ޚަބަރު

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އިންޑިޔާއަށް ވަޑައިނުގަންނަވާން ނިންމަވައިފި


އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން އިންޑިޔާއަށް ވަޑައިނުގަންނަވަން ނިންމަވައިފިއެވެ. އޭނާ އެގޮތަށް ނިންމެވީ ކޯވިޑް-19އާ ގުޅިގެން އިންޑިޔާގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވުމުންނެވެ.

ފާއިތުވި ދުވަސްތަކުގައި އިންޑިޔާގައި ކޯވިޑް-19 ފެތުރޭ މިންވަރުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެމެރިކާއަށްފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވަނީ އިންޑިޔާގައެވެ. އެ ޤައުމުގައި މިހާތަނަށް 15 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 179،795 މީހުންވަނީ މަރުވެފައެވެ. ދުވާލެއްގެ މައްޗަށް 200،000އަށްވުރެ ގިނަ މީހުންނަށް އެ ޤައުމުގައި ބަލިޖެހެއެވެ. ބަލިފެތުރޭ މިންވަރު ދަށްކުރުމަށް އެ ޤައުމުގެ ބައެއް ސްޓޭޓުތައްވަނީ ފުރަބަންދުކޮށްފައެވެ.

އިނގިރޭސިވިލާތާއި އިންޑިޔާގެ ސަރުކާރުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނީ އިންޑިޔާއަށް ޖޮންސަން ދަތުރުކުރެއްވުމުގެ ބަދަލުގައި ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާމެދު ފަހުގެ ތާރީޚެއްގައި ދެ ޤައުމުގެ ބޮޑުވަޒީރުން މަޝްވަރާކުރުމަށް ނިންމާފައިވާކަމަށެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ޖޮންސަން ވިދާޅުވީ އަންނަ ހަފުތާގައި އިންޑިޔާއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރާ ގުޅޭގޮތުން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ މަޝްވަރާކުރައްވައި ދަތުރު ފަސްކުރެއްވުމަށް ދެބޭފުޅުން އެއްބަސްވެވަޑައިގެންފައިވާކަމަށެވެ. ނޮވެންބަރު މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕު ސަމިޓުގެ ކުރިން މޯދީއާ ބައްދަލުކުރެއްވޭނެކަމަށް އުންމީދުކުރައްވާކަމަށާއި ޖޫން މަހުގެ ތެރޭގައި ބާއްވާ ޖީ7ގެ ބައްދަލުވުމުގައި މޯދީއާ ބައްދަލުކުރެއްވޭނެކަމަށް އުންމީދުކުރައްވާކަމަށްވެސް ޖޮންސަން ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ޖޮންސަން އިންޑިޔާއަށް ދަތުރުކުރެއްވުމަށް މަސައްކަތްކުރެއްވީ މިދިޔަ ޖަނަވަރީ މަހުއެވެ. ނަމަވެސް ކޯވިޑް-19ގެ ސަބަބުން އިނގިރޭސިވިލާތުގެ ޙާލަތު ގޯސްވުމުން އޭޕުރިލް މަހަށް ދަތުރުވަނީ ފަސްކޮށްފައެވެ.