ޚަބަރު

ޞުލްޙައިގެ މަޝްވަރާތަކުގައި ބައިވެރިވުމުގައި ދެމިތިބުމަށް ޕާކިސްތާނުން ޠާލިބާނުންނަށް ގޮވާލައިފި


އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމުކުރުމަށް ކުރަމުންދާ މަޝްވަރާތަކުގައި ބައިވެރިވުމުގައި ދެމިތިބުމަށް ޕާކިސްތާނުން ޠާލިބާން ޖަމާޢަތަށް ގޮވާލައިފިއެވެ.

އަފްޣާސްނިތާނުގައި ތިބި ބޭރު ޤައުމުތަކުގެ ހުރިހާ ފައުޖުތަކެއް އެ ޤައުމު ދޫކޮށް ދިޔުމުން ނޫނީ އެ ޤައުމުގައި ޞުލްޙަ ޤާއިމުކުރުމުގެ އެއްވެސް މަޝްވަރާއެއްގައި ބައިވެރިނުވާނެކަމަށް ޠާލިބާނުންވަނީ ބުނެފައެވެ. އެ ޖަމާޢަތުން އެހެން ބުނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެމެރިކާއާއެކު އެ ޖަމާޢަތުން ސޮއިކުރި އެއްބަސްވުމެއްގައި ބުނެފައިވާ ގޮތާ ޚިލާފަށް މި އަހަރުގެ މެއި މަހުގެ 1ވަނަ ދުވަހުގެ ފަހުން އެމެރިކާގެ ފައުޖުތައް އަނބުރާ ގެންދާނެކަމަށް އެމެރިކާއިން އިޢުލާނުކުރުމުންނެވެ. އެމެރިކާއިންވަނީ ސެޕްޓެންބަރު މަހުގެ 11ވަނަ ދުވަހުގެ ކުރިން އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އަނބުރާ ޤައުމަށް ގެންދާނެކަމަށް ބުނެފައެވެ.

ޠާލިބާނުންގެ ނިންމުމުގެ ސަބަބުން އޭޕްރިލް މަހުގެ 24ވަނަ ދުވަހު އެ ޖަމާޢަތާއި އަފްޣާނިސްތާނާ ދެމެދު ތުރުކީވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޞުލްޙައިގެ މަޝްވަރާތަކަށްވަނީ ހިޔަނި އެޅިފައެވެ. ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހު މަޙުމޫދު ޣުރައިޝީ ވިދާޅުވީ ޠާލިބާނުންގެ ނިންމުންތައް އަމިއްލައަށް ނިންމި ނަމަވެސް މަޝްވަރާތަކުގައި ބައިވެރިވުމުގައި ދެމިހުރުމަކީ އަފްޣާނިސްތާނުގެ މަސްލަޙަތަށް އެންމެ ރަނގަޅު ގޮތްކަމަށް ވިސްނައިދިނުމަށް ޕާކިސްތާނުން މަސައްކަތްކުރަމުންދާނެކަމަށެވެ. ލޮޖިސްޓިކު މައްސަލަތަކުގެ ސަބަބުން ކަނޑައެޅިފައިވާ ތާރީޚަށް ސިފައިން ބޭލުން ލަސްވުން އެކަށީގެންވާކަމަށާއި ސެޕްޓެމްބަރު މަހުގެ 11ވަނަ ދުވަހުގެ ކުރިން އެމެރިކާގެ ފައުޖުތައް އެ ޤައުމުން ދިޔުމަކީ ޠާލިބާނުންނަށް ލިބޭނެ ކާމިޔާބީއެއްގެ ގޮތުގައި ދެކުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމަން އެ ތާރީޚާ ހަމައަށް ފުރުޞަތު ދިނުން މުހިންމުކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެމެރިކާއާއި ޠާލިބާނުންނާ ދެމެދުވެފައިވާ ޞުލްޙައިގެ އެއްބަސްވުން ޤާއިމުކުރުމުގައި ޕާކިސްތާނުންވަނީ މުހިންމު ދަޢުރެއް ޢަދާކޮށްފައެވެ.