ޚަބަރު

2020ވަނަ އަހަރަކީ އެންމެ ހޫނުގަދަ ތިން އަހަރުގެ ތެރެއިން އެއް އަހަރު


2020ވަނަ އަހަރަކީ ދުނިޔެއިން މިހާތަނަށް ތަޖުރިބާކޮށްފައިވާ އެންމެ ހޫނުގަދަ ތިން އަހަރުގެ ތެރެއިން އެއް އަހަރުކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އދން ނެރުނު ރިޕޯޓެއްގައި ބުނީ ޤުދުރަތީ އަލިފާނުގެ ގިނަ ހާދިޘާތަކަކާއި ގިނަ ދުވަސްތަކެއް ވަންދެން ވާރޭނުވެހުމާއި ފެންބޮޑުވުމާއި ގަނޑުފެން ވިރުމުގެ ގިނަ ހާދިޘާތަކެއް މިދިޔަ އަހަރުގެ ތެރޭގައި ހިނގާފައިވާކަމަށެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން ގިނަ ކާރިޘާތަކެއް ހިނގުމުގެ އިތުރުން ކޯވިޑް-19ގެ ޙާލަތުގައި ޤައުމުތަކުން ކުރިމަތިލަމުންދިޔަ ފުރަބަންދުގެ ޙާލަތުގެ ސަބަބުން ޤުދުރަތީ ކާރިޘާތަކާ ކުރިމަތިލަމުންދިޔަ ސަރަޙައްދުތަކަށް ބޭނުންވާ މިންވަރަށް އެހީތެރިކަން ފޯރުކޮށްދެވިފައިނުވާކަމަށް ވޯލުޑު މީޓިޔޮރޮލޮޖިކަލް އޯގަނައިޒޭޝަން، ޑަބުލިޔުއެމުއޯގެ ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.

ޑަބުލިޔުއެމުއޯގެ ރިޕޯޓުގައި ބުނީ 1700ގެ އަހަރުތަކުގައި ދުނިޔެއަށް އިޤުތިޞާދީ އަދި އިޖުތިމާޢީ އިންޤިލާބެއް އައުމުގެ ކުރިން ދުނިޔޭގެ ހޫނުމިން ހުރި މިންވަރަށްވުރެ 2020ވަނަ އަހަރުގެ ދުނިޔޭގެ ހޫނުމިން ހުރީ ގާތްގަނޑަކަށް 1.2 ޑިގުރީ އިތުރަށްކަމަށެވެ. މިދިޔަ އަހަރު ދުނިޔެއިން ތަޖުރިބާކުރި ހޫނުމިނާއެކު 2020ވަނަ އަހަރަކީ 2016ވަނަ އަހަރާއި 2019ވަނަ އަހަރާއެކު ދުނިޔެއިން މިހާތަނަށް ތަޖުރިބާކޮށްފައިވާ އެންމެ ހޫނުގަދަ ތިން އަހަރުގެ ތެރެއިން އެއް އަހަރުކަމަށް އެ ރިޕޯޓުގައިވަނީ ބުނެފައެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި އާކުޓިކް ކަނޑުގައި ގަނޑުފެން ހުރި މިންވަރު މިދިޔަ އަހަރުގެ ދެ މަހު އޭގެ ކުރިން ދުވަހަކުވެސް ދަށަށް ނުދާ މިންވަރަށް ދަށަށް ގޮސްފައިވާކަމަށްވަނީ ފާހަގަކޮށްފައެވެ. އެ ކަނޑުގެ 80 އިންސައްތައަށްވުރެ ބޮޑު ބަޔަކަށް މަދުވެގެން އެއް މެރިން ހީޓުވޭވު އައިސްފައިވާކަމަށް ރިޕޯޓުގައިވަނީ ބުނެފައެވެ. އެމެރިކާގައި މިހާތަނަށް ހިނގާފައިވާ އެންމެ ބޮޑު ޤުދުރަތީ އަލިފާނުގެ ހާދިޘާތަކާއި އެންމެ ގިނަ ތޫފާނުތައްވެސް މިދިޔަ އަހަރުގެ ތެރޭގައި ތަޖުރިބާ ކުރެވިފައިވާކަމަށް ރިޕޯޓުގައިވަނީ ބުނެފައެވެ. ފާއިތުވި 80 އަހަރު ހޫނު ނުވާ މިންވަރަށް މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ކެލިފޯނިޔާގެ ޑެތު ވެލީގެ ހޫނުމިން އިތުރުވެފައިވާކަމަށްވެސް އެ ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ. 2020ވަނަ އަހަރު ދެކުނު ޕެސިފިކަށާއި ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ތޫފާންތަކަށްވެސް ރިޕޯޓުގައިވަނީ އަލިއަޅުވާލައިފައެވެ.

ކަނޑާއި އެއްގަމުގެ ފިނިހޫނުމިނާ ގުޅޭގޮތުން ކޮށްފައިވާ އިބްތިދާޢީ ދިރާސާތަކުގެ ނަތީޖާތައްވަނީ ރިޕޯޓުގައި ޔަޤީންކޮށްދީފައެވެ. އެ ރިޕޯޓު އާންމުކޮށްފައިވަނީ އެމެރިކާއިން އިސްވެ މި މަހުގެ 22ވަނަ ދުވަހު މޫސުމީ ބަދަލުތަކުގެ ބައްދަލުވުންތަކެއް ފެށުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

އދގެ ސެކެޓުރީ ޖެނެރަލް އެންތޯނިއޯ ގުތޭޚެޝް ވިދާޅުވީ މީގެ ކުރިން ނުހިނގާ މިންވަރަށް މޫސުމާ ގުޅުންހުރި ޤުދުރަތީ ހާދިޘާތައް ހިނގަމުންދާކަމަށާއި މި އަހަރަކީ އިންސާނީ ދަރިފަސްކޮޅުގެ ކުރިމަގަށް ވަރަށް މުހިންމު އަހަރެއްކަމަށެވެ. މޫސުމީ ބަދަލުތަކާ ގުޅިގެން ފިޔަވަޅު އެޅުމުގައި ވަގުތު ބޭކާރު ކުރެވެންނެތްކަން ރިޕޯޓުން ހާމަކޮށްދޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.