ފޯމިއުލަރ ވަން ކާރު ރޭސް ސީޒަންގެ ދެވަނަ ރޭސް ކަމަށްވާ އެމީލިއާ ރޮމަންޔާ ގްރޯން ޕްރީ ރެޑް ބުލްގެ މެކްސް ވަރސްޓަޕެން ކާމިޔާބުކޮށްފިއެވެ. މިއީ ވަރސްޓަޕެން މިރޭސް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
ވަރަށް ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުރިމަތިލުންތަކެއް މިރޭހުގައި ފެނިގެންދިޔައެވެ. ވާރޭ ވެހުމުގެ ސަބަބުން ރޭހުގެ ކުރީކޮޅުގައި ގިނަ ދުއްވުންތެރިންނަށް ކޮންމެވެސް ވަރަކަށް ނުރައްކާތެރި ހާދިސާތަކާއި ކުރިވިކަން ފާހަގަވެގެންދިޔައެވެ. މިގޮތުން ރޭހުގެ ކުރީކޮޅު ސޭފްޓީ ކާރު ނެރެފައިވާއިރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގުމުގެ ސަބަބުން ރެޑް ފްލެގްވެސްވަނީ މިރޭހުގައި ނަގަން ޖެހިފައެވެ. މިގޮތުން މަރސިޑީޒްގެ ޑްރައިވަރ ވެލްޓެރީ ބޮޓާސް އާއި ވިލިއަމްސްގެ ޖޯޖު ރަސެލްގެ ކާރު އެކްސިޑެންޓްވެ ރޭސް މެދުކަނޑާލަންޖެހުނެވެ. ރޭސް މެދުކަނޑާލުމުގެ ފައިދާ އެންމެ ބޮޑަށް ލިބުނީ މިރޭހުން ދެވަނައަށް ދިޔަ އެފް ވަންގެ ދުނިޔޭގެ ޗެމްޕިއަން މަރސިޑީޒްގެ ލުއިސް ހެމިލްޓަންއަށެވެ. ބޮޓާސް އެކްސިޑެންޓް ވުމުގެ އެއް ލެޕް ކުރިން ހެމިލްޓަންގެ ކާރާއި ރަސެލްގެ ކާރު ޖެހި ހިނގި ކުޑަ އެކްސިޑެންޓެއްގައި ރޭހުގެ އެއްވަނައިގާ އޮވެގެންފެށި ހެމިލްޓަން 8 ވަނައަށް ފަހަތަށް ވެއްޓުނެވެ. އަދި މިރޭހުގައި އެކްސިޑެންޓް ނުހިނގި ނަމަ މިރޭހުން ދެވަނަ މަގާމް ހޯދުން ހެމިލްޓަންއަށް ނާދިރު ކަމަށްވީހެވެ. މިރޭހުން ތިންވަނައަށް ދިޔައީ މެކްލެރެންގެ ލަންޑޯ ނޮރިސްއެވެ. މިރޭހުގައި ނޮރިސްވަނީ ވަރަށް ރަނގަޅަށް ޕަރފޯމް ކޮށްފައެވެ. އަދި މިރޭހުން ހަތަރު ވަނައަށް ފެރާރީގެ ޗާލްސް ލެލާރކް ދިޔައިރު ފަސްވަނައަށް ދިޔައީ ފެރާރީގެ ކާލޯސް ސައިންޒްއެވެ.
މިރޭސް ކާމިޔާބު ކުރުމާއެކު ވަރސްޓަޕެންއަށް ލިބުނު 25 ޕޮއިންޓާއެކު މިހާރުވަނީ މިސީޒަންގެ ސްޓޭންޑިންގ ގައި ޕޮއިންޓް ތާވަލްގެ އެއްވަނައިގާ އުޅޭ ލުއިސް ހެމިލްޓަންއާއި އެއް ޕޮއިންޓަށް ގާތްވެފައެވެ. ލުއިސް ހެމިލްޓަންއަށް ޕޮއިންޓް ތާވަލްގައި އެއް ޕޮއިންޓްގެ ލީޑެއް ލިބިފައިވަނީ އެމިލިއާ ރޮމަންޔާ ގްރޯން ޕްރީގައި އެންމެ އަވަހަށް އެއް ލެޕް ޖެހި ކާރަށް ލިބޭ އިތުރު އެއްޕޮއިންޓާއެކުއެވެ. މިގޮތުން ހެމިލްޓަށންއަށް 44 ޕޮއިންޓް ލިބިފައިވާއިރު ވަރސްޓަޕަންއަށް ލިބިފައިވަނީ 43 ޕޮއިންޓެވެ. އަދި ތިންވަނައިގައި އުޅޭ ނޮރިސްއަށް ލިބިފައިވަނީ 27 ޕޮއިންޓެވެ. އަދި ކޮންސްޓްރަކްޓަރސް ޓޭބަލްގެ އެންމެ ކުރީގައި 60 ޕޮއިންޓާއެކު މަރސިޑީޒް އުޅޭއިރު ރެޑް ބުލް އުޅެނީ 53 ޕޮއިންޓާއެކު ދެވަނައިގައެވެ. އަދި ތިންވަނައިގާ އުޅެނީ 41 ޕޮއިންޓާއެކު މެކްލެރެންއެވެ.
ފޯމިއުލަރ ވަން ކާރު ރޭސް ސީޒަންގައި ދެން އޮންނާނީ މިމަހުގެ 30 ގައި އޮންނަ ޕޯޗުގީސް ގްރޯން ޕްރީއެވެ.