ކުޅިވަރު

ލީޑްސް އާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރު



އިންގްލިޝް ޕްރިމިއަރ ލީގުގައި ލީޑްސް ޔުނައިޓެޑާއި އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. ލީޑްސްގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ އެއްލަނޑު އެއްލަނޑުން ދެޓީމް އެއްވަރުވެގެންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗް ފެށުމުގެ ކުރިން ބޭއްވި ވާރމް އަޕްގައި ލީޑްސްގެ ކުޅުންތެރިންވަނީ އަލަށް ފަށަން މަސައްކަތް ކުރާ ޔޫރަޕިއަން ސުޕަރ ލީގުގައި ލިވަޕޫލުން ބައިވެރިވެފައިވާތީ އެކަމާ އެކްލަބުން ދެކޮޅުކަން ހާމަކޮށްދޭ ލިޔުން ޖަހާފައިވާ ޓީޝަރޓް ލާފައެވެ. އަދި ދަނޑު ބޭރުގައިވެސްވަނީ ލީޑްސް އާއި އެހެން ކްލަބް ތަކުގެ ސަޕޯޓަރުން އެއްވެ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. މިމެޗްގައި ލީޑްސްއިން ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ލިވަޕޫލުންވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން މެޗްގައި ލިވަޕޫލުންޖެހި ހަމައެކަނި ލަނޑު މެޗްގެ 31 ވަނަ މިނެޓްގައި ޖަހާދިނީ ސޯޑިއޯ މާނޭއެވެ. އަދި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިވަޕޫލަށް ފުރަތަމަ ހާފްގައި ލިބިގެންދިޔައެވެ. މިމެޗްގައި ލީޑްސްއިން ހިތްވަރު އެލުވާނުލާ މެޗްގެ ނަތީޖާ ހަމަހަމަ ކުރުމަށް ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗް ނިމެން 3 މިނެޓަށް ވެފައިވަނިކޮށް ލީޑްސްއިން މެޗްގެ ނަތީޖާ ހަމަހަމަ ކުރުމެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ޑިއޭގޯ ލޮރެންޓޭއެވެ.

މިމެޗް އެއްވަރު ވުމުން ލީގުގެ ހަތަރު ވަނައިގާ އުޅޭ ވެސްޓް ހޭމް ޔުނައިޓެޑާއި ޕޮއިންޓްގެ ގޮތުން އެއްވަރު ކުރުމަށް ލިވަޕޫލަށް ލިބިގެންދިޔަ ފުރުސަތު މިވަނީ ގެއްލިގެން ގޮސްފައެވެ. ލިވަޕޫލަށް މިހާރު ލިބިފައިވަނީ ކުޅުނު 32 މެޗުން 53 ޕޮއިންޓެވެ. އަދި މިވަގުތު އޮތީ ތާވަލްގެ ހަވަނައިގައެވެ. އަދި ލީޑްސް އުޅެނީ ކުޅުނު 32 މެޗުން ލިބިފައިވާ 46 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައިގައެވެ.