ޚަބަރު

މުޒާހަރާއިގެ ބައިވެރިންގެ އަތްދަށުވި ޕާކިސްތާނުގެ ފުލުހުން ދޫކޮށްލައިފި


މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަށް ފުރައްސާރަކުރުމާ ދެކޮޅަށް ޕާކިސްތާނުގައި ކުރި މުޒާހަރާތަކުގައި ވަގަށް ނަގާފައިވާ 11 ފުލުހުން ދޫކޮށްލައިފިއެވެ.

ފަރަންސޭސިވިލާތުގެ މުދައްރިސަކު މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމުގެ ކާޓޫނުތަކެއް އޭނާގެ ދަރިވަރުންނަށް ދެއްކުމުން އޭނާވަނީ މިދިޔަ އަހަރުގެ ތެރޭގައި މަރާލައިފައެވެ. އެއާއެކު އިސްލާމީ ގިނަ ޤައުމުތަކެއްގައި ފަރަންސޭސިވިލާތާ ދެކޮޅަށް ގިނަ މުޒާހަރާތަކެއް ކޮށްފައިވެއެވެ. ނަމަވެސް އެ ޤައުމުންވަނީ އެ ކާޓޫނުތައް އަނެއްކާވެސް ޝާޢިރުކޮށްފައެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އޭރުވަނީ ފަރަންސޭސިވިލާތުގެ ސަފީރު ޤައުމަށް ފޮނުވާލައްވައި ޕާކިސްތާނުގައި ފަރަންސޭސިވިލާތުގެ އުފެއްދުންތައް ވިއްކުން މަނާކުރެއްވުމަށް ޤަރާރެއް އޭޕްރިލް މަހުގެ 20ވަނަ ދުވަހުގެ ކުރިން ހުށަހަޅުއްވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ.

ފަރަންސޭސިވިލާތާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން މުޒާހަރާކުރުމަށް ޕާކިސްތާނުގެ ހައްދުފަހަނައަޅާފައިވާ ޖަމާޢަތެއްކަމަށްވާ ތަހުރީކީ ލަބައިކު ޕާކިސްތާނުން ދިޔައީ ރާވަމުންނެވެ. ފަރަންސޭސިވިލާތާ ދެކޮޅަށް މުޒާހަރާކުރުމަށް ރާވަމުންދަނިކޮށް އެ ޤައުމުގެ ފުލުހުންވަނީ އެ ޖަމާޢަތުގެ އިސްވެރިޔާ ސަޢުދު ޙުސައިން ރިޒުވީ ޙައްޔަރުކޮށްފައެވެ. އެއާއެކު އުފެދުނު ހަމަނުޖެހުންތަކުގައި ހަތަރު ފުލުހުން މަރުވެ 500އަށްވުރެ ގިނަ މީހުން ޒަޚަމްވިއެވެ. އަދި ފުލުހުންގެ 11 މީހުން އެ ޖަމާޢަތުންވަނީ ވަގަށް ނަގައިފައެވެ.

ޕާކިސްތާނުގެ ދާޚިލީ ވަޒީރު ޝައިޚު ރާޝިދު އަޙްމަދު ވިދާޅުވީ ވަގަށް ނެގި 11 ފުލުހުން މިހާރު ދޫކޮށްލާފައިވާކަމަށެވެ. އަދި އެ ޖަމާޢަތާއެކު ސަރުކާރުން މަޝްވަރާތައް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. މިހާތަނަށް ދެ ބުރެއްގެ މަތިން މަޝްވަރާތައް ބާއްވާފައިވާކަމަށާއި އިތުރު މަޝްވަރާތަކެއް ކުރުމަށް ރާވާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.