ޚަބަރު

ބަންގްލަދޭޝުގެ ފުރަބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި


ކޯވިޑް-19އާ ގުޅިގެން ބަންގްލަދޭޝުގައި އިޢުލާނުކޮށްފައިވާ ފުރަބަންދުގެ މުއްދަތު އިތުރު އެއް ހަފުތާއަށް އިތުރުކޮށްފިއެވެ.

ބަންގްލަދޭޝުގައި މިހާތަނަށް 723،311 މީހުންނަށް ކޯވިޑް-19 ޖެހި 10،500 މީހުންވަނީ މަރުވެފައެވެ. ބަންގުލަދޭޝުގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވުމުން 9 ދުވަހުގެ މުއްދަތަކަށް އެ ޤައުމު ދެވަނަ ފަހަރަށް ފުރަބަންދު ކުރީ އޭޕުރިލް މަހުގެ 5ވަނަ ދުވަހުއެވެ. އެއާއެކު އެ ޤައުމުގެ ހުރިހާ އިދާރާތަކާއި ވިޔަފާރި މަރުކަޒުތައް ބަންދުކޮށް ދަތުރުފަތުރު ކުރުންވަނީ ހުއްޓާލައިފައެވެ. ނަމަވެސް އޭޕުރިލް މަހުގެ 9ވަނަ ދުވަހު އެ ޤައުމުގައި ރެކޯޑު ޢަދަދެއްގެ މީހުންނަށް ބަލިޖެހުމުން ފުރަބަންދުގެ މުއްދަތުވަނީ އޭޕުރިލް މަހުގެ 21ވަނަ ދުވަހަށް އިތުރުކޮށްފައެވެ.

ބަންގްލަދޭޝުގެ ސަރުކާރުން ބުނީ އޭޕުރިލް މަހުގެ 22ވަނަ ދުވަހުން ފެށިގެން އިތުރު އެއް ހަފުތާއަށް ފުރަބަންދުގެ އުޞޫލުތައް ދެމެހެއްޓުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ. އެގޮތަށް ނިންމީ ޤައުމުގެ ޙާލަތަށް ބެލުމަށް ފަހުކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެއެވެ.

ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވުމުން 160 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބަންގްލަދޭޝުގެ ޞިއްޙީ ނިޒާމަށްވަނީ ވަރަށް ބޮޑަށް ބާރުބޮޑުވެފައެވެ. ޞިއްޙީ ނިޒާމަށް އޮތް ބުރަ ލުއިކުރުމުގެ ގޮތުން އެ ޤައުމުގައި 1،000 އެނދުގެ ހަސްފަތާލެއް ޤާއިމުކޮށް މިދިޔަ ހަފުތާގެ ތެރޭގައި ހުޅުވާފައިވެއެވެ.