންވާ ފޮތްތައް ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތެއް ކަނޑައަޅާނީ ނޭޝަނަލް ކޮމްޕެޓެެޓިވް ބިޑިން އުސޫލުންކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނަން ރިފަންޑަބަލް ފީ އެއް ދައްކަން ޖެހޭނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބައެއް ގްރޭޑްތަކުގައި ކިޔަވާދޭ ފޮތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ފަށާފައެވެ. މިގޮތުން ބައެއް ފޮތްތައް ޑިޖިޓަލައިޒްކޮށް އެ ފޮތްތަށް ބޭނުންކޮށްގެން ފަންސާހަކަށް ސްކޫލްގައި މިހާރުވެސް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ކިޔަވާދެމުންނެވެ.

އާއްމުކޮށް ކޮންމެ އަހަރަކު ޖެނުއަރީ މަހު ފެށޭ ދިރާސީ އަހަރު އަހަރުގެ މެދުތެރެއަށް ބަދަލުކޮށް ދިރާސީ އަހަރުގެ ކަލަންޑަރުވެސް އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ އާއްމުކޮށްފައެވެ. އައު ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ދިރާސީ އަހަރު ފެށޭނީ އޮގަސްޓް މަހުގެ 10 ވަނަދުވަހުއެވެ.

ފުރަތަމަ ޓާމުގެ ކިޔެވުން ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ނިންމާ ދެވަނަ ޓާރމްގެ ކިޔެވުން ފަށާނީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގައެވެ. 2021 ވަނަ އަހަރުގެ ދިރަސީ އަހަރުގެ ކިޔެވުން ނިމި ދަރިވަރުން އަހަރީ ޗުއްޓީއަށް ދާނީ ޖުލައި މަހުގެ 3 ވަނަ ދުވަހުއެވެ. އަދި 2022 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ އެއަހަރުގެ އޯގަސްޓްމަހުގެ 7 ވަނަ ދުވަހުގައެވެ.

ދިރާސީ އަހަރަށް އެޑިއުކޭޝަން މިނިސްޓްރީން ބަދަލު ގެނައީ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އެމީހުންގެ ދަރިންނާއި އެކު ޗުއްޓީ ހޭދަކުރުމަށް ފުރުސަތު ތަނަސްވަސްކޮށްދިނުމުގެ ގޮތުންނެވެ. އަދި މި ބަދަލު ގެނެސްފައިވަނީ ކަމާއި ގުޅޭ އިދާރާތަކާއި ބެލެނިވެރިންގެ މަޝްވަރާއާއި ލަފާ ހޯދުމަށްފަހު އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި ގެނައި ބަދަލާއި އެކު ބައިނަލްއަޤްވާމީ ގޮތުން ދަރިވަރުންނަށް ލިބޭ ފުރުޞަތުތަކުގެ ބޭނުން ހިފުމަށް ކުރިޔަށް ވުރެ ބޮޑަށް މަގުފަހިވެގެންދާނެކަމަށެވެ. މީގެ އިތުރުން އެކި ސިނާއަތްތަކުގައި މަސައްކަތުގެ ތަޖުރިބާތައް ހޯދުމުގެ ފުރުޞަތުވެސް ދަރިވަރުންނަށް ލިބިގެންދާނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.