ޚަބަރު

ރާއްޖޭގެ ޓީޓީ ކުރިއަރުވަން އިންޑިއާގެ އެހީ


ރާއްޖޭގައި ޓޭބަލް ޓެނިސް ކުރިއެރުވުމަށް އިންޑިއާ ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފާއި އިންޑިއާގެ ޓޭބަލް ޓެނިސް ފެޑެރޭޝަންގެ ރައީސް ޑުޝްޔަންޓް ޗޯޓާލާ މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާ ބައްދަލުވުން ބާއްވާފައިވަނީ މިއަދު ހެނދުނު ޔޫތު މިނިސްޓްރީގައެވެ. މިއީ ރާއްޖެއަށް އިންޑިއާގެ ޓޭބަލް ޓެނިސް ފެޑެރޭޝަންގެ ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ބައްދަލުކުރެއްވުމެކެވެ.

މި ބައްދަލުކުރެއްވުމުގައި މުޅި ރާއްޖެއަށް އިންޑިއާގެ އެހީތެރިކަމާއެކު ޓީޓީ ފުޅާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންވަނީ މަޝްވަރާ ކުރައްވާފައެވެ. ހަމައެހެންމެ ރާއްޖޭގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތު ޔޫތު ޓުއަރ އަދި ސައުތު އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ. މިއީ އިންޑިއާގެ ޓީޓީ ފެޑެރޭޝަނަކުން ޤައުމަކާއެކު މިފަދަ މަސައްކަތްތަކެއް ކުރާ ފުރަތަމަ ފަހަރުކަމަށް އެ ފެޑެރޭޝަންގެ ރައީސް ވަނީ މިބައްދަލުކުރެއްވުމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި އޮންލައިންކޮށް ކޮމަންވެލްތު ޓޭބަލް ޓެނިސް ފެޑަރޭޝަންގެ ރައީސް އަދި ދުނިޔޭގެ މަޝްހޫރު ކުޅިވަރު ސާމާނު އުފައްދާ ކުންފުނި ސްޓެގްގެ ޗެއަރމަން ވިވެކް ކޯލީ ވެސް ބައިވެރިވެވަޑައިގަތެވެ. މިބައްދަލުވުމުގައި ރާއްޖޭގެ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ޓޭބަލް ޓެނިސްއަކީ މިހާރު ރާއްޖޭގައި އެންމެ ކާމިޔާބު އެއް ކުޅިވަރެވެ. 2019ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައިވެސް ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް ޓީމުންވަނީ 3 ރަން މެޑަލް ހޯދާފައެވެ. އަދި ދާދި ފަހުން ރާއްޖޭގެ ޒުވާން ހުނަރުވެރި ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ ޢަލީވަނީ ދުނިޔޭގެ ޓޭބަލް ޓެނިސް ރޭންކިންގެ ޖޫނިއާ ކެޓަގަރީން 8ވަނައިގައި ހިމެނިފައެވެ.